ޓްރާންސްޕޯޓު މިނިސްޓްރީގައި މައްސަލަތަކެއް އެބަ އުޅޭ: ރައީސް

ރައީސް ސޯލިހް ރަށްވެހިފަތިސް ކެމްޕެއިން ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ ---

ޓްރާންސްޕޯޓު މިނިސްޓްރީގައި މައްސަލަތަކެއް އުޅޭ ކަމަށާއި، މަސައްކަތްތައް ވެސް ލަސްކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ކެންޑިޑޭޓުންނާއެކު ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕޭނު ޖަލްސާގައި ކެންޑިޑޭޓަކު ވަނީ ޓްރާންސްޕޯޓު މިނިސްޓްރީއާ ގުޅުންހުރި ބައެއް ކަންކަމާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.

"ޓްރާންސްޕޯޓު މިނިސްޓްރީގައި އެބަ އުޅޭ މައްސަލަތަކެއް. އޭގަ އެބަ އުޅޭ ބާރުތައް ފުށުއެރުމުގެ މައްސަލަތަކެއް. އޭގެ އިތުރަށް އަޅުގަނޑަށް ފެންނަނީ އެތަނުގެ މައްސަލަތައް ހިންގުން ލަސްކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓްރީ އާއި ޓްރާންސްޕޯޓު އޮތޯރިޓީ އާ ދޭތެރޭ ގާނޫނީ ފުށުއެރުންތަކެއް ހުރުމުން، މިހާރު ޓްރާންސްޕޯޓު އޮތޯރިޓީގެ ގާނޫނު އުވާލަން ހުށަހަޅާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ގާނޫނު އުވާލައި ޓްރާންސްޕޯޓު މިނިސްޓްރީގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކާއެކު، މިނިސްޓްރީގެ ހިނގުން އަވަސްވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ ވެހިކަލް ރެޖިސްޓްރީ ކުރުމުގެ ކަންކަން ލާމަރުކަޒުކޮށް، ކައުންސިލްތަކަށް ދޫކޮށްލެވިއްޖެ ނަމަ، މައި ސަރުކާރަށް ލުއިވާނެ ކަމަށެވެ. އަދި މި ސަރުކާރުން އެ ދިމާލަށް މަސައްކަތްކުރާނެ ކަމަށެވެ.

ރައީސް މިފަދައިން ވިދާޅުވި އިރު، ލައިސެންސް ދިނުން މެދުކަނޑާލާފައި އޮންނަތާ ގިނަދުވަސްވުމާއި، އަދިވެސް ޓްރާންސްޕޯޓުގެ އެހެނިގެން މައްސަލަތަކާ މެދު ހިތްހަމަނުޖެހިގެން ގިނަބަޔަކު ވަނީ މިއަދު އިހްތިޖާޖު ވެސް ކޮށްފަ އެވެ.

comment ކޮމެންޓް