ފެނަކައިގެ ކާމިޔާބީއަކީ ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމުގެ ނަތީޖާ: ސައީދު

ފެނަކައިގެ އެމްޑީ އަހްމަދު ސައީދު ---

ފެނަކަ ކޯޕަރޭޝަނަށް މާލީ ގޮތުން ލިބެމުންދާ ކުރިއެރުމަކީ އެކުންފުނީގެ ތެރޭގައި ހިންގަމުންދިޔަ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމުގެ ނަތީޖާ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން އަހްމަދު ސައީދު މުހައްމަދު ވިދާޅުވީ ފެނަކައިގެ ތާރީހުގައި ވެސް ސާފު އޮޑިޓް ރިޕޯޓެއް ނެރެވުނީ މި ވެރިކަމުގައި ކަމަށެވެ.

"ދެހާސް ނަވާރަ ވަނަ އަހަރު ނިމިގެންދިޔައީ ފެނަކައަށް ކާމިޔާބު އަހަރެއްގެ ގޮތުގައި. ފެނަކައިގެ ތާރީހުގައި އަލަށް ސާފު އޮޑިޓް ރިޕޯޓެއް ނެރެވުނު. އެ ނަތީޖާއަކީ މެނޭޖްމަންޓަށް ގެނައި ހަރުދަނާ ބަދަލުތަކާއި ހާއްސަކޮށް ފެނަކައިގެ ތެރެއިން ކުރަމުން އައި ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން ކުރި މަސައްކަތުގެ ނަތީޖާ." ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ 2020 ވަނަ އަހަރަކީ ވެސް ފެނަކައަށް ފައިދާކުރި އަހަރެއް ކަމަށާއި އެ ފައިދާގެ ނަތީޖާ ރަށްރަށުން ފެންނަމުންދާ ކަމަށެވެ.

"ރާއްޖޭގެ ގިނަ ރަށްރަށުގައި ފެނަކައިގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާ މަންޒަރު ފެންނާނެ ޕޭރޯލުން ވެސް. ޒަމާނީ ފެންވަރުގެ އިންޖީނުގެއާއި އޮފީސްތަކާއި އެ ރަށަކަށް ބޭނުންވާ އެންމެހާ ވަސީލަތްތައް [އިންޖީނުތަކާއި ނެޓްވޯކްތައް] ބަދަލުވެގެން ދިއުމަކީ ފެނަކައަށް ލިބޭ ފައިދާ. އެއްވެސް ހާލެއްގައި ފެނަކައިގެ އެކައުންޓުގައި ބިލިއަނުން ބިލިއަނުން ފައިދާ ހުންނަ ވާހަކައެއް ނޫން." ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ބައެއް ރަށްރަށުގެ އިންޖީނުގެތައް ހުރީ އިންސާނުން ދިރިއުޅޭ ރަށެއްގައި އެތަން ހުންނަންވާ ގޮތަށް ނޫން ކަމަށެވެ.

ނަމަވެސް ފެނަކައަށް ލިބެމުންދާ ފައިދާއިން އެ ހާލަތުގައި ހުރި ރަށްރަށުގެ އިންޖީނުގެއާއި ނެޓްވޯކް އަޕްގްރޭޑްކޮށްފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

comment ކޮމެންޓް