ނިކަން އަގުބޮޑުކޮށް އަހަރެމެން ގަންނަ، އެކަމަކު ސިއްޚަތަށް އެހާމެ ފައިދާހުރި މީރު އެއް މޭވާއަކީ އެވަކާޑޯއެވެ. ކަންމަތީ ފިހާރަތަކުން ނުލިބުނެއްކަމަކު، ސުޕާމާޓްތަކާއި މޭވާ އާއި ތަރުކާރީ ވިއްކާ ފިހާރަތަކުގައި އެވަކާޑޯ އާންމުކޮށް ލިބެން ހުރެއެވެ. އެހާމެ އަގުބޮޑޮކޮށް އެވަކާޑޯ ގަންނަން ޖެހޭއިރު، އެންމެ ހިތްދަތިވާ ކަމަކީ ގެއަށް ގަންނަ އެވަކާޑޯ ގިނަފަހަރު ބޭނުންކުރަންވާއިރަށް ދޮންނުވެ އޮތުން ނޫނީ މާ ބޮޑަށް ޗަސްވެ ހަލާކުވެފައި އޮތުމެވެ.
ފުރަތަމަ ބަލަންވީ އެވަކާޑޯގެ ކުލަ

އެންމެ ފުރަތަމަ ބަލަންވީ އެވަކާޑޯގެ ކުލައަށެވެ. އާންމުކޮށް ދޮންވެފައި ހުންނަ އެވަކާޑޯ ހުންނާނީ ކަޅު ޒާތެއްގެ ކުލައިގަ އެވެ. ކޮންމެވެސް ވަރަކަށް ފެހިކަން ފެންނަން ހުރެދާނެ އެވެ. ވަގުތުން ބޭނުންކުރާނަމަ އެންމެ ރަނގަޅީ ހަމަ ބޮޑަށް ކަޅު ކުލައެއްގެ އެވަކާޑޯ އެއް ނެގުމެވެ. އަދި ދެތިންދުވަހެއް ފަހުން ބޭނުންކުރާ ނަމަ ފެހި އެވަކާޑޯއެއް އެންމެ ރަނގަޅުވާނެ އެވެ. އެހެންނަމަވެސް މިއީކީ ހަމައެކަނި ކުލައަށް ބަލައިގެން ނިންމާލެވޭނެ ކަމެއް ނޫނެވެ. ބައެއް ވައްތަރުތަކުގެ އެވަކާޑޯއަކީ ދޮންވިޔަސް ފެހިކުލައިގައި ހުންނަ އެއްޗެކެވެ. އަދި ކުރިއަށް އޮތީއެވެ.
ކުލައިން ނޭގެންޏާ ދެން މަޑުމަޑުން ފިއްތާލާ

އެވަކާޑޯއަކަށް ފިއްތާލަނީ----
ކުލައިން ބުނަން ނޭގޭ ނަމަ ދެން އޮތީ އެވަކާޑޯއަށް ފިއްތާލުމެވެ. މާ ބާރުބާރަކަށް ނޫނެވެ. ފޮޓޯއިން ފެންނަ ފަދައިން އަތުގެ ބޮޑުވާއިނގިލިން ކުޑަކޮށް ފިއްތާލުމުން ކުޑަކުޑަަކޮށް އެތެރެއަށްދާ ނަމަ އެއީ މިވަގުތަށް ހަމަ އެންމެ ރަނގަޅު އެވަކާޑޯއެކެވެ. ނަމަވެސް މާބޮޑަށް ފަސޭހައިން އެތެރެއަށްދާ ނަމަވެސް އެންމެ ރަނގަޅެއް ނޫނެވެ. އަދި އެއްވެސް ވަރަކަށް ނުފިތޭހެން ހަރުކޮށް އޮންނަނަމަ އެ އެވަކާޑޯ މާ ޅައީ އެވެ.
އެވަކާޑޯގެ ކޮޅުންވެސް ދޮންވެފައި ހުރިތޯ ބެލޭނެ

ކެޕްޝަން..
އެވަކާޑޯގެ ސްޓެމް ނުވަތަ ކޮޅަށް ބަލާލުމުން ވެސް ދޮންވެފައި ހުރިތޯ ނޫންތޯ ބަލާލެވޭނެ އެވެ. އެވަކާޑޯއެއް އެންމެ މީރުވާނީ ދޮންވެ އެތެރެ ކްރީމީ ކޮށް އޮންނައިރެވެ. އެވަކާޑޯގެ ކޮޅަށް ބަލާލާއިރު ފެހިކުލައިގައި އޮންނަނަމަ ގަތުމަށް ހަމަ އެންމެ ރަނގަޅެވެ. ނަމަވެސް މުށިކުލައަކަށް ދާނަމަ އެއޮތީ މާބޮޑަށް ދޮންވެ، ހަލާކުވާން ކައިރިވެފަ އެވެ.
ގަނެގެން އަންނަ އެވަކާޑޯ އަދި ބޭނުން ނުކޮށް ބާޢްވަން ބޭނުން ނަމަވެސް ފަރުވާތެރިވާންވީ ބައެއް ކަންކަން އެބަހުއްޓެވެ. މިގޮތުން ދޮންވެފައި އޮތް އެވަކާޑޯއެއް ނަމަ ރަނގަޅީ ފްރިޖުގައި ބޭޢްވުމެވެ. އޭރުން އިތުރަށް ދޮންވާން ގިނަިއރު ނަގާނެއެވެ. ދޮން ނުވާ އެވަކާޑޯ އެއްނަމަ ޕޭޕަރު ކޮތަޅެއްގައި ސީދާ އަވީގައި ނުޖެހޭހެން ބާއްވަންޖެހެ އެވެ. އަވަހަށް ދޮންކުރަން ބޭނުންނަމަ ދޮންކެޔޮ ނުވަތަ އާފަލެއް އެ ކޮތަޅުގެ ތެރެއަށް ލެވިދާނެއެވެ.
އެވަކާޑޯއެއްގެ ބައެއް ބޭނުންކޮށްފައި އަނެއްބައި ފަހުން ބޭނުންކުރަން ބާއްވާނަމަ އެންމެ ރަނގަޅީ ލުނބޯހުތް ކޮޅެއް ޖެހުމަށްފަހު ޕްލާސްޓިކް ްވްރެޕްއެއްގައި ނުވަތަ އެއާޓައިޓް ކޮންޓެއިނާއެއްގައި ބޭޢްވުމަށްފަހު ފްރިޖަށް ލުމެވެ.