މަޖިލިސް ރައީސް އަނެއްކާވެސް ފައްޔާޒަށް ތުހުމަތުތަކެއް ކުރައްވައިފި

ރައީސް ނަޝީދާއި މިނިސްޓަރު ފައްޔާޒު --

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ނުފޫޒު ފޯރުވައިގެން ކްލިނިކެއް ބަޔަކަށް ދިން ކަމަށް ބުނެ ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ތުހުމަތުތަކެއް ކުރައްވައިފި އެވެ.

އެމަނިކުފާނު އެގޮތަށް ތުހުމަތު ކުރެއްވީ، އެމްޑީޕީ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕުގަ އެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ ގުރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މިނިސްޓަރު ފައްޔާޒު ނުފޫޒު ފޯރުވައިގެން ހުޅުމާލޭ ކުލިނިކް ޝަރުތު ފުރިހަމަ ނުވާ ބަޔަކަށް ދީފައިވާ ކަމަށެވެ.

"ފަޔާ އަޅުގަނޑު މިހުރީ ތިޔަ ކަން ތިޔަހެން ދާން ދޫކުރާކަށް ނޫން. ކުރީގައިވެސް ބުނިން،" މި ސަރުކާރުގެ ނުފޫޒު ގަދަ ވަޒީރެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ފައްޔާޒަށް ނިސްބަތްކޮށް، އެ ގުރޫޕުގައި ރައީސް ނަޝީދު ލިޔުއްވި އެވެ.

ނަޝީދު ފައްޔާޒަށް ތުހުމަތުތަކެއް ކުރެއްވި އިރު، މީގެ ކުރިންވެސް އެމަނިކުފާނު ވަނީ ފައްޔާޒަށް އަމާޒުކޮށް، ބަހުގެ ހަމަލާތަކެއް ދެއްވައި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އަދި މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް ވެސް ރައީސް ނަޝީދު ވަނީ އިސްކޮށް ހުންނަވާ މަސައްކަތް ތަކެއް ކުރައްވައިފަ އެވެ.

އެހެން ނަމަވެސް ފަހުން އެކަން މަޑު ޖެހުނެވެ.

އެ ކަންތައްގަނޑުގެ ތެރެއިން ނަޝީދު ވަނީ ފައްޔާޒުގެ މައްސަލައަކީ ކަންކަމަށް ނުފޫޒު ފޯރުވައި "ބުރޯ" ހެދިގެން އުޅުން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ފައްޔާޒު ވަނީ އެ ތުހުމަތުތައް މީގެ ކުރިން ދޮގު ކުރައްވައިފަ އެވެ.

ރައީސް ނަޝީދު އަނެއްކާ ވެސް ފައްޔާޒަށް މިއަދު ތުހުމަތުތަކެއް ކުރެއްވީ އެނގިފައިވާ ގޮތުގައި ފައްޔާޒާ ގާތް ކަމެއް ބަހައްޓަވާ މަޖިލީހުގެ ދެ މެންބަރެއްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ހުޅުމާލޭ ކުލިނިކް ދިން ކަމުގެ ތުހުމަތުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ފައްޔާޒަށް ފުރިހަމަ އިތުބާރު އެބަ އޮތެވެ. އަދި ފައްޔާޒު ދިފާއު ކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ފާޅުގައި ވިދާޅުވެފަ އެވެ.

comment ކޮމެންޓް