ޑަބްލިއުއެލްޓީއަށް 3.3 މިލިއަން ޑޮލަރު ދިނުމަށް އެއިމްސްއަށް އަންގައިފި

މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް-- ސަން ފޮޓޯ/ އަހްމަދު ސައީދު

ވިލާ ގުރޫޕުގެ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) ކުންފުންނަށް 3.3 މިލިއަން ޑޮލަރު ދައްކަން އެއާޕޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް)ގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

އެ މައްސަލައަކީ ސަރުކާރު ކުންފުނިތަކެއް ގުޅިގެން އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނިން ރިސޯޓް ހެދުމަށްޓަކައި ޑަބްލިއުއެލްޓީ އަށް ތިން ރަށެއް ދޭން 2007ގައި އެއްބަސްވެ، އެޑްވާންސްގެ ގޮތުގައި 16.9 މިލިއަން ޑޮލަރު ނެގުމަށް ފަހު އެ ރަށްތައް ދީފައި ނުވާތީ އެޑްވާންސް ފައިސާ އާއި ގެއްލުމުގެ ބަދަލު ހޯދުމަށް ޑަބްލިއުއެލްޓީއިން ކޯޓަށް ވައްދާފައިވާ މައްސަލައެކެވެ.

އެޑްވާންސަށް ނެގި ފައިސާގެ ތެރެއިން ދައުލަތާއި އެއިމްސްއިން ޑަބްލިއުއެލްޓީއަށް ދައްކަން ޖެހޭ 16.9 މިލިއަން ޑޮލަރުގެ ތެރެއިން ދައުލަތުން ދައްކަން ޖެހޭ ބަޔަކީ 15 މިލިއަން ޑޮލަރެވެ. އަދި ފިނޭންސް ކޯސްޓުގެ ގޮތުގައި ދައްކަން ޖެހޭ 13.2 މިލިއަން ޑޮލަރުގެ ތެރެއިން ދައުލަތުން ދައްކަން ޖެހެނީ 11.7 މިލިއަން ޑޮލަރެވެ.

އެއިމްސް އިން ޒިންމާވާން ޖެހެނީ އެޑްވާންސަށް ނެގި ފައިސާ އިން 1.9 މިލިއަން ޑޮލަރާއި ފައިނޭންސް ކޯސްޓުގެ ގޮތުގައި 1.4 މިލިއަން ޑޮލަރަށެވެ.

ވިލާ ޝިޕިން އެންޑް ޓްރޭޑިން އާއި އެކުންފުންޏާ ގުޅުންހުރި ހަ ކުންފުންޏަކުން ޓެކުހުގެ ގޮތުގައި ދައުލަތަށް ނުދައްކާ ހުރި ފައިސާއަށް ކެނޑުމަށް ފަހު ދައުލަތުން ދައްކަން ޖެހޭ ފައިސާ ދައްކައި ނިންމާފައިވާކަން އެނގެން އޮތް ކަމަށެވެ.

ނަމަވެސް އެޑްވާންސް ފައިސާގެ ތެރެއިން އެއިމްސް އިން ދައްކަންޖެހޭ 1.9 މިލިއަން ޑޮލަރު ދައްކާފައި ނުވާ ކަމަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވެ އެވެ.

އެހެންކަމުން އެއިމްސްއިން ދައްކަން ޖެހޭ 1.9 މިލިއަން ޑޮލަރާއި 1.4 މިލިއަން ޑޮލަރު (ޖުމުލަ 3.3 މިލިއަން ޑޮލަރު) މާޗު ހަތަކުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށް އެ ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

comment ކޮމެންޓް