މެމްބަރުންނަށް ވެސް އެމްސީއާ ނުލައި 15 ދުވަހު ސަލާން ބުނެވޭ އިސްލާހެއް

މީކާއިލް އަހްމަދު ނަސީމް ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މަޖިލިސް މެމްބަރުންނަށް ވެސް މެޑިކަލްް ސެޓްފިކެޓް ހުށަނާޅައި އަހަރަކު 15 ސަމާލް ބުނެވޭގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން ހުށަހަޅައިފި އެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ އޮގަސްޓު މަހު ފާސްކުރި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 243 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ ހުއްދައާއި އެކު، ސަލާމާއި ޗުއްޓީގައި ތިބޭ މެމްބަރުން ފިޔަވައި، މެމްބަރުން މަޖިލީހުގެ މަސައްކަތަށާއި މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވާންވާނެ އެވެ.

މަޖިލީހުގެ ސަލާމާއި ޗުއްޓީގައި ތިބޭ މެމްބަރުން ފިޔަވައި، އެ މަހެއްގެ ތެރޭގައި ބޭއްވޭ ޖަލްސާތަކުގެ ދެބައިކުޅަ އެއްބައި ޖަލްސާތަކަށް މެމްބަރަކު ހާޒިރުނުވެއްޖެނަމަ، އެ މެމްބަރެއްގެ މުސާރައިގެ 50 ޕަސެންޓަށްވާ މިންވަރު ކަނޑަންވާނެ އެވެ.

ނަމަވެސް ބައެއް މެމްބަރުން އަހަރު ދުވަސް ވަންދެން އެއްވެސް ޖަލްސާއަކަށް ހާޒިރުނުވެ، ސަލާމުގައި ތިއްބެވި ކަމަށް މަޖިލިސް ރައީސް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ. ސަލާމުގައި ތިއްބެވުމުން މުސާރައިން އުނި ނުވާނެ އެވެ.

އެކަމާ ގުޅިގެން ގިނަބައެއްގެ ނުރުހުމާއު ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ސަލާމާ ގުޅޭ އިސްލާހެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް އެވެ.

އެ އިސްލާހާ ގުޅޭގޮތުން އެމްޑީޕީ މެމްބަރަކު ވިދާޅުވީ އެ އިސްލާހުގައިވާ ގޮތުން މެމްބަރުންނަށް ސަލާމުގެ ގޮތުގައި ލިބޭނީ އަހަރަކު 30 ދުވަހެވެ. އޭގެ ތެރެއިން އެމްސީ ހުށަނާޅާ ސަލާމް ބުނެވޭނީ 15 ދުވަހު އެވެ.

ނަމަވެސް ބޮޑު ބައްޔެއްގެ ސަބަބުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ސަލާމްބުނުން އިސްތިސްނާވާނެ އެވެ.

comment ކޮމެންޓް