ސިފައިންނަށް ރިޓަޔާ ކުރެވޭ އުސޫލަށް ބަދަލު ގެނައުމަށް މަޖިލީހުން ފާސްކޮށްފި

ސިފައިން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސިފައިންގެ ވަޒީފާގައި އުޅުމަށް ފަހު ރިޓަޔާ ކުރަން ބޭނުންވާ ފަރާތްތަކުން އަމަލުކުރަން ޖެހޭ ގަވައިދުގައި އިތުރު ކަންތައްތަކެއް ހިމެނުމަށް ސިފައިންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސިފައިންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ. އޭނާ އިސްލާހު ހުށަހެޅުއްވި ގޮތަށް ބިލު ފާސް ކުރަން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށް މިއަދު ތަޅުމަށް ކޮމިޓީ ރިޕޯޓު ހުށަހަޅާފަ އެވެ.

މިއަދުގެ ޖަލްސާގައި އެ ބިލު ފާސްވީ 48 މެމްބަރުންގެ ވޯޓާއެކުވެެ.

މަޖިލީހުން ފާސް ކުރީ، ސިފައިންގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަކުރުތަކެއް އިތުރު ކުރުމަށެވެ.

މިހާރު ސިފައިންގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ސިފައިންގެ މީހަކަށް ރިޓަޔާ ކުރެވޭނެ ހަތަރު ގޮތެއް ސިފައިންގެ ރިޓަޔަމެންތް ގަވައިދުގައި ބަޔާން ކުރަން ވާނެ ކަމަށެވެ. އެއީ ރޭންކަށް ކަނޑައެޅިފައިވާ އުމުރު ހަމަވުމާއި ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އެއް މަގާމެއްގައި ހުރުމާއި ސިއްހީ ހާލަތު ތަން ނުދިނުމާއި އަމިއްލައަށް އެދުމެވެ.

ބޮންޑޭ ހުށަހެޅުއްވީ އޭގެ ތެރެއަށް ދެކަމެއް އިތުރުކުރާށެވެ. އެއީ ސިފައިންގެ ފޯސް ސްޓްރަކްޗާ ދެމެހެއްޓުމަށް ރިޓަޔާ ކުރެވޭ ގޮތް ހެދުމާއި ސިފައިންގެ ވަޒީފާގައި އެންމެ ގާބިލު މީހުން ބޭތިއްބުމަށް އިސްކަން ދިނުމަށް ރިޓަޔާ ކުރެވޭ ގޮތް ހެދުމެވެ.

އެ އިސްލާހުގެ ބޭނުމަކީ ސިފައިންނަށް ރިޓަޔާ ކުރެވޭނެ ގޮތްތައް އިތުރަށް ހަރުދަނާ ކުރުން ކަމަށް ބޮންޑޭ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް