ކުލިނިކް އެޅުމަށް އަދި ބަޔަކާ ހަވާލުނުކުރަން: އެޗްޑީސީ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް ވާހަކަ ދައްކަވަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ކްލިނިކެއް އެޅުމަށް އަދި މިހާތަނަށް ބަޔަކާ ހަވާލު ނުކުރާކަމަށް އެ މަޝްރޫއު އިއުލާން ކުރި ހުޅުމާލެ ބަލަހައްޓާ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދޔ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި މެޑިކަލް ކްލިނިކެއް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމްގެ 50 ޕަސަންޓު ހިއްސާ އޮންނަ ޑީއެމްވައި ޕްރައިވެޓް ލިމިޓެޑަށް ދިން ކަމަށް ބުނެ، އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެކަންކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ނުފޫޒުން ކަމަށް އެޕާޓީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އެ ޕްރޮޖެކްޓް އެވޯޑުކޮށްފިތޯ ސުވާލު ކުރުމުން ސުހައިލް "ސަން"އަށް މިއަދު ވިދާޅުވީ، އަދި މިހާތަނަށް އެ މަސައްކަތް އެއްވެސް ބަޔަކާ ހަވާލުކޮށްފައި ނުވާ ކަމަށެވެ.

"އެއްވެސް ބަޔަކަށް އެވޯޑްކޮށްފައި ނުވޭ،" ސުހައިލް ވިދާޅުވި އެވެ.

އެކަމުގައި އެއްވެސް ބައެއްގެ ނުފޫޒު ވަދެފައިވާނެތޯ ސުވާލުކުރުމުން ސުހައިލް އެ ސުވާލަށް ޖަވާބު ނުދެއްވަ އެވެ. ވިދާޅުވީ، މިޑިއާގެ ބޭފުޅަކާ ގުޅުއްވުމަށެވެ.

މަޖިލިސް ރައީސް އެޗްޑީސީއަށް އަމާޒުވާގޮތަށް އެފަދަ ތުހުމަތެެއް ކުރުމުުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ކޮމެންޓަކީ ކޮބާތޯ ތަކުރާރުކޮށް ސުވާލުކުުރުމުންވެސް ސުހައިލް އެ ސުވާލަށް ޖާވާބު ނުދެއްވަ އެވެ.

އެޗްޑީސީގެ މީޑިއާއިން ބުނީ މާދަމާގެ ވަގުތެއްގައި އެކަމާ ގުޅޭ ތަފްސީލީ ބަޔާނެއް ހާމަކުރާނެ ކަމަށެވެ.

ފައްޔާޒުގެ ނުފޫޒުން އެކަމުގެ ތެރެއަށް ހިމޭނޭކަމަށް ދެެކެވޭ ވާހަކަ ރޮޒައިނާ ވަނީ ދޮގުކޮށްފަ އެވެ. ވިދާޅުވީ،ސަރުކާރާއި އެޗްޑީސީއަށް ފައިދާވާ ގޮތަށް އެ ބިޑަށް އެންމެ ބޮޑު އަގެއް ހުށަހެޅީވެސް ޑީވައިއެމް ކުންފުނިން ކަމަށާއި އެކަމުގައި ފައްޔާޒަށް ގުޅައިގެން ނުފޫޒު ފޯރުވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ޑީވައިއެމް އިން ހުށަހެޅީ، އެކަމަށް ޝަރުތު ފުރިހަމަވާ ރަނގަޅު ބިޑެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބިޑަށް ދެން ހުށަހެޅީ، މަޖިލިސް އެހެން ދެ މެމްބަރެއްގެ މަސްލަހަތު އޮންނަ މެޑިކުއިޕް ކުންފުނިންނެވެ. ސިއްހީ ދާއިރާގައި ތަޖުރިބާ ހުރި އެ ކުންފުނިން ކުލި އަދި އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި ހުށަހަޅާފައިވަނީ، ރޮޒައިނާގެ ކުންފުންޏަށްވުރެ 3.5 މިލިއަން ރުފިޔާގެ ކުޑައަގެކެވެ.

އެ މައްސަލަ މިހާރު އޭސީސީއަށްވެސް ވަނީ ހުށަހެޅިފައެވެ. އޭސީސީގެ މައްަސަލަތައް ބަލާ މަޖިލީހުގެ މެންޑޭޓް ހިމެނޭ ކޮމިޓީގެ މުގައްރިރަކީ ރޮޒައިނާ އެވެ.

https://sun.mv/149845

comment ކޮމެންޓް