މާލޭގެ ޒުވާނުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނެ، އެކަން ކޮށްދޭނަން: މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރު އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު--

މާލޭގައި ދިރިއުޅޭ ޒުވާނުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނެ ކަމަށާއި މާލޭގެ މޭޔަރުކަމަށް ހޮވައިފިނަމަ އެކަން ކޮށްދެއްވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"މިއީ މަގޭ ރާއްޖެ' ނަމުގައި ލޯކަލް ކައުންސިލް އިންތިހާބަށް އިދިކޮޅު ކޯލިޝަންގެ ކެމްޕޭން ރީލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މާލޭގައި ދިރިއުޅޭ ޒުވާނުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.

ޒުވާނުން އާމްދަނީ ހޯދާނެ މަގުތައް ސިޓީ ކައުންސިލަށް ފަހިކޮށްދެވެން އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރީގައި މިކަންކަމަށް ވިސްނާފައި ނެތުމަކީ އެކަންކަން ނުކުރެވޭނެ ކަމެއް ކަމަށް ގަބޫލުކުރެވޭނެ ސަބަބެއް ނޫން. މާލޭގައި އެބަހުރި މި މައްސަލަތައް ހައްލުކޮށްދެވެން. ޒުވާނުންނަކީ ބިކަވެފައި، މަގުމަތީގައި ބޭކާރުވެފައި، އެހެން މީހުންނަށް ބަރޯސާވެގެން ތިބެން ޖެހޭ ބައެއް ނޫން.

މުއިއްޒު ވިދާޅުވީ އެކަން ނިމުމަކަށް ގެނެސް، ޒުވާނުންނަކީ އެމީހުންނަށް ފުދުންތެރިކަން ލިއްބައިދެވޭ ބަޔަކަށް ބަދަލުކޮށް، އެމީހުންގެ ފަރާތުން މުޖުތަމައަށް ކަަންކަން ކޮށްދެވޭ ގަދަރުވެރި ބަޔަކަށް ހަދަން ސިޓީ ކައުންސިލަށް މަސައްކަތް ކުރެވެން ވާނެ ކަމަށެވެ.

"އެކަން ކުރުމުގެ ޕްލޭނާއި ވިސްނުން އަޅުގަނޑާއި އަޅުގަނޑާ އެކުގައި މާލެ ސިޓީ ކައުންސިލަށް ނިކުމެ ތިބި ކެންޑިޑޭޓުންގެ އެބަހުރި. އެކަން ހާސިލުކޮށްދޭނަން. އަޅުގަނޑުމެން ޒުވާނުންގެ ފަރާތުން އެދެނީ މި ފުރުސަތު އަޅުގަނޑުމެންނަށް ދޭން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި ކައުންސިލްގެ ފެންވަރުގައި އެކަން ހައްލުކުރަން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

"ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރަނީ ކައުންސިލުން. ކައުންސިލުން އެ މަސައްކަތް ނުފަށައިފިނަމަ ދެން ކޮން ދިމާލަކުންތޯ އެކަން ކުރާނީ؟" މުއިއްޒު ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މާލޭ މޭޔަރުކަމަށް ވާދަކުރައްވާ މުއިއްޒު ރަސްމީކޮށް ކެމްޕޭން ކުރައްވަން ފެއްޓެވީ މި މަހުގެ ހަވަނަ ދުވަހުގަ އެވެ. އޭނާގެ ކެމްޕޭންގެ ޝިއާރަކީ "ރައްޔިތުން އެދޭ އަމާޒަށް" އެވެ.

comment ކޮމެންޓް