ފާހަނާ ދޮންނައިރު ހަނދާނުގައި ބަހައްޓަންވީ ދެތިން ކަމެއް!

ފާހާނާ ދޮންނައިރު ސަމާލުވާންވީ ބައެއް ކަންކަން---

ގޭގަައި އެންމެ ގިނައިން އެތަނެއް ހަމަ ގައިމުވެސް ބޭނުންކުރެވޭނެ ތަަނަކީ ފާހާނާއެވެ. އަދި އެންމެ ފަސޭހައިން ހަޑިވެ އެންމެ ގިނައިން ދޮންނަންޖެހޭނެ ތަނަކީ ވެސް ހަމަ މިއީ އެވެ. އެއާއިއެކު ފާހާނާ ދޮވުމުގައި ސަމާލުވާންޖެހޭ ކަންކަން ވެސް އެހާމެ ގިނައެވެ.

މަދުވެގެން ހަފްތާއަކު އެއްފަހަރު ދޮންނަންޖެހޭނެ

އަަހަރެމެންގެ އާދަތައް ހުންނަ ގޮތުން އަބަދުވެސް ކަންކަމައިގެން އުޅެވޭނީ ވަރަށް ބޮޑަށް އެކަމެއްގެ ބޭނުން ޖެހުނީމައެވެ. ފާހަނާ ސާފުކުރުން ވެސް ހަމަ އެހެނެވެ. މުޑުދާރުވެގެން ބޭނުންކުރެވޭވަރަށް ވުރެ ހަޑިވުމުން ނޫނީ ގިނަފަހަރު މިކަމާއި ޚިޔާލުވެސް ނުކޮށްލާނެއެވެ. އެކަމަކު ފާހާނާއާއި ހާއްސަކޮށް ފާހާނާ ތަށި ހަފްތާއަކު އެއްފަހަރު ނުދޮވެފިނަމަ ނުބައި ވަސްދުވެ، ޖަރާސީމު އާލާވުމަށް މަގުފަހިވެ އެވެ.

ފަސޭހަކުރަން ކޮންމެހެން ޑީއައިވައި ހަދާނެ ކަމެއް ނެތް

މި ބުނަނީ ކޮންމެހެން ހުރިހާ ކަމެއްގައި ޑީއައިވައިގެ ބޭނުން ނުހިފާށޭ އެއްވެސް ނޫނެވެ. ފާހާނާއަކީ ނިކަން ފަރުވާތެރިކަމާއިއެކު ދޮންނަންޖެހޭ ތަނަކަށްވާ އިރު މިކަމުގައި މާ ބައިވަރު 'ޝޯޓް ކަޓް'ތަކެއް ނެގުމުގެ އެއްވެސް ބޭނުމެއް ނުފެނެއެވެ. މިގޮތުން ކޮކާކޯލާއިން ފާހަނަ ތަށި ދޮވުމަށް ބައެއް މީހުން ބުނާއިރު މިއީ އެއްވެސް ވަރަކަށް ތަށި ޑިސްއިންފެކްޓް ކޮށްދޭނޭ އެއްޗެއް ނޫނެވެ. އަދި ސާފުކުރާ އެއްޗެއްގެ ގޮތުގައި މީގެ ބޭނުން ހިފަންޖެހޭ އެއްވެއް ސަބަބެއް ނެތްކަމަށްވެސް ކަމުގެ މާހިރުން ބުނެއެވެ.

ދެވަނަ ކަމަކަށް ފާހާނާގެ ތަށިމުށިތައް ދޮވުމަށް ބޭކިން ސޯޑާ ބޭނުންކުރުމުން އެއިން ވާ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑެވެ. މިގޮތުން ތަށިމުށީތަކުގައި އެހުންނަ އޮފްކަމާއި ރީތިކަން ގެއްލޭކަން ގިނަބަޔަކު ފާހަގަކުރެއެވެ. އަދި އެއާއެކު ވިނެގާއާއި ބޭކިން ސޯޑާ އެއްކޮށްގެން ވެސް ފާހަނާ ދޮންނަން ބައެއް މީހުން ބުނާއިރު، މި ދޭއްޗަކީ އެކަތި އަނެކަތި ކެންސަލް ކޮށްލާއެއްޗެކެވެ. ނަމަވެސް ފާހަނާއިގައި ހުންނަ 'ލައިމް ސްކޭލް' ތައް ފިލުވާލުމަށް ވިނެގާ އެކަނި ބޭނުންކުރުމުން ވަރަށް ފަސޭހައިން ސާފުވެއެވެ.

ފާހާނާ ފެން ހިންދާތައް މަތިން ހަނދާން ނައްތާ ނުލާތި

ފާހާނާ ސާފުކުރަން ބުނުމުން އެންމެ ގިނައިން ނުކޮށް ދޫކޮށްލެވޭ އެއްކަމަކީ މިިއީއެވެ. ގިނަފަހަރު ފެން ހިންދާތަން މަތިން ހަނދާންވަނީ ވެސް ފެންވަރައިގެން ފެންތައް ނުގޮސްގެން ކޮންމެވެސް މީހަކު ރުޅިގަދަވުމުންނެވެ. އެހެންކަމުން މަދުވެގެން މަހަކު އެއްފަހަރު ޑްރެއިން ކްލީނާއެއް ބޭނުންކުރުން ރަނގަޅުވާނެއެވެ. އަދި ފެން ހިންދާ ތަން އެންމެ ފަސޭހައިން ބެދެނީ އިސްތަށިން ކަމުގައިވާތީ، އިސްތަށިގަނޑު ދޮވުމަށް ފަހު ފާހާނާޢިން ނުކުތުމުގެ ކުރިން އެއްވެފައި ހުރި އިސްތަށިތައް ނެގުމަކީ މިކަމުގައި އަމަލުކުރެވޭނެ އެންމެ ފަސޭހަ ގޮތެވެ.

ބްލީޗް ބޭނުންކުރުން، މިއީ އާދައިގެ ކަމެއް ނޫން

ރާއްޖޭގައި ނަމަ އެންމެ ގިނަ ބަޔަކު ފާހާނާ ސާފުކުރަން ބޭނުންކުރާެ އެއްޗަކީ 'ބްލީޗް' އެވެ. ކަމުގެ މާހިރުން ބުނާ ގޮތުން ފާހާނާ އަކީ އެކި ޒާތްޒާތުގެ ޖަރާސީމު އަށަގަނެ އާލާވާ ތަނަކަށް ވާއިރު، އެ ތަން ދޮވުމަށް ބްލީޗް ބޭނުންކުރުމަކީ ރަނގަޅު ކަމެކެވެ. އެކަމަކު މިކަމުގައި ފަރުވާތެރިވާންވީ އެތަށް ކަމެއް އެބަހުއްޓެވެ. ފުރަތަމަކަމަށް ބްލީޗްއާއި ފެން ނޫން އެހެން އެއްވެސް ބާވަތެއް އެއްކުރުމަކީ ހަމަ މުޅީން ގޯސް ކަމެކެވެ. ފާހާނާ ދޮވުމަށްނަމަ 3.79 ލީޓަރުގެ ފެނާއި، 3/4 ޖޯޑު ބްލީޗް އެއްކޮށްލުމުން ފުދޭނެ އެވެ. އަދި ވީއެންމެ އަވަހަށް މި ސޮލިއުޝަން ބޭނުންކުރަންޖެހޭއިރު، ފަސޭހައިން ވައިދައުރުވާނެހެން ފާހާނާ ދޮރާއި ގޭގެ އެނޫން ވެސް ކުޑާދޮރުތައް ހުޅުވާފައި ބެހެއްޓުމަކީ މުހިންމުކަމެކެވެ. އަދި ފަސްވަރަކަށް މިނިޓުވަންދެން ބެހެއްޓުމަށް ފަހު ދެން ދޮވެލުން ރަނގަޅުވާނެ އެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އަތށް އަންގި ލައްވަންވެސް ހަނދާންބަހައްޓަން ވާނެ އެވެ.

މި ނޫނަސް، އަބަދުވެސް ފާހާނާގެ ސާފުތާހިރުކަން ޔަގީންކުރުމަށްޓަކައި އާއިލާގެ ހުރިހާ މެންބަރުންނަށް ވެސް އެނގެންޖެހޭކަންކަން ބުނެދީފައި ބެހެއްޓުން މުހިންމެވެ.

comment ކޮމެންޓް