މާލެއަށް ބޭނުންވާ ތަރައްގީ ގެނެވޭނީ މޭޔަރުކަމަށް ޑރ. މުއިއްޒު އިންތިހާބުކޮށްގެން: އަދުރޭ

ޕީޕީއެމް/ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވާހަކަ ދައްކަވަނީ ---

މާލޭ ރައްޔިތުން އެދޭ ގޮތަށް މާލެއަށް ތަރައްގީ ގެނެވޭނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ޑރ. މުހައްމަދު މުއިއްޒު ހޮވައިގެން ކަމަށް ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް ޕީއެންސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ މާލޭގައި ހަމަޖެހުން ގާއިމު ކުރުމަށްޓަކައި ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ޑރ. މުއިއްޒު މާލޭގެ މޭޔަރުކަމަށް އިންތިހާބުކޮށް، މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމްއަށް ދިނުން ކަމަށެވެ.

"މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމްއަށް ދީގެން، މާލޭގެ ރައްޔިތުން ބޭނުންވާ ތަރައްގީއާއި ކުރިއެރުން މާލެއަށް ލިބޭނީ. ޑރ. މުއިއްޒުއަށް މޭޔަރުކަން ލިބިގެން ނޫނީ މާލޭ ރައްޔިތުން ބޭނުންވާ ތަރައްގީއެއް މާލެއަށް ނާންނާނެ."

އޭނާ ވިދާޅުވީ ޑރ. މުއިއްޒުއާ ވާދަކުރައްވާ ކެންޑިޑޭޓަކީ އެއްގޮތަކަށްވެސް މާލެއަށް ތަރައްގީ ގެނެސްދެވޭނެ ކެންޑިޑޭޓެއް ނޫން ކަމަށެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވަނީ އެ ޕާޓީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު އެވެ.

އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ކެމްޕޭން ކުރައްވަން ފެއްޓެވީ މި މަހުގެ ހަވަނަ ދުވަހުގަ އެވެ. އޭނާގެ ކެމްޕޭންގެ ޝިއާރަކީ "ރައްޔިތުން އެދޭ އަމާޒަށް" އެވެ.

comment ކޮމެންޓް