ވިޔަފާރި ކުރާނީ ފާޅުގައި، ބިޑު ހޯދުމަށް ފައްޔާޒުގެ އެހީ ނުހޯދަން: ރޮޒައިނާ

މެމްބަރު ރޮޒައިނާ --- ފޮޓޯ/ މަޖިލިސް

ހުޅުމާލޭގައި ކުލިނިކެއް ތަރައްގީކުރުމަށް އެޗްޑީސީއިން ހުޅުވާލި ބިޑަށް ހުށަހެޅީ ނިވާފަތްގަނޑަކަށް ވެގެން، ސިއްރުން ނޫން ކަމަށާއި އަދި އެ ބިޑު ކާމިޔާބު ކުރުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އެހީތެރިކަން ހޯދާފައި ނުވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އެ ބިޑަށް ކުރިމަތިލި ދެ ކުންފުނީގެ ތެރެއިން ޑީވައިއެމް ޕްރައިވެޓް ލިމިޓެޑް އަކީ، ރޮޒައިނާގެ 50 ޕަސަންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ. މިނިސްޓަރު ފައްޔާޒުގެ ނުފޫޒުން އެ ކުންފުންޏަށް ޝަރުތު ފުރިހަމަ ނުވަނީސް އެ މައްސަކަތް ހަވާލު ކުރިކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރޭ ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން ރޮޒައިނާ "ސަން"އަށް މިއަދު ވިދާޅުވީ، ސަރުކާރާއި އެޗްޑީސީއަށް ފައިދާވާ ގޮތަށް އެ ބިޑަށް އެންމެ ބޮޑު އަގެއް ހުށަހެޅީވެސް ޑީވައިއެމް ކުންފުނިން ކަމަށާއި އެކަމުގައި ފައްޔާޒަށް ގުޅައިގެން ނުފޫޒު ފޯރުވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ޑީވައިއެމް އިން ހުށަހަޅީ، އެކަމަށް ޝަރުތު ފުރިހަމަވާ ރަނގަޅު ބިޑެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ކަމެއް ފައްޔާޒު މެދުވެރިކޮށް ނުކުރަން.. އަޅުގަނޑުމެން ކުރި ކަމަކީ ބިޑް ޕްރޮޕޯސަލް ތައްޔާރުކޮށް ބިޑަށްލުން. ކުލީގެ ގޮތުން މިހާ ބޮޑުތަން ކުރީގައި އޮތީމަ އަޅުގަނޑުމެން ވަރަށް ޔަގީން ކުރިން ބިޑު ކާމިޔާބު ކުރެވޭނެކަން،" ރޮޒައިނާ ވިދާޅުވި އެެވެ.

ރޮޒައިނާ ވަނީ ޑީވައިމްގެ ބައެއް ލިޔެކުންންތައްވެސް މިއަދު ނޫސްވެރިންނަށް ދައްކާލާފަ އެވެ. އެގޮތުން ޑީވައިއެމް ރަޖިސްޓްރީކޮށްފައިވަނީ ޖޫން 27، 2016ގައެވެ.

ރޮޒައިނާ ވިދާޅުވީ، އަލަށް ހެދި ކުންފުޏެއް ކަމަށް ބުނެ ފަތުރަމުންދަނީ ދޮގެއް ކަމަށާއި އެ ކުންފުންޏަކީ މީގެ ކުރިން އޭނާގެ އައިލީ ކުންފުންޏެއް ކަމަށާއި އޭގެ ހިއްސާ އޭނާގެ ނަމަށް ބަދަލު ކުރީ މިދިޔަ ނޮވެމްބަރުގައި ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ލިޔެކިޔުންތަކުން ފެންނަ ގޮތުގައި 2016 ގައި އެ ކުންފުނި ރަޖިސްޓްރީ ކުރި ފަހުން މިދިޔަ ނޮވެމްބަރު މަހާ ހަމަޔަށް އެއްވެސް ހަރަކާތެއް ހިންގާފައެއް ނުވެ އެވެ. އަދި ރޮޒައިނާގެ ނަމަށް އެ ކުންފުނީގެ ހިއްސާ ބަދަލު ކުރީވެސް ޕްރީބިޑް ބައްދަލުވުން ބޭއްވި ދުވަހު އެވެ.

ޖުމްލަ ބޮޑު އަގެއް ހުށަހެޅީ ރޮޒައިނާގެ ކުންފިނިން!

ރޮޒައިނާ "ސަން"އާ ހިއްސާ ކުރި ލިޔެކިތުންތަކަށް ބަލާއިރު، ޑީވައިއެމްއިން ބިޑުކުރީ އަކަފޫޓަކަށް އަހަރަކު 35 ރުފިޔާގެ ކުއްޔެއް ދެއްކުމަކަށެވެ. އެއީ ފަސް އަހަރަށް ބަލާއިރު، ކުލީގެ ގޮތުގައި 16.2 މިލިއަން ރުފިޔާ އެވެ. އެއީ ދެން ބިޑަށް ހުށަހެޅި މެޑިކުއިޕް ކުންފުނީގެ ކުއްޔަށްވުރެ 5.5 މިލިއަން ރުފިޔާގެ ބޮޑު އަގެެކެވެ.

އެ ކުންފުނީގެ ފަރާތުން ފުރަތަމަ ދެ އަހަރު އަކަފޫޓަކަށް 22 ރުފިޔާ އާއި ތިން ވަނަ އަހަރާއި ހަތަރު ވަނަ އަހަރު އަކަފޫޓަކަށް 23 ރުފިޔާ އަދި ފަސް ވަނަ އަހަރު އަކަފޫޓަކަށް 24 ރުފިޔާ ހުށަހަޅާފައިވެ އެވެ. އެހެންކަމުން ޖުމްލަ ކުލީގެ ގޮތުގައި ފަސް އަހަރުން މެޑިކުއިޕް އިން އެޗްޑީސީ އަށް ދެވޭނީ 10.7 މިލިއަން ރުފިޔާ އެވެ.

އެހެން ނަމަވެސް، އިކިއުޒިޝަން ކޮސްޓުގެ ގޮތުގައި މެޑިކުއިޕް ކުންފުނިން ހުށަހަޅާފައިވަނީ، ޑީވައިއެމް ކުންފުންޏަށްވުރެ ބޮޑު އަގެކެވެ.

އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި ޑީވައިއެމްއިން 606،000 ރުފިޔާ ހުށަހަޅާފައިވާ އިރު މެޑިކުއިޕް ކުންފުނީގެ ފަރާތުން ހުށަހަޅާފައިވަނީ 2.5 މިލިއަން ރުފިޔާ އެވެ.

އެ ޕްރޮޕޯސަލްއަށް ބަލާއިރު، ކުލި އަދި އެކިއުޒިޝަން ކޮސްޓަށް ޑިވައިއެމް އިން ހުށަހެޅި އަގަކީ، 16.8 މިލިއަން ރުފިޔާ އެވެ. އަދި މެޑިކުއިޕްއިން ހުށަހެޅި ޖުމްލަ އަގަކީ، 13.2 މިލިއަން ރުފިޔާ އެވެ. އެހެން ކަމުން އަގުގެ ގޮތުން ބަލާއިރު، 3.6 މިލިއަން ރުފިޔާގެ ފަރަގަކާއެކު އެ މަސައްކަތަށް ބޮޑު އަގެއް ހުށަހެޅީ ރޮޒައިނާ ހިއްސާ އޮންނަ ޑީވައިއެމް ކުންފިންނެވެ.

ކުންފުނީގެ ތަޖުރިބާއެއް ނެތަސް، ހިއްސާދާރުގެ ގާބިލުކަން އެބަހުރި!

ޑީވައިއެމްގެ މެނޭޖިން ޑިރެކްޓަރު އަދި އަނެއް ހިއްސާދަރަކީ، ޑރ. އާމިނަތު ނަޒީރު (އައިންތު) އެވެ. އާމިނަތު ނަޒީރު ވިދާޅުވި ގޮތުގައި ތަޖުރިބާ ނެތް، ޝަރުތު ހަމަނުވާ ބަޔަކަށް އެ މައްސަކަތް ހަވާލު ކުރި ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެކެވެ.

"ބިޑް ހުށަހެޅީ އަޅުގަނޑުގެ ތަޖުރިބާއަށް ބަލާފައި. އަޅުގަނޑު 20 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ މި ދާއިރާގައި މަސައްކަތްކުރާތާ،" އެއްވެސް މީހަކަށް ރައްދެއް ދޭން ބޭނުން ނުވާކަމަށް ބުނެ، ޑރ. އާއިންތު ވިދާޅުވި އެވެ.

ކުޅުދުއްފުށި ހޮސްޕިޓަލުގެ ގަވާނިން ބޯޑުގެ މެމްބަރުކަންވެސް ކުރައްވާ އާއިންތު ވިދާޅުވީ، އެނާއަކީ މިހާރުވެސް ފެމެލީ ކްލިނިކްގެ ނަމުގައި ކްލިނިކެއް ހިންގަމުން އަންނަ ފަރާތެއް ކަމަށެވެ.

"މިއީ ވަރަށް ދެރަ ކަމެއް ޕޮލިޓިކަލް ގޭމެއްގައި އަޅުގަނޑު ހިއްސާވާ ކުންފުންޏެއް ތާށިވުން. އަޅުގަނޑުގެ ދިވެހި ރައްޔިތަކަށްވެފައި އެހާ ގިނަ ދުވަހު ހިދުމަތްކުރި މީހަކަށްވެފައި އަޅުގަނޑުގެ ތަޖުރިބާ ބޭނުންކޮށްގެން ކުރިއަށް ދިޔުމުގެ ފުރުސަތު އޮންނަންވާނެ ދެއްތޯ. ހަމައެކަނި ސިޔާސީ މިހުންނަށް ނޫން ދެއްތޯ ފުރުސަތު އޮންނަންވީ،" ޑީވައިއެމްގެ 50 ޕަސަންޓު ހިއްސާ އޮންނަ ޑރ. އާއިންތު ވިދާޅުވި އެވެ.

ޑީވައިއެމްގެ ފަރާތުން ހުށަހަޅާފައިވަނީ ވަރަށް ފުރިހަމަ، ސަރުކާރަށްވެސް އެންމެ ފައިދާ ހުރި ޕްރޯސަލްކަމަށް އާއިންތުވެސް ވިދާޅުވި އެވެ.

އައިތުން ވިދާޅުވީ، ޑީވައިއެމްއަށް އެ މަސައްކަތް ދިން ކަމަށް ބުނެ ފަތުރަނީވެސް ދޮގު ވާހަކައެކެވެ. މިހާތަނަށް އެ ބިޑް ކާމިޔާބު ކުރިކަން އެކުންފުންޏަށް އޭޑީސީންވެސް އަންގާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަން އެޗްޑީސީންވެސް "ސަން"އަށް ކަށަވަރުކޮށްދެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހައިލް "ސަން"އަށް މިއަދު ވިދާޅުވީ، "އަދި މަސައްކަތް އެއްވެސް ފަރާތަކާ ހަވާލު ނުކުރޭ، އަދި އެވޯޑެއް ނުކުރާ،"ކަމަށެވެ.

މެޑިކުއިޕް ކުންފުންޏަކީވެސް މަޖިލިސް ދެ މެންބަރެއްގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނީގެ އެއް ހިއްސާދާރު އަދި މެނޭޖިޮން ޑިރެކްޓަރު މުހައްމަދު ރަޝީދު (ހިޔަލީ މުހައްމަދު ރަޝީދު) އަކީ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރުގެ ބޭބެ އެވެ. ދެން އެ ކުންފުނީގެ ހިއްސާ ދާރަކަށް އިންނަވާ ފަރުހަތު މުހައްމަދު ހާލިދު އަކީ ވިލިފުށި ދާއިރާ މެމްބަރު ހަސަން އަފީފުގެ އަނބިކަނބަލުންނެވެ.

"ދެން ބިޑުކޮށްފައި އޮތް ކުންފުންޏަކީ މަޖިލިސް މެމްބަރަކާ ގުޅުން އޮންނަ ކުންފުންޏެއް. މަޖިލިސް މެމްބަރުންގެ އަންހެނުން އެއް ޝެއާ ހޯލްޑަރުންނަކީ. އަނެއް ޝެއާ ހޯލްޑަރަކީ، މަޖިލިސް މެމްބަރެއްގެ ބޭބެ،" ރޮޒައިނާ ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑާ ދިމާލަށް މި އަންނަނީ، އަޅުގަނޑުގެ ނަމުގައި ރައްޔިތުންނަށް ފާޅުކަން ބޮޑު ގޮތެއްގައި މިކަން ކުރީމަތޯ. އަލުގަނޑުވެސް ވީ ކޮންމެވެސް މީހެއްގެ ނިވާފަތްގަނޑަކަށް ވެގެން މިކަން ކުރަންތޯ،"

comment ކޮމެންޓް