ރޮޒައިނާގެ ހިއްސާވާ ކުންފުންޏަކަށް ކްލިނިކް އެޅުމަށް ދިން ކަމަށް ބުނާ މައްސަލަ އޭސީސީއަށް ހުށަހަޅައިފި

މަޖިލިސް މެންބަރު ރޮޒައިނާ އާދަމް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާ މެމްބަރު ރޮޒައިނާ އާދަމްގެ ހިއްސާ އޮންނަ ކުންފުންނަކަށް ހުޅުމާލޭގައި ކުލިނިކެއް އެޅުމަށް ދިން ކަމަށް ބުނާ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ އޭސީސީއަށް މިއަދު ހުށަހެޅިކަން އެ ކޮމިޝަނުން "ސަން"އަށް ކަށަވަރުކޮށްދެ އެވެ.

އޭސީސީގެ އިންފޮމޭޝަން އޮފިސަރު މިރޭ "ސަން"އަށް ވިދާޅުވީ، ރޮޒައިނާގެ ހިއްސާވާ ކުންފުންޏަކަށް ހުޅުމާލެއިން ކްލިނިކެއް އެޅުމަށް ގަވައިދާ ހިލާފަށް ދިން ކަމަށް ބުނާ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭސީސީން ނުދެ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައަކީ، ރޮޒައިނާގެ 50 ޕަސަންޓު ހިއްސާ އޮންނަ ޑީވައިއެމް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ހުޅުމާލޭގައި ކުލިނިނެއް އެޅުމަށް ބިމެއް ދޭން އުޅޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ރޮޒައިނާގެ ހިއްސާ އޮންނަ ކުންފުންޏެއްގެ މައްސަލަ އޭސީސީއަށް ހުށަހެޅި އިރު، އޭނާއަކީ އެ ކޮމިޝަންގެ މައްސަލަތައް ބެލުމުގެ މެންޑޭޓު ހިމެނޭ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ނުފޫޒުން ޝަރުތު ފުރިހަމަނުވާ ބަޔަކަށް ކްލިނިކް އެޅުމަށް ހާވާލު ކުރި ކަމަށް ބުނެ، އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ޕާޓީ ޕާލިމަންޓްރޯ ގުރޫޕުގެ ރަސްމީ ވަޓްސްއަޕް ގުރޫޕުގައި ނުރުހުން ފާޅުކުރައްވައިފަ އެވެ.

ނަމަވެސް ރޮޒައިނާ އަދި ޑީވައިއެމް އިން އެ ތުހުމަތުތައް ދޮގުކުރެ އެވެ.

ރޮޒައިނާ މިއަދު "ސަން"އަށް ވިދާޅުވީ، ސަރުކާރާއި އެޗްޑީސީއަށް ފައިދާވާ ގޮތަށް އެ ބިޑަށް އެންމެ ބޮޑު އަގެއް ހުށަހެޅީވެސް ޑީވައިއެމް ކުންފުނިން ކަމަށާއި އެކަމުގައި ފައްޔާޒަށް ގުޅައިގެން ނުފޫޒު ފޯރުވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ޑީވައިއެމް އިން ހުށަހަޅީ، އެކަމަށް ޝަރުތު ފުރިހަމަވާ ރަނގަޅު ބިޑެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބިޑަށް ދެން ހުށަހެޅީ، މަޖިލިސް އެހެން ދެ މެމްބަރެއްގެ މަސްލަހަތު އޮންނަ މެޑިކުއިޕް ކުންފުނިންނެވެ. ސިއްހީ ދާއިރާގައި ތަޖުރިބާ ހުރި އެ ކުންފުނިން ކުލި އަދި އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި ހުށަހަޅާފައިވަނީ، ރޮޒައިނާގެ ކުންފުންޏަށްވުރެ 3.5 މިލިއަން ރުފިޔާގެ ކުޑައަގެކެވެ.

https://sun.mv/149814

އެޗްޑީސީން ބުނާ ގޮތުގައި އެ މައްސަކަތް އަދި މިހާތަނަށް އެއްވެސް ބަޔަކާ ހަވާލުކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް