މެޑިފްލެކްސްއިން ކޮވިޑް ޕީސީއާރު ޓެސްޓުގެ އަގުހެޔޮކޮށްފި

މެޑިފްލެކްސްއިން ކޮވިޑް19 ޕީސީއާރު ޓެސްޓުގެ އަގުހެޔޮކޮށްފި އެވެ.

ދުނިޔޭގެ އިތުބާރު ހޯދާފައިވާ، އެމެރިކާގެ މަޝްހޫރު ތާމޯފިޝާ ސައިންޓިފިކްގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮވިޑަށް ޓެސްޓް ކުރަމުން އަންނަ މެޑިފްލެކްސް ލެބުން ބުނީ، މިއަދުން ފެށިގެން އެ ލެބަށް ގޮސްގެން ޕީސީއާރު ޓެސްޓް ހަދާ އެންމެންނަށް 700 ރުފިޔާއަށް ޓެސްޓް ހަދައިދޭނެ ކަމަށެވެ. ކުރީގެ އަގަކީ 1،000 ރުފިޔާ އެވެ.

ޓެސްޓް ކުރުމުގެ އަގުގެ ތެރޭގައި ލެބް ޓެސްޓްގެ އިތުރުން ސާމްޕަލް ކަލެކްޝަނަށް ބޭނުންކުރާ ތަކެތީގެ އަގު ވެސް ހިމެނެ އެވެ.

މެޑިފްލެކްސްގެ ޗެއާމަން އަހުމަދު ހައިކަލް ވިދާޅުވީ މިއީ މާކެޓުގައި މިހާރު ހުރި އަގުތަކާ އަޅާބަލާއިރު ޕީސީއާރު ޓެސްޓު ހެދޭ އެންމެ ހެޔޮ އަގު ކަމަށެވެ.

"އަޅުގަނޑުމެން ޓެސްޓް ކުރާ އަގު ހެޔޮކުރަން ނިންމީ މި ދުވަސްކޮޅު ވަރަށް ބާރަށް ކޮވިޑް ފެތުރެން ފަށާފައިވުމުން ޕިސީއާރު ޓެސްޓް ހެދުމުގައި މާލޭގައި އުޅޭ އެންމެންނަށް ވެސް ލުއިތަކެއް ހޯދައިދޭން. މިހާރު މާކެޓުގައި ހުރި އަގުތަކާ އަޅާ ބަލާއިރު، އަޅުގަނޑުމެން ވާނީ އެންމެ ހެޔޮ އަގުގައި ޕިސީއާރު ޓެސްޓް ހަދައިދޭ ލެބޯޓަރީއަށް." ހައިކަލް ވިދާޅުވި އެވެ.

ތާމޯފިޝާގެ މެޝިންތައް ބޭނުންކޮށްގެން ޓެސްޓް ކުރާއިރު، ކޮވިޑް ޓެސްޓު ކުރުމަށް ބޭނުންކުރާ ޕީސީއާރު ޓެސްޓް ކިޓުތަކަކީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ޑަބްލިއުއެޗްއޯގެ އެޕްރޫވަލް ލިބިފައިވާ ކިޓުތައް ކަމަށް މެޑިފްލެކްސްއިން ބުނެ އެވެ.

އާއްމު ރައްޔިތުންނާއި ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ހުޅުވާލާފައިވާ މެޑިފްލެކްސްއިން ޓެސްޓް ހަދާތާ ގިނަވެގެން 12 ގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އެކްސްޕްރެސް ހިދުމަތް ހޯދާ ނަމަ އިތުރު ޗާޖަކާއެކު ގިނަވެގެން ހަ ގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބޭނެ އެވެ.

މެޑިފްލެކްސްއިން ބުނީ ފަތުރުވެރިންގެ ސާމްޕަލް ފޮނުވުމުން މާލެއާއި ހުޅުމާލޭގެ އިތުރުން އެއާޕޯޓުން ސާމްޕަލްތަކާއި ހަވާލުވާނެ ކަމަށެވެ. ޓެސްޓްގެ ނަތީޖާ ކަސްޓަމަރު ބޭނުންވާނަމަ މެޑިފްލެކްސްއިން އީމެއިލް ވެސް ކޮށްދޭނެ އެވެ.

ހެލްތު މިނިސްޓްރީގެ ހުއްދައާއެކު ހިންގަމުން އަންނަ މެޑިފްލެކްސް ލެބޯޓަރީ ހުންނާނީ ކަނބާއައިސާރަނި ހިނގުމުން އައިޖީއެމްއެޗް ހޮސްޕިޓަލްގެ ކުރިމައްޗަށްވާ ގޮތަށް، މ. ކޮޓޭޖްގެ ގްރައުންޑް ފްލޯގަ އެވެ. ލެބޯޓަރީ 24 ގަޑިއިރަށް ހުޅުވާފައި ހުންނާނެ ކަމަށް މެޑިފްލެކްސް އިން ބުނެ އެވެ.

އިތުރު މައުލޫމާތު 3308020 އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ އެވެ. އަދި މެޑިފްލެކްސްގެ ވެބްސައިޓް www.mediflex.mv އިން އިތުރު މައުލޫމާތު ލިބޭނެ އެވެ.

comment ކޮމެންޓް