ޝާހީ އާއިލާއިން ނަސްލީ އިމްތިޔާޒުތައް ގެންގުޅޭ ކަމަށް މޭގަން ތުހުމަތު ކުރައްވައިފި

ޕްރިންސް ހެރީ އާއި މޭގަން މާކަލް -- ފޮޓޯ: ހާޕޯ ޕްރޮޑަކްޝަންސް

ވޮޝިންޓަން (މާޗް 8): އިނގިރޭސިވިލާތުގެ ޝާހީ އާއިލާއިން ނަސްލީ އިމްތިޔާޒުތައް ގެންގުޅޭ ކަމަށް ޕްރިންސް ހެރީގެ އަނބިކަނބަލުން އަދި ޑަޗެސް އޮފް ސަސެކްސް، މޭގަން މާކަލް ތުހުމަތު ކުރައްވައިފި އެވެ.

އެމެރިކާގައި މިހާރު ދިރިއުޅުއްވާ ހެރީ އާއި މޭގަން އެގައުމުގެ މަޝްހޫރު ޓޯކް ޝޯ ހޯސްޓް އޯޕްރާ ވިންފްރޭއަށް ދެއްވި އިންޓަވިއުއެއް އިއްޔެ ސީބީއެސްއިން ވަނީ ދައްކާފަ އެވެ. އެ އިންޓަވިއުގައި ދެ ބޭފުޅުން ވަނީ ޝާހީ ދިރިއުޅުމުގެ ތަޖުރިބާ ހިއްސާ ކުރައްވާފަ އެވެ.

އެމެރިކާގެ ކަޅު ނަސްލުގެ އަންހެނަކާއި ދޮން ނަސްލުގެ ފިރިހެނަކަށް އުފަންވެވަޑައިގަތް މޭގަން ވިދާޅުވި ގޮތުގައި އޭނާ ބަލިވެއިންނެވި ދުވަސްކޮޅު ޝާހީ އާއިލާގައި، އޭނާ އާއި ހެރީގެ ދަރިކަލުންގެ ހަމުގެ ކުލައާ ބެހޭ ގޮތުން ކަންބޮޑުވުންތައް ފާޅުކޮށްފައިވެ އެވެ. އަދި އެ ދެ ބޭފުޅުންގެ ދަރިކަލުންނަށް ޕްރިންސް ނުވަތަ ޕްރިންސެސްއެއްގެ ލަގަބު ނުދޭން ނިންމި ސަބަބަކީ ނަސްލީ އިމްތިޔާޒާ ހެދި ކަމަށް ވެދާނެ އެވެ.

"އެމީހުން ބޭނުމެއް ނުވި [ދަރިކަލުން] ޕްރިންސް ނުވަތަ ޕްރިންސެސްއަކަށް ވާން، އޭރު އަދި ޖިންސެއް ނޭނގޭ... އަޅުގަނޑު ބަލިވެ އިން ދުވަސްކޮޅު 'ސެކިއުރިޓީ ހަމަޖައްސައި ނުދޭނެ ކަމާއި ލަގަބެއް ނުދޭނެ ކަމަށް ބުނާ' ވާހަކަތަކުގެ އިތުރުން [އަޅުގަނޑުމެންގެ] ދަރިފުޅުގެ ހަމުގެ ކުލަ ކަޅުވާނީ ކިހާ ވަރަކަށްތޯ ވާހަކަ ދެކެވި ކަންބޮޑުވުން ފާޅު ކުރި،" މޭގަން ވިދާޅުވި އެވެ.

މޭގަން ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު އުފަންވެވަޑައިގަތް އާޗީގެ ހަމުގެ ކުލައާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅު ކުރީ ޕްރިންސް ހެރީއާ ވާހަކަ ދެއްކެވި އާއިލާގެ މެމްބަރަކު ނުވަތަ މެމްބަރުންނެވެ. ނަމަވެސް އެއީ ކޮން ބަޔެއްކަން ވިދާޅުވާން ހެރީ އާއި މޭގަންވެސް ދެކޮޅު ހެއްދެވި އެވެ.

"އެ ވާހަކަޔަކީ އަޅުގަނޑު ދުވަހަކުވެސް ހިއްސާ ކުރާނެ ވާހަކައެއް ނޫން،" ހެރީ ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ހެރީ އާއި މޭގަން ވަނީ ދެ ބޭފުޅުންގެ ދިރިއުޅުއްވުމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ. އޭގެ ތެރޭގައި:

  • މޭގަން ބަލިވެ އިންނެވި ދުވަސްވަރު ނަފްސާނީ ހާލަތު ގޯސްވެ، 'ދިރިހުންނަވަން ބޭނުންފުޅު ނުވާ' ކަމަށް ގަބޫލު ކުުރެއްވުނު. އޭގެ ސަބަބުން ހޮސްޕިޓަލަކުން ފަރުވާ ހޯއްދެވުމާ ބެހޭ ގޮތުން 'ޝާހީ އާއިލާގެ އިސް މެމްބަރެއް'ގެ ފަރާތުން މޭގަން ހިޔާލު ހޯއްދެވުމުން އެކަމާ ދެކޮޅަށް ލަފާ އެރުވި ކަމަށް މޭގަން ވިދާޅުވި
  • މޭގަން އާއި ހެރީ ޝާހީ އާއިލާގެ މަސްއޫލިއްޔަތުން ދުރަށް ޖެހި ވަޑައިގަތުމުން ބައްޕާފުޅު ޕްރިންސް ޗާލްސް ހެރީއާ ވާހަކަ ދައްކަވަން ދެކޮޅު ހެއްދެވި. ނަމަވެސް މިހާރު ދެ ބޭފުޅުން ވާހަކަ ދައްކަވާ ކަމަށާއި، ގުޅުން ރަނގަޅު ކުރަން އިސްކަން ދެއްވާނެ ކަމަށް ހެރީ ވިދާޅުވި
  • މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ތެރޭ ޝާހީ ގަނޑުވަރުން ހެރީއަށް މާލީ އެހީތެރިކަން ދިނުން ހުއްޓާލި. އަދި ހެރީ އާއި މޭގަން ނެޓްފްލިކްސް އާއި ސްޕޮޓިފައިއާ އެކު މަަސައްކަތް ކުރައްވަން އެއްބަސްވުންތައް ހެއްދެވީ އެ އާއިލާގެ ރައްކާތެރިކަމާ ގުޅުން ހުރި ހަރަދުތަކަށް ފައިސާ ހޯދުމަށް ކަމަށް ހެރީ ވިދާޅުވި
  • ދެ ބޭފުޅުންނާއި ރާނީގެ ގުޅުން ރަނގަޅު ކަމަށް މޭގަން އާއި ހެރީ ވިދާޅުވި

އަދި މޭގަން މިހާރު ބަލިވެ އިންނެވީ އަންހެން ދަރިކަލަކަށް ކަން އެ ދެ ބޭފުޅުން އިއުލާން ކުރެއްވި އެވެ.

ހެރީ އާއި މޭގަން ކައިވެނި ބައްލަވައިގަތީ 2018 ވަނަ އަހަރުގެ މެއި މަހުގަ އެވެ. އަދި ޝާހީ އާއިލާގެ ސީނިއާ މެންބަރު ކަމުންނާއި މަސައްކަތްތަކުން އެ ދެ ބޭފުޅުން އެކަހެރިވެވަޑައިގެންނެވީ މިދިޔަ އަހަރުގެ މާޗް މަހު އެވެ.

comment ކޮމެންޓް