ކޮވިޑް ފެސިލިޓީން ދެނީ ޓާޝަރީ ފެންވަރުގެ ހިދުމަތް: ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލޭގައި ގާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީ-- ފޮޓޯ: އެސްޓީއޯ

ކޮވިޑް19ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީން ދެމުން އަންނަނީ ޒަމާނީ، ޓާޝަރީ ފެންވަރުގެ ހިދުމަތް ކަމަށް، އެތަން ހިންގާ ހުޅުމާލެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ފެސިލިޓީއާ މެދު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އެންމެ އެކަށީގެންވާ ގޮތެއްގައި ބަލި މީހުންނަށް ފަރުވާ ނުދޭ ކަމަށާއި، ހިދުމަތުގެ ފެންވަރު ދަށް ކަމަށް އަންނަނީ ބުނަމުންނެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހުޅުމާލޭ ހޮސްޕިޓަލްގެ އެޑްމިނިސްޓްރޭޓަރު، ހަސަން ސިނާން ވަނީ އެވާހަކަތައް ދޮގުކުރައްވައިފަ އެވެ.

"އަޅުގަނޑު ބުނެލަން ބޭނުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ހިދުމަތަކީ ޒަމާނީ ޓާޝަރީ ފެންވަރުގެ ހިދުމަތެއްކަން،" ސިނާން ވިދާޅުވި އެވެ.

ސިނާން ވިދާޅުވީ އެ ފެސިލިޓީގައި ހަތަރު ގަޑީގެ ކެއުން ހަމަޖައްސާފައިވާނެ ކަމަށާއި ދެ އިރު އެކައްޗެއް ކާން ނުޖެހޭނެ ކަމަށެވެ. އަދި ކުޅިވަރު ކުޅެވޭނެ އިންތިޒާމާއި ކޭބަލް ޓީވީގެ ހިދުމަތާއި ވައިފައި ވެސް ލިބެން ހުންނާނެ ކަމަށެވެ. ހަމައެއާއެކު ބަލިމީހުންގެ ހާލަތު ދެނެގަތުމަށް ހަފްތާއަކު ދެ ދުވަހު ޖެންޑާ މިނިސްޓްރީގެ ސައިކޯ ސޯޝަލް ސަޕޯޓް ޓީމުން ވެސް ފެސިލިޓީއަށް ޒިޔާރަތްކުރާ ކަމަށެވެ.

ސިނާން ވިދާޅުވީ ފެސިލިޓީއާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގެ ސަބަބުން ބައެއް ބަލިމީހުން ފެސިލިޓީގައި އެޑްމިޓުވާން ބޭނުން ނުވާ ކަމަށެވެ. އަދި ބަލިމީހުންނާއެކު ފެސިލިޓީގައި މަޑުކުރަން އާއިލާތަކުން އެދެމުން އަންނަ ކަމަށެވެ.

ނަމަވެސް މިފަދަ ބަލިމަޑުކަމެއްގައި އެކަމަށް ޖާގަ ނުދެވޭނެ ކަމަށާއި އަދި އެ ފެސިލިޓީއަކީ އާންމު ބަލިތަކަށް ފަރުވާދޭ ތަނެއް ނޫން ކަމަށެވެ. އަދި ބަލިމީހަކަށް އެހީތެރިޔަކު ބޭނުންވާކަމަށް ނިންމާނީ ޑޮކްޓަރުން ކަމަށާއި ޑޮކްޓަރުން އެގޮތަށް ނިންމައިފި ނަމަ އެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަކީ 249 އެނދުގެ ޖާގައިގެ ތަނެކެވެ. އެ ފެސިލިޓީގައި މިވަގުތު 171 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. ބަލި މީހުންނަށް ފަރުވާ ދިނުމަށް 17 ޑޮކްޓަރުންނާއި 61 ނަރުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް