މިއަހަރުގެ މެދު ތެރޭ އެމެރިކާއަށް ހަރޑް އިމިއުނިޓީ ހާސިލު ކުރެވިދާނެ: ސީއެންއެން

މިއަހަރުގެ މެދު ތެރޭ އެމެރިކާއަށް ހާޑް އިމިއުނިޓީ ހާސިލު ކުރެވިދާނެ ކަމަށް ސީއެންއެންއިން ލަފާ ކުރޭ -- ފޮޓޯ: ގެޓީ

ވޮޝިންޓަން (މާޗް 6): އެމެރިކާއިން މިހާރު ކޮވިޑް-19 ވެކްސިން ޖަހަމުންދާ ސްޕީޑުގައި ކުރިއަށްދާ ނަމަ މިއަހަރުގެ މެދު ތެރޭ އެގައުމަށް ހަރޑް އިމިއުނިޓީ ހާސިލު ކުރެވިދާނެ ކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފި އެވެ.

ސީއެންއެންއިން އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އާ ހަވާލާދީ ރިޕޯޓު ކުރި ގޮތުގައި އެގައުމުން މިހާރު ދަނީ ކޮންމެ ދުވަހަކު ކޮވިޑް ވެކްސިންގެ ދެ މިލިއަން ޑޯޒް ޖަހަމުންނެވެ. އަދި މިހާރާ އެއްގޮތަށް އެގައުމުން ފައިޒާ/ބަޔޯއެންޓެކްގެ ވެކްސިން އާއި މޮޑާނާގެ ދެ ޑޯޒް ވެކްސިންތައް ޖަހަމުންދާ ނަމަ، އަންނަ ސެޕްޓެމްބަރު މަހުގެ މެދާ ހަމަޔަށް އެމެރިކާގެ 70 ޕަސެންޓު މީހުންނަށް ދެ ޑޯޒް ދީ ނިމޭނެ އެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގައި އެމެރިކާއިން ވަނީ ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ބޭނުން ކުރަންވެސް ހުއްދަ ދީފަ އެވެ. އަދި އެންމެ ޑޯޒަކުން ފުދޭ އެ ވެކްސިންގެ 100 މިލިއަން ޑޯޒް މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭ އެމެރިކާއަށް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެހެންކަމުން މިހާރު ޖަހަމުންދާ ވެކްސިންގެ ތެރެއަށް ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން އިތުރުކޮށްފި ނަމަ، ޖުލައި މަސް ނިމެންވާ އިރަށް އެމެރިކާގެ އާބާދީގެ 70 ޕަސެންޓު މީހުންނަށް ފުރިހަމަ ޑޯޒްތައް ދީ ނިމޭނެ ކަމަށް ސީއެންއެންގެ އެނެލެސިސްއިން ވަނީ ދައްކާފަ އެވެ.

ހަރޑް އިމިއުނިޓީއަކީ ވެކްސިން ޖެހުމުގެ ސަބަބުން ނުވަތަ ބައްޔަށް ކުރިން ހުށަހެޅިފައިވުމުގެ ސަބަބުން އެ ބަލި ޖައްސާ ވައިރަހަށް އާބާދީގެ ބޮޑު ޕަަސެންޓޭޖެއް ހޭނި، އެ ބައްޔަކުން ރައްކާތެރިކަން ލިބިފައިވުމެވެ.

ކޮވިޑް-19 އަކީ އާ ބައްޔެއް ކަމުން އެ ބަލިން ރައްކާތެރިކަން ލިބޭނީ އާބާދީގެ ކިހާ ބަޔަކަށް ވެކްސިން ދީގެންކަން އަދި ޔަގީންވެފައި ނުވެ އެވެ. ނަމަވެސް އާންމު ގޮތެއްގައި ހަރޑް އިމިއުނިޓީ ހާސިލު ވަނީ އާބާދީގެ 70 ޕަސެންޓާއި 85 ޕަސެންޓާ ދެމެދުގެ މީހުންނަށް ރައްކާތެރިކަން ލިބުމުން ކަމަށް އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީސެސްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ ވިދާޅުވި އެވެ.

އެެމެރިކާގެ ސީޑީސީން ލަފާ ކުރާ ގޮތުގައި އެގައުމުގެ އާބާދީގެ ހަތަރު ބައި ކުޅަ އެއްބަޔަށް މިހާރު ވަނީ ކޮވިޑް ޖެހިފަ އެވެ. އެހެންކަމުން ހާޑް އިމިއުނިޓީއަށް ވާސިލު ވާނެ ދުވަސްތައް ގުނާ އިރު ވެކްސިން ޖަހާ މީހުންގެ އިތުރުން ބަލި ޖެހިފައިވާ މީހުންގެ އަދަދުވެސް އިތުރުކޮށްފި ނަމަ، އަންނަ ޖޫން މަހަށް ހާޑް އިމިއުނިޓީ ހާސިލު ކުރެވޭނެ ކަމަށް ސީއެންއެންގެ ރިޕޯޓުގައިވެ އެވެ.

ނަމަވެސް ކޮވިޑްގެ އާ ވޭރިއެންޓުތަކުގެ ސަބަބުންނާއި ބައެއް މީިހުން ވެކްސިން ޖަހަން ފަސް ޖެހުމަކީ ހާޑް އިމިއުނިޓީ ހާސިލު ކުރުމަށް ކުރާ މަަސައްކަތަށް ހުރަސް އެޅިދާނެ ކަންތައްތައް ކަމަށް މާހިރުން ވިދާޅުވެ އެވެ.

comment ކޮމެންޓް