ދިރާސީ އަހަރު ދެން ފެށޭނީ ކޮންމެ އަހަރެއްގެ އޮގަސްޓުމަހު

ޖުލައި 1، 2020: ކޮވިޑް19ގެ ނުރައްކަލާއެކު ސްކޫލްތައް ބަންދު ކުރުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލްތައް އަލުން ހުޅުވުން: އަދި ސްކޫލްތަކުގައި ކިޔަވައިދޭން ފެށީ ގްރޭޑް 9-12 އަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިރާސީ އަހަރު ފެށޭ ދުވަސްވަރަށް ދާއިމީ ގޮތެއްގައި ބަދަލު ގެނެސް ރަސްމީކޮށް އެކަން އިއުލާންކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ފުރަތަމަ ޓާމް ނިންމާލުމަށްފަހު، ޓާމް ބަންދަށް ދޭތް ނުވަތަ ތިން ހަފްތާ ޑިސެމްބަރު ފަހުކޮޅު ލިބޭނެ ކަމަށެވެ.

މި ބަދަލާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ ދިރާސީ އަހަރު ފެށޭ ދުވަސްވަރަށް ބަދަލު ގެނައީ، ގިނަ ބަޔެއްގެ މަޝްވަރާ އާއެކު ކަމަށެވެ.

މުޖާހިދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން މިކަމަށް އެދޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި އެކި ފަހަރުމަތިން މިނިސްޓްރީ އޮފް އެޑިއުކޭޝަންގައިވެސް މި ބަދަލު ގެެސްދިނުމަށް އެދިފައިވާ ކަމަށެވެ.

"2020 ވަނަ އަހަރުގެ ބޮޑު ޗުއްޓީވެސް ދެބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު. ޑިސެމްބަރު މަހުގެ ތެރޭގައިވެސް ޗުއްޓީގެ އެއްބައި ލިބެފައި. އަހަރުގެ މެދުތެރޭގައިވެސް ޗުއްޓީގެ އެއްބައި ލިބުމަށްޓަކާ،" މުޖާހިދު ވިދާޅުވިއެވެ.

މުޖާހިދު ވިދާޅުވީ މި ބަދަލާއެކު ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންނަށްވެސް ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށެވެ.

"ރާއްޖޭގެ ވަރަށް ގިނަ ދިވެހިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަނީ. އެހެންވިމާ ޗުއްޓީގައި އެބޭފުޅުންގެ އާއިލާ އާ އެކީގައި ވެސް ހޭދަކުރުމުގެ ފުރުސަތު ލިބުމާ، ހަމަ އެހެންމެ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ދުވަސްވަރަކީ އަހަރުގެ ފަހުކޮޅަށް ވެފައި، އެދުވަސްވަރު އެންމެން ބިޒީވެ، ހާައްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކުން އެކަމުގެ ތެރޭގައި އިންވޯލްވެ އުޅުމާ އެކީގައި ހަގީގަތުގައި ޗުއްޓީގެ ބޭނުން އެބޭފުޅުންނަށް އެންމެ އެދެވޭގޮތުގައި ހިފޭގޮތެއްވެސް ނޯވޭ، އެބޭފުޅުންގެ އާއިލާ އާ އެކީގައި،" އޭނާ ވިދާޅުވިއެވެ.

މުޖާހިދު ވިދާޅުވީ ކޮވިޑް19ގެ ބަލިމަޑުކަން އައީ ދިރާސީ އަހަރު ފެށޭ ދުވަސްވަރަށް ބަދަލު ގެނައުމުގެ މަޝްވަރާގައި އުޅެނިކޮށް ކަމަށެވެ. ބަލިމަޑު ކަމާއެކު ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ދިރާސީ އަހަރަށް އަސަރުކޮށް، ގިނަ ބަދަލުތަކެއް ގެނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން އޭރު ނިންމީ މިއަހަރުގެ ޖޫން 24 އާއި ހަމައަށް ދިރާސީ އަހަރު ދަންމާލުމަށެވެ. އެގޮތަށް ހެދީ މާޗު މަހުން ފެށިގެން ޖުލައި މަހާއި ހަމައަށް ސްކޫލުތައް ބަންދުކޮށްފައި އޮވެފައި، ސިލަބަސް ކަވަރު ކުރުމަށް ދަތިވުމުންނެވެ.

"2021-2022 ވަނަ އަހަރުގެ އެކެޑެމިކް އިޔާ ފެށޭގޮތަށްވެސް މިއޮތީ އެނގިވަޑައިގަންނަވާނެ ފަދައިން އޮގަސްޓު މަހުގެ 10 ވަނަ ދުވަހު. މިއީ މިފަދަ ބަދަލެއް ގެންނަން އެންމެ މުނާސަބު ދަނޑިވަޅަށްވާތީ. އެކަމާ ގުޅޭގޮތުން ގުޅުންހުރި އެކި ދާއިރާތަކުގެ ބޭފުޅުންނާ. ހާއްސަކޮށް ތައުލީމީ ދާއިރާ އާއި ގުޅުންހުރި އަދި ދަރިވަރުންގެ ކަންތަކާ ގުޅުންހުރި ބޭބޭފުޅުންނާ މަޝްވަރާ ކުރެވި މި ނިންމުމާ ހަމައަސް އައިސްފައި މިއޮތީ،" މުޖާހިދު ވިދާޅުވިއެވެ.

މި ބަދަލު ގެނައުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ހިޔާލު ހޯދުމުގެ ސާވޭ އެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ދިރާސީ އަހަރަށް ގެނައި ބަދަލާއެކު އޭލެވެލް އަދި އޯލެވެލް އިމްތިހާނުވެސް ދެން އޮންނާނީ މެއި/ޖޫން ގައެވެ.

މި ބަދަލާއެކީގައި އޯލެވެލް އިމްތިހާނު ނިމި އޭލެވެލް ފެށުމާ ދޭތެރޭ ވޭތުވާ ހަ މަސް ހޭދަނުވާ ކަމަށާއި މާ ގިނަ ދުވަސް ވޭތުނުކޮށް އޮގަސްޓު ތެރޭ އޭލެވެލް ކިޔެވުން ފެށޭނެ ކަމަށް އެޑިއުކޭޝަން އިން ބުންޏެވެ.

"އެޑިއުކޭޝަން މިނިސްޓްރީ އިން ނިންމުމެއް ނިންމާއިރު އަބަދުވެސް ބަލަނީ ދަރިވަރުންނަށް އެންމެ ފައިދާހުރީ ކޮން ގޮތަކަށްތޯ. ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު އަޅުގަނޑުމެން ބެލީ ކޮބައިތޯ ދަރިވަރުންނަށް ހުރި ފައިދާ ތަކަކީ،" މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވިއެވެ.

"[މިނިންމުމާއެކު] ދަރިވަރުންނަށް ލިބޭ ފައިދާތަކުގެ ތެރޭގައި ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ލިބޭ ފުރުސަތުތައް ދަރިވަރުންނަށް ބޭނުން ކުރުމުގައި މަގުފަހިވެގެންދޭ. އާންމުކޮށް ދިވެހިން ދާ ހިސާބުތަކުގައި، ފުރުސަތުތައް ލިބޭ ހިސާބުތަކުގައި އެކެޑެމިކް ކަލަންޑާ އޮންނަނި މި ދެންނެވި ގޮތަށް ތަރުތީބު ވެފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މި ބަދަލާއެކު އެކި އިންޑަސްޓްރީތަކުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދުމުގެ މަސައްކަތް ދަރިވަރންނަށް ކުރެވޭނެ ކަމަށައި އާއިލާއެކު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުވެސް މި ބަދަލާއެކު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް