ހެރީ އާއި މޭގަންއަށް ލިބެނީ އަންހެން ކުއްޖެއް

ހެރީ އާއި މޭގަން އޯޕްރާއާށް ދިން ހާއްސަ އިންޓަވިއުގެ ތެރެއިން ---

ދެވަނަ ދަރިފުޅުގެ އިންތިޒާރުގައި ތިބި ޕްރިންސް ހެރީ އާއި މޭގަން މާކަލްއަށް ލިބެނީ އަންހެން ކުއްޖެއްކަން ހާމަވެއްޖެ އެވެ. ދަރިފުޅުގެ ޖިންސު އާންމުކޮށްފައި ވަނީ މޭގަން އާއި ހެރީ މިއަދު އޯޕްރާ ވިންފްރީ އަށްދިން ހާޢްސަ އިންޓަވިއު ގަ އެވެ.

ހެރީ އާއި މޭގަން އަށް ދެވަނަ ކުއްޖަކު ލިބޭކަން އިއުލާނުކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 14 ގައެވެ. މީގެ ކުރީން ޝާހީ ޢާއިލާގެ މިފަދަ އެނައުންސްމަންޓްތަކާއި ޚިލާފަށް ދެމީހުން އެކަން އާންމުކޮށްފަައި ވަނީ ސޯޝަލް މީޑިއާގަ އެވެ.

https://sun.mv/149138

ހެރީގެ އުނގުގައި މޭގަން ބޯއަޅައިގެން އޮންނަ ފޮޓޯއާ އެކު، ދަރިފުޅު އާރޗީ ބޭބެއަކަށް ވާކަމުގެ އުފާވެރި ޚަބަރު ދިންއިރު މި ފޮޓޯއާއި ޕޯސްޓްއަކީ ޕްރިންސް ހެރީގެ މަންމަ ޕްރިންސަސް ޑަޔާނާއަށް ދިން ހާޢްސަ ޓްރިބިއުޓެއް ވެސް މެ އެވެ.

ސީބީސީ ޗެނަލް އިން ދުރަށް ދެއްކި މޭގަން މާކަލްއާއި ޕްރިންސް ހެރީގެ ހާޢްސަ އިންޓަވިއުގައި އޯޕްރާ ފުރަތަމަ ދަރިފުޅުގެ ޖިންސާ ބެހޭ ގޮތުން ސުވާލުކުރުމުން މޭގަން ބުނީ އެ ސުވާލަށް ޖަވާބު ދޭނީ ހެރީ އޭނާ އާޢި އެކީގައި ބައިވެރިވުމުން ކަމުގަ އެވެ.

އޯޕްރާގެ އިންޓިވައުއަކީ ޝާހީ އާއިލާއިން ހެރީއާއި މޭގަން ވަކިވުމަށް ފަހު މީޑީއާއަކަށް މިފަދަ ގޮތަކަށް ދިން ފުރަތަމަ އިންޓަވިއު އެވެ. މޭގަން އާއި ހެރީގެ ކައިވެންޏަށް ފަހު މޭގަން އަށް ކުރިމަތިވި ހިތްދަތި އެތައް ތަޖުރިބާތަކެއް އެއްވެސް ފޮރުވުމެއް ނެތި މި އިންޓަވިއުގައި އޭނާވަނީ ހިއްސާކޮށްފަ އެވެ.

މިގޮތުން މޭގަންގެ މަންމައަކީ ކަޅު ނަސްލުގެ މީހަކަށްވާ އިރު ހެރީއާއި މޭގަންގެ ދޮށީ ދަރިފުޅު އާރޗީ ހެރިސަން މައުންޓްބެޓްންގެ ހަމުގެ ކުލައާ ބެހޭ ގޮތުން ވެސް ޝާހީ އާޢިލާގެ ތެރޭގައި ވާހަކަ ދެކެވުނުކަމަށް މޭގަން ވަނީ ބުނެފަ އެވެ.

އަދި ޝާހީ އާއިލާއިން ވަކިވެ އަމިއްލަ ދިރިއުޅުމެއް ފެށުމާ ހަމައަށް ވެސް އާރޗީއަށް އެއްވެސް ޓައިޓަލްއެއް ނުވަތަ ސެކިއުރިޓީއެއް ވެސް ޝާހީ އާއިލާގެ ފަރާތުން ފޯރުކޮށްނުދޭ ކަމަށް މޭގަން ވަނީ މި އިންޓަވިއުގައި ބުނެފަ އެވެ.

މޭގަންގެ ދެވަނަ ދަރިފުޅުގެ ޑިއު ޑޭޓެއް ކަމުގައި ބުނެފައިވަނީ ޖޫން އާއި ސެޕްޓެމްބަރާއި ދެމެދު އެވެ.

comment ކޮމެންޓް