މާލެއިން ބިން ދޫކޮށްލާ މީހުންނަށް ގޯތި ދޫކުރަނީ

ރައީސް ސޯލިހު ރަށްވެހި ފަތިސް ކެމްޕޭން އަލުން ފެށުމުގެ ޖަލްސާ ވާހަކަ ދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

މާލެއިން ލިބިފައިވާ ބިން ދޫކޮށްލާ ފަރާތްތަކަށް ގޯތި ދޫކުރާ މަޝްރޫއެއް ހިންގަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ "ރަށްވެހި ފަތިސް" ބައްދަލުވުމުގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް ވަނީ މިހާރުން މިހާރަށް ވެސް މާލޭގައި ބޯހިޔާވަހިކަން ބޭނުންވާ 17،000 އާއިލާ ތިބިކަމަށް ވިދާޅުވެފަ އެވެ.

ބޯހިޔާވަހިކަމަށް މި ސަރުކާރުން ރާވާފައިވާ ޕްރޮޖެކްޓުތަކުގެ ތަފްސީލުތައް ހާމަކޮށްދެއްވަމުން ރައީސް ވިދާޅުވީ މާލެއިން ގޯތި ދޫކޮށްލާ މީހުންނަށް ގޯޔި ދޫކުރަން ސަރުކާރުން މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ. ރައީސް ވިދާޅުވީ މި އަހަރުގެ މެދު ތެރޭގައި މަޝްރޫއުގެ ތަފްސީލް ހާމަކުރައްވާނެ ކަމަށެވެ.

މީގެކުރިން ވެސް އެމްޑީޕީ ސަރުކާރުން ވަނީ މިފަދަ މަޝްރޫއެއް ކުރިއަށް ގެންގޮސްފަ އެވެ. ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ދަށުން މާލެއިން ބިން ދޫކޮށްލައި ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަން އަންގައި ލިޔުންދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ވެސް ބޯހިޔާވަހިކަން ހަމަޖެހިފައި ނުވާ މީހުން އެބަތިއްބެވެ.

މިރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ އެކަން ފާހަގަކޮށްފަ އެވެ.

ރައީސް މިރޭ ވިދާޅުވީ މާލޭ ސަރަހައްދުގައި 10،000 ހައުސިން ޔުނިޓު އަޅާނެކަމަށް ވައުދުވެފައިވާނެ ކަމަށެވެ. އަދި އޭގެ ތެރެއިން 5000 ހައުސިން ޔުނިޓުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށެވެ.

އޭގެ ތެރެއިން 1000 ހައުސިން ޔުނިޓުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު، އިންޑިއާގެ އެންބީސީސީ އާއެކު 2000 ހައުސިން ޔުނިޓުގެ އެގްރީމަންޓުގައި ވަނީ ސޮއިކޮށްފަ އެވެ. އަދި މާދަމަ އިތުރު 2000 ހައުސިން ޔުނިޓުގެ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އަމާޒުހިފާފައި ވަނީ 15،000 ހައުސިން ޔުނިޓަށް ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި ބައެއް ތަންތަން ހަވަލުކުރަން ފެށޭނެ ކަމަށެވެ. އަދި ވައުދާ މާލެ ސަރަހައްދުގައި މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން ހިންގާ މަޝްރޫއުތަކުގެ ރަނގަޅު ނަތީޖާ އަންނަ އަހަރުގެ ތެރޭގައި ފެންނާނެ ކަމަށެވެ.

comment ކޮމެންޓް