ލަންކާއަށް ކޮވެކްސްގެ ފުރަތަމަ ވެކްސިން ޝިޕްމެންޓު ލިބިއްޖެ

ކޮވެކްސްގެ ފުރަތަަމަ ޝިޕްމެންޓު މިއަދު ލަންކާއަށް ވަނީ ލިބިފައި -- ފޮޓޯ: ޔުނިސެފް

ކޮލަމްބޯ (މާޗް 7): ދުނިޔޭގެ ގައުމުތަކަށް ހަމަހަމަ ކަމާ އެކު ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކޮވެކްސް ފެސިލިޓީން މިއަދު ލަންކާއަށް ފުރަތަމަ ވެކްސިން ޝިޕްމެންޓު ފޮނުވައިފި އެވެ.

ކޮވެކްސް ފެސިލިޓީގެ ފަރާތުން އދ.ގެ އިންޓަނޭޝަނަލް ޗިލްޑްރެންސް އެމާޖެންސީ ފަންޑު (ޔުނިސެފު) މެދުވެރިވެގެން މިއަދު ލަންކާއަށް ގެންދިޔައީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާގެ ފޯމިއުލާ ބޭނުންކޮށްގެން އިންޑިއާއިން ތައްޔާރު ކުރާ ކޮވިޝީލްޑް ވެކްސިންގެ 264،000 ޑޯޒް އެވެ.

ލަންކާއަށް އެ ވެކްސިން ޝިޕްމެންޓު ގެންދިޔައީ އެމިރޭޓްސް ސްކައި ކާގޯއިންނެވެ. އެއީ ކޮވިޑް ވެކްސިނާއި އެހެން ސިއްހީ އާލާތްތައް ދުނިޔޭގެ ގައުމުތަކަށް ފޮނުވައި ދިނުމަށް ޔުނިސެފާ އެކު އެއްބަސްވުންތައް ހަދާފައިވާ އެއާލައިންތަކުގެ ތެރެއިން އެއް އެއާލައިނެވެ.

ކޮވެކްސް ފެސިލިޓީން ލަންކާއަށް ކޮވިޑް ވެކްސިންގެ 1.44 މިލިއަން ޑޯޒް ފޯރުކޮށްދޭން ހަމަޖެހިފައިވެ އެވެ. އަދި ޔުނިސެފުން ދަނީ ކުރިއަށް އޮތް ދެ މަސް ތެރޭ އެ އަދަދަށް ލަންކާއަށް ވެކްސިން ހޯދައިދިނުމަށް މަސައްކަތް ކުރަމުން ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރި އެވެ.

މިދިޔަ ޖެނުއަރީ މަހު ލަންކާއިން ވަނީ އެގައުމުގެ ފްރޮންޓްލައިން ވޯކަރުންނާއި ސަލާމަތީ ބާރުތަކަށް ކޮވިޑް ވެކްސިން ދޭން ފަށާފަ އެވެ. އެގައުމުން މިހާތަނަށް ބޭނުން ކުރަން ހުއްދަ ދީފައި ވަނީ އޮކްސްފޯޑް/އެސްޓްރާޒެނެކާގެ ވެކްސިން އާއި ރަޝިއާގެ ސްޕަޓްނިކް ފަހެއް ވެކްސިން އެވެ. އަދި ކޮވެކްސްއިން ފޮނުވި ފުރަތަމަ ޑޯޒްތައް ދޭނީ ކޮވިޑް ޖެހުމާއި ބަލީގައި ހާލު ސީރިއަސްވުމުގެ ނުރައްކާ އޮތް 65 އަހަރުން މަތީގެ މީހުންނަށް ކަމަށް ޔުނިސެފުން ބުންޏެވެ.

ކޮވެކްސް ފެސިލިޓީން ކޮވިޑް ވެކްސިންގެ އެންމެ ފުރަތަމަ ޝިޕްމެންޓު ފޮނުވީ މިދިޔަ މަހުގެ 24ގައި ގާނާއަށެވެ. އެގައުމަށް ފޮނުވީ ކޮވިޝީލްޑްގެ ހަ ލައްކަ ޑޯޒް އެވެ.

ޑަބްލިޔުއެޗްއޯ އާއި ވެކްސިން އެލަޔަންސްތައް ކަމަށްވާ ގަވީ އާއި ސެޕީއިން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީގެ މަގުސަދަކީ އެ ހަރަކާތުގައި ބައިވެރިވާ ކޮންމެ ގައުމެއްގެ އާބާދީގެ 20 ޕަސެންޓަށް ވެކްސިން ދެވޭ ވަރަށް، މި އަހަރު ވެކްސިންގެ ދެ ބިލިއަން ޑޯޒް ފޯރުކޮށްދިނުމެވެ. އޭގެ ތެރެއިން އެއް ބިލިއަން ޑޯޒް ދާނީ ދުނިޔޭގެ އެންމެ ފަގީރު 92 ގައުމަށެވެ.

comment ކޮމެންޓް