ބޭރު ބޯޓުތަކުގެ މައްސަލަ ބޭރުކޮށްލުމުން މަސްވެރިން ރަތަށް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް ހުއްޓުވާފައި -- ފޮޓޯ: މަހިބަދޫ މަސްވެރިން / ފޭސްބުކް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާ އަަޅައިގެން މަސްވެރިކަން ކުރާ ބޭރުގެ ބޯޓު ފަހަރު އިތުރުވަމުން އަންނާތީ، މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމުން މަސްވެރިން އެކަމާ ނުރުހުން ފާލުކުރަން ފަށައިފިއެވެ.

މަސްވެރިންނާއި މަސްވެރިކަމުގައ ިހަރަކާތްތެރިވާ ފަރާތްތައް ތަމްސީލު ކުރާ ޖަމްއިއްޔާ ތަކުން ވަނީ މި މައްސަލަ ބޭރުކޮށްލުމުން އެކަމާ ނުރުހުން ފާޅުކޮށް އެމީހުންގެ ޝުއޫރުތައް ސޯޝަލް މީޑިއާ އަށް ބަންޑުން ކޮށްލައިފައެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ދާއަޅާ ބޯޓުފަހަރު ގިނަވުމުންދާތީ މެންބަރު ތޯރިގު ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި އެއީ ހަގީގަތުގައިވެސް މަސްވެރިންނަށް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އެ ޔޫނިއަންގެ ރައީސް ހުސައިން ނަޝީދު "ސަން" އަށް ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގައި ލޭނު އަޅައިގެން އަދި ދާ އަޅައިގެންވެސް ބޭރުގެ ބޯޓު ފަހަރުން މަސްވެރިކަން ކުރާ ކަމަށެވެ.

އާންމުކޮށް މިފަދަ އުޅަނދުތައް ފެންނަނީ މަސްވެރިކަމުގައި އުޅޭ އުޅަނދުފަހަރަށް ކަމަށާއި ބޭރުގެ އުޅަނދުތަކުން ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅޭ މައްސަލަ ކޯސްޓުގާޑަށް ރިޕޯޓު ކުރަނީވެސް ދިވެހި މަސްވެރިންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ކޯސްޓު ގާޑުން އަންނަންދެން މަސްވެރި އުޅަނދުތަކުން ބޭރުގެ މަސްބޯޓު ހިފަހައްޓައިގެން އޮންނަން އެބަޖެހޭ. އޭރަށްވެސް އެބަ ގެއްލޭ އަޅުގަނޑުމެންގެ މަސްވެރިކަމުގެ އެއްދުވަސް ނޫނީ ދެ ދުވަސް. ކޯސްޓުގާޑަށްވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރަނގަޅަށް މޮނީޓާ ކޮށް ނުބެލެހެއްޓޭ ކަމަކީވެސް އަޅުގަނޑުމެންގެ ކަންބޮޑުވުމެއް،"

އޭނާ ވިދާޅުވީ އަބަދުވެސް އިވޭނީ މަސްވެރި އުޅަނދަކުން ބޭރުގެ މަސްބޯޓެއް ހިފަހައްޓައިގެން ކޯސްޓުގާޑަށް ރިޕޯޓު ކުރާ ހަބަރު ކަމަށާއި، ކޯސްޓުގާޑުން ގަވާއިދުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނީޓާކޮށް ބަލަހައްޓަން ޖެހޭ ކަމަށެވެ.

"މިހާތަކަށް އައިސް ބޭރުގެ މަސްބޯޓުތަކުން ރާއްޖޭގެ ވަރަށް އެތެރެއަށް ވަދެ ދާއަޅައިގެން މަސްވެރިކަން ކުރޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ދާ އަޅައިގެން މަސްވެރިކަން ކުރުމުން ހަމައެކަނި ނެގެނީ މަސް ނޫން ކަމަށައި ކަނޑުގެ އެހެން ދިރުންތައްވެސް އެގެ ސަބަބުން ނެތި ދާކަމަށެވެ. މިއީ ރާއްޖޭގެ ކަނޑުގެ ދިރުންތައް ނެތި ދިޔުމުގެ ބިރު އޮތް ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.

ތޯރިގުގެ ގަރާރުގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ ސަރަހައްދަށް ބޭރުގެ ބޯޓު ތަކުން ވަދެ ދާ އަޅައިގެން މަސްވެރިކަން ކުރަމުން އަންނާތީ އެކަމުގެ އަސަރު ދިވެހި މަސްވެރިކަމަށް ކުރަމުން އަންނަ ކަމަށެެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަތުމާ ގުޅޭގޮތުން ނެގި ވޯޓުގައި ބައިވެރިވި 39 މެމްބަރުންގެ ތެރެއިން، ފެންނަ ކަމަށް ވޯޓުދެއްވީ 10 މެމްބަރުންނެވެ. އަދި 26 މެމްބަރަކު ވޯޓުދެއްވީ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށެވެ.

ހުސްވި ފެބުރުއަރީ މަހު ނ. އަތޮޅު ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ބޯޓެއް ވަނީ ހިފަހައްޓައިފަ އެވެ. އެ ބޯޓު ހިފަހައްޓައި ކަމާބެހޭ ފަރާތްތަކާ ހަވާލުކުރީ ދިވެހި މަސްވެރިންނެވެ. ނަމަވެސް އެ ބޯޓާ މެދު ފިޔަވަޅެއް ނާޅާ ވަނީ ދޫކޮށްލައިފަ އެވެ. އެ މައްސަލައިފައި މެމްބަރު ތޯރިގު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ތޯރިގު ވިދާޅުވީ އެފަދަ ބޯޓުތަކަށް ފިޔަވަޅު ނޭޅުމަކީ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް އިހުމާލުވުން ކަމަށެވެ. އެހެންކަމުން އެފަދަ ބޯޓުތަކާ މެދު ފިޔަވަޅު އަޅައި އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމަށް އިތުރު ސަމާލުކަމެއް ދިނުމަށް ގޮވައިލި އެވެ.

އެ މައްސަލާގައި ނިޒާމީ ނުގުތާ އެއް ނަންގަވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ގޭޓެއް ލާފައި ބަނދުކޮށްފިއި އޮތް ތަނެއް ނޫން ކަމަށާއި އެހެންވެ. އޮޔާވެސް ދޯނިތައް އައިސްދާނެ ކަމަށެވެ

އޭނާ ވިދާޅުވީ ޓޮމް ހުށަހެޅުއްވި ގަރާރަކީ "ހަގީގަތާ ހިލާފު" ގަރާރެއް ކަމަށެވެ.

"އެންމެ ބޯޓެއް، ކުޑަކުޑަ އެންމެ ބޯޓެއް މިތަނަށް ވަދެގެން މާބޮޑު ކަމަކަށް ހަދައިގެން މިތަނަށް ކުއްލި މައްސަލަ ލާ، އަޅުގަނޑުމެންގެ މަސައްކަތްތައް ބޭކާރު ކުރަންވެގެން،" އަނދުން ހުސައިން ދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އާދަޔާހިލާފަށް ގިނައިން ބޭރުގެ އުޅަނދުތައް ފެންނަ ވާހަކަ އަކީ ދޮގު ވާހަކައެއް ކަމަށެވެ.

އަނދުން ހުސައިންގެ އެ ވާހަކައަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

"މަހިބަދޫ މަސްވެރިން" ގެ ނަމުގައި ފޭސްބުކް ގައި ހަރަކާތްތެރިވާ ޕޭޖަކުން ބުނީ މަސްވެރިން އަތުލައިގަނެ ކޯސްޓް ގާޑާ ހަވާލުކުރާ އުޅަނދުފަހަރަކީ ގަވައިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދުގައި އުޅޭ އުޅަނދު ފަހަރު ނޫންކަން މިއަދު އެނގިގެން ގޮސްފި ކަމަށެވެ.

"މީވާ މަސްވެރިން ތިޔަ ފަރާތުން ސާފުކޮށްލަން ބޭނުންވަނީ މީގެެ ފަހުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެންނަ ބޭރުގެ މަސްބޯޓު އާ ވައްތަރުގެ އޮޔާ ލައްވާ ތަކެތި ހިފަހައްޓާ ކޯސްޓް ގާޑާ ހަވާލުކުރަން ވީތޯ، ނޫނީ އަޅާނުލާ ދޫކޮށްލަންވީތޯ؟" އެ ޕޭޖުން ކޮށްފައިވާ ޕޯސްޓުގައި ކޯސްޓްގާޑާށް އެޑްރެސްކޮށް ބުނެފައި ވެއެވެ.

ރާއްޖޭގެ އިގްތިސޯދުގައި މަސްވެރިކަމަކީ މުހިއްމު ސިނާއަތަކަށްވެފައި، މިއީ ދިވެހި ގިނަ އާއިލާތަކަކާ ގުޅުންހުރި ކަމަކަށްވާއިރު، މަސްވެރިންގެ އެ ކަންބޮޑުވުން ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލާފައިވާތީ މަސްވެރިން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.

comment ކޮމެންޓް