ގާނޫނުގައި ބުނާ މުއްދަތު ހަމަވިއިރުވެސް އަރުޝަދު ދޫކޮށްލި މައްސަލާގައި ގޮތެއް ނުނިންމާ

ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު، 24، އާއި ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު 50 --

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާދާއިރާއެއްގައި އެތަކެތީގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއްގެ އިސް ލީޑަރު ކަމަށް ފުލުހުން ތުހުމަތު ކުރާ ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ބަންދުން ދޫކޮށްލި އަމުރު އިސްތިއުނާފު ކުރިތާ 15 ދުވަސް ވީއިރުވެސް އެ މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމާފައިނުވެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ފަހަނައަޅައި ދިޔަފަހުން އެ މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުން ވަނީ ބާއްވާފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާގޮތުން ބަންދުން ދޫކޮށްލާ މައްސަލައެއް އިސްތިއުނާފު ކުރާތާ ހަތް ދުވަހުގެ ތެރޭގައި އެ މައްސަލައެއްގައި ކޯޓުން ގޮތެއް ނިންމަންޖެހެ އެވެ. ނަމަވެސް އަރުޝަދު ދޫކޮށްލިތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރުވެސް އެ މައްސަލާގައި ހައިކޯޓުން ގޮތެއް ނިންމާފައި ނުވެ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުން މާލޭގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި އަރުޝަދާއެކު އިތުރު އަށް މީހަކު ހައްޔަރު ކުރި އެވެ. އެ އޮޕަރޭޝަންގައި ނުވަ ކިލޯގެ ޑްރަގް ފުލުހުން އަތުލާފައިވެ އެވެ.

މިއީ މި މައްސަލާގައި އަރުޝަދު ބަންދުން ދޫކޮށްލި ދެވަނަ ފަހަރެވެ. މީގެކުރިން ސުޕްރީމް ކޯޓުން ވެސް ވަނީ މި މައްސަލާގައި އަރުޝަދު ޝަރީއަތް ނިމެންދެން ޖަލުގައި ބަހައްޓަން އަމުރުކޮށްފަ އެވެ. މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލަތަކަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައި ޝަރީއަތް ނިމެންދެން އަރުޝަދު ޖަލުގައި ބަހައްޓަން ސުޕްރީމް ކޯޓުން ނިންމުމުން ވެސް ކްރިމިނަލް ކޯޓުން މިވަނީ އަނެއްކާވެސް އޭނާ ދޫކޮށްލާފަ އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅީ އަރުޝަދުގެ ފަރާތުން ހުށަހެޅި މައްސަލައެއް ބެލުމަށްފަހުއެވެ.

ދެވަނަ ފަހަރަށް އަރުޝަދު ދޫކޮށްލީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އަރުޝަދު ދޫކޮށްލި މައްސަލަ މިދިޔަ މަހުގެ 21 ވަނަ ދުވަހު ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު ވަނީ ވިދާޅުވެފަ އެވެ.

އަރުޝަދުގެ އިތުރުން ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިނު، 23، އާއި ގދ. ހޯނޑެއްދޫ، މެޑްރިޓްހައުސް، އަހްމަދު ގިޔާސް ،25، އާއި ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު ،50، އާއި ލ. ކަލައިދޫ، މަތަރަސްމާގެ، ހުސައިން ޒަހީން ،25، އާއި ކ. މާލެ، މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް ،25، އާއި ކ. މާލެ، މއ. ވައިލެޓްމާގެ، އަސްލަމް ނާޒިމް، 37، އާއި ޅ. ނައިފަރު، މިސްކިތްދޮށުގެ، އަހްމަދު އިމްސާހު، 32،ގެ މައްޗަށްވެސް އެ މައްސަލާގައި ދައުވާކޮށްފައިވެ އެވެ.

އެ މީހުންގެ މައްޗަށް ކުރި ދައުވާތައް:

އަރުޝަދު ހާލިދު: ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.

އަލީ ޒުބައިރު: ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.

އަހުމަދު ސުނައިނު: ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދައުވާ.

އަސްލަމް ނާޒިމް: ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.

ހުސައިން ޒަހީން: ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.

އަހުމަދު ގިޔާސް: ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ.

އިސްމާއިލް ވިޝާލް: ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ.

އަހުމަދު އިމްސާހް: ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ.

އެ މީހުންނަށް މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ލިބުނުކަމަށް ތުހުމަތުކުރެވޭ 1،535،110 ރުފިޔާ އާއި 146،731 ޔޫއެސް ޑޮލަރާ އެކު ޖުމްލަ 3،797،702 ރުފިޔާ ދައުލަތަށް ނަގައިދިނުމަށް މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 160 ވަނަ މާއްދާއާ ހަވާލާދީ، އެގާނޫނުގެ 158 ވަނަ މާއްދާގެ (ހ) ދަށުން ދައުލަތުން ކޯޓުގައި އެދިފައިވެ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ އެކައުންޓުތައްވެސް ފްރީޒް ކުރި އެވެ.

comment ކޮމެންޓް