ބޭރުގެ ބޯޓުތަކުން ރާއްޖޭގައި ދާ އަޅާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާ އަަޅައިގެން މަސްވެރިކަން ކުރާ ބޭރުގެ ބޯޓު ފަހަރު އިތުރުވަމުން އަންނާތީ، މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

މެމްބަރު މައްސަލަ ހުށަހެޅުއްވީ ބޯޓުތަކުގެ މައްސަލައިގައި ވަގުތުން ވަގުތަށް ފިޔަވަޅު އަޅައި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމަށް އިތުރު ސަމާލުކަން ދިނުމަށް ސަރުކާރަށް ގޮވާލުމަށެވެ.

ތޯރިގު ވިދާޅުވެފައި ވަނީ، ރާއްޖޭގެ ސަރަހައްދަށް ބޭރުގެ ބޯޓު ތަކުން ވަދެ ދާ އަޅައިގެން މަސްވެރިކަން ކުރަމުން އަންނާތީ އެކަމުގެ އަސަރު ދިވެހި މަސްވެރިކަމަށް ކުރަމުން އަންނަ ކަމަށެެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަތުމާ ގުޅޭގޮތުން ނެގި ވޯޓުގައި ބައިވެރިވި 39 މެމްބަރުންގެ ތެރެއިން، ފެންނަ ކަމަށް ވޯޓުދެއްވީ 10 މެމްބަރުންނެވެ. އަދި 26 މެމްބަރަކު ވޯޓުދެއްވީ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށެވެ.

ހުސްވި ފެބުރުއަރީ މަހު ނ. އަތޮޅު ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ބޯޓެއް ވަނީ ހިފަހައްޓައިފަ އެވެ. އެ ބޯޓު ހިފަހައްޓައި ކަމާބެހޭ ފަރާތްތަކާ ހަވާލުކުރީ ދިވެހި މަސްވެރިންނެވެ. ނަމަވެސް އެ ބޯޓާ މެދު ފިޔަވަޅެއް ނާޅާ ވަނީ ދޫކޮށްލައިފަ އެވެ. އެ މައްސަލައިފައި މެމްބަރު ތޯރިގު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ތޯރިގު ވިދާޅުވީ އެފަދަ ބޯޓުތަކަށް ފިޔަވަޅު ނޭޅުމަކީ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް އިހުމާލުވުން ކަމަށެވެ. އެހެންކަމުން އެފަދަ ބޯޓުތަކާ މެދު ފިޔަވަޅު އަޅައި އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމަށް އިތުރު ސަމާލުކަމެއް ދިނުމަށް ގޮވައިލި އެވެ.

comment ކޮމެންޓް