މުޒާހަރާ އިން ހައްޔަރުކުރި 39 މީހުން ކޮވިޑް ސާމްޕަލް ދޭން ދެކޮޅު ހަދައިފި

ފެބްރުއަރީ 26، 2021: އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން: އެއްވުން ނުފަށަނީސް، އެއްވުން އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު ބައެއް މީހުން ފުލުހުން ވަނީ ހައްޔަރުކޮއްފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާ އިން ހައްޔަރުކުރި މީހުން ކޮވިޑް19އަށް ޓެސްޓުކުރަން ސާމްޕަލް ނަގަން އެދުމުން އެކަމަށް ދެކޮޅު ހަދައިފި އެވެ.

ފުލުހުން ބުނީ އިދިކޮޅުގެ އިހުތިޖާޖުން ޖުމުލަ 39 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެމީހުންގެ ސާމްޕަލް ނަގަން އެދުނީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ބޭއްވި މުޒާހަރާއެއްގައި ބައިވެރިވި ބަޔަކަށް ވެފައި، އެމީހުންނަކީ ގިނަ ފުލުހުންނާ ކޮންޓެކްޓްވެފައިވާ ބަޔަކަށް ވުމުން ކަމަށް ފުލުހުން ބުންޏެވެ.

"އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފަށް ބޭއްވި އެއްވުމެއްގައި ބައިވެރިވެފައިވާ ބަޔަކަށް ވުމުގެ އިތުރުން، ގިނަ އަދަދެއްގެ ފުލުހުންނާ ކޮންޓެކްޓްވެފައި ވުމާއިޕޮލިސް ކަސްޓޯޑިއަލްއަކީވެސް ގިނަ އަދަދެއްގެ ބަޔަކު ބަލަހައްޓާ ތަނަކަށް ވުމާއެކު އެންމެންގެ ރައްކާތެރިކަމަށް ސާމްޕަލް ދޭން އެދިފައިވާނެ. ނަމަވެސް އެކަމަށް އެ އެންމެންވެސް އިންކާރު ކޮށްފައިވާތީ ސާމްޕަލް ނަގާފައެއް ނުވޭ." ފުލުހުން ބުނެ އެވެ.

އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާގެ ތެރެއިން މިއަދު ބޭއްވި މުޒާހަރާއިން ހައްޔަރުކުރި 39 މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

އެމީހުން ހައްޔަރުކުރުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން އެކިވަރުގެ އަނިޔާތަކެއް ލިބިފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ތުހުމަތުކޮށްފަ އެވެ.

comment ކޮމެންޓް