އިންޓަނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ސިސްޓަމްސް އެންޑް އޮޑިޓް އަދި އިންޑިއާގެ ކޮމްޕްޓްރޯލާ އެންޑް އޮޑިޓަ ޖެނެރަލް (ސީއޭޖީ) އޮފީހުން ރާއްޖޭގެ އޮޑިޓާ ޖެނެރަލްގެ އޮފީހަށް، ޕާފޯމަންސް އޮޑިޓާ ގުޅޭ އީ-އައިޓެކް ކޯހެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
މިއަދުން ފެށިގެން މިމަހުގެ 13 އަށް ކުރިއަށްގެންދާ މި ކޯހަކީ ކަސްޓަމައިޒްޑް ކޯހެއް ކަމަށާއި މި ކޯހުގައި ދިވެހި 20 އޮފިޝަލުންނަށް ތަމްރީނު ދެވޭނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.
މިއީ އޮޑިޓާ ޖެނެރަލްގެ އޮފީހަށް އިންޑިއާ އިން ހިންގައިދޭ މިފަދަ ފުރަތަމަ ކޯސް ކަމަށާއި އެ އޮފީހުގެ އޮފިޝަލުންނަށް ބޭނުންވާ މިފަދަ އިތުރު ކޯސްތަކަށް މަގުފަހިވާނެ އެމްއޯޔޫއެއްގައި އިންޑިއާގެ ސީއޭޖީ އޮފީހާ ރާއްޖޭގެ އޮޓިޓް އޮފީހާ ދެމެދު އަންނަ ހަފްތާ ސޮއިކުރާނެ ކަމަށް ވެސް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.
ހައިކޮމިޝަނުން ބުނީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުން ފާއިތުވި ދެ އަހަރު ތެރޭ ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށާއި އޭޕްރީލް 2019 އިން ފެށިގެން މިހާތަނަށް އެކި ދާއިރާތަކުން 730 އަށްވުރެ ގިނަ ދިވެހިންނަނަށް އައިޓެކް ޕްރޮގްރާމުގެ ދަށުން ތަމްރީނު ދީފައިވާ ކަމަށެވެ.
ކޮވިޑް ތެރޭގައި ވެސް ސިއްހީ އަދި ތައުލީމީ ދާއިރާގެ އޮފިޝަލުންނަށް އީއައިޓެކް ޕްރޮގްރާމުތައް ކުރިއަށްގެންދިޔަކަން ހައިކޮމިޝަނުން ފާހަގަ ކުރެ އެވެ.