ކޮވިޑާ ބެހޭ ގޮތުން ޝަކުވާ ކުރުން ހުއްޓާލާ: ބްރެޒިލްގެ ރައީސް

ބްރެޒިލްގެ ރައީސް ވަނީ އެގައުމުގެ ރައްޔިތުން ކޮވިޑާ ބެހޭ ގޮތުން ރޮއެ، ޝަކުވާ ކުރުން ހުއްޓާލުމަށް އަންގަވާފަ -- ފޮޓޯ: ރޮއިޓާސް

ރިއޯޑިޖެނީރިއޯ (މާޗް 5): ބްރެޒިލްގެ ރައްޔިތުން ކޮވިޑް-19 ބަލިމަޑުކަމާ ބެހޭ ގޮތުން ރޮއެ، ޝަކުވާ ކުރުން ހުއްޓާލުމަށް އެގައުމުގެ ރައީސް ޖައިރު ބޮލްސޮނާރޯ އަންގަވައިފި އެވެ.

ބްރެޒިލްގައި ކޮވިޑް ޖެހޭ މީހުންގެ އަދަދާއި ބަލީގެ ސަބަބުން މަރުވާ މީހުންގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވެފައި ވަނިކޮށް ބޮލްސޮނާރޯ ވަނީ ކޮވިޑްގެ ނުރައްކާ ކުޑަ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފަ އެވެ. އަދި ބަލި ފެތުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅު އެޅުމަށް ދެކޮޅު ހައްދަވާފަ އެވެ.

"ޝަކުވާ ކުރުން ހުއްޓާލާ. [ބައްޔާ] ބެހޭ ގޮތުން ރޯނީ ކިތައް ދުވަސް ވަންދެން؟ ހުރިހާ ތަނެއް ބަންދުކޮށްގެން ގޭގައި ތިބޭނީ ކިތައް ދުވަހަށް؟ މަރުތަކާ މެދު ހިތާމަ ކުރަން ނަމަވެސް ހައްލެއް އެބަ ބޭނުންވޭ،" ބޮލްސޮނާރޯ ވިދާޅުވި އެވެ.

ބްރެޒިލްގައި މިހާތަނަށް 10.8 މިލިއަން މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 261،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެހެންކަމުން އެގައުމަކީ ދުނިޔެއިން ތިން ވަނައަށް ކޮވިޑްގެ ކޭސްތައް އެންމެ ގިނަ އަދި މަރުތައް ދެވަނައަށް އެންމެ ގިނަ ގައުމެވެ.

މީގެ އިތުރުން މިދިޔަ ބުދަ ދުވަހަކީ ކޮވިޑް ޖެހިގެން އެގައުމުން އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ކަމަށް ރިޕޯޓު ކުރި ދުވަހެވެ. އެއީ 1،910 މީހުންނެވެ.

އެހެންކަމުން ބޮލްސޮނާރޯ ކޮވިޑާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ގޮތާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ވަނީ ނުރުހުން ފާޅު ކޮށްފަ އެވެ. އަދި ސައޮ ޕައޮލޯގެ ގަވަރުނަރު ޖުއާއޯ ޑޯރިއާ ވަނީ ބްރެޒިލްގެ ސިއްހީ ނިޒާމު ބޮއްސުންލާން ކައިރިވެފައިވާ ކަމަށާއި އެގައުމުން ވައިރަހާ ދެކޮޅަށް މަަސައްކަތް ކުރާ ގޮތަށް ރައީސްގެ ބަހުގެ ހަމަލާތަކާ ވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"މިވަގުތު ބްރެޒިލްއަށް ވަނީ ދެ ވައިރަހަކާ ހަނގުރާމަ ކުރަން ޖެހިފައި: ކޮރޯނާވައިރަސް އާއި ބޮލްސޮނާރޯ ވައިރަސް. މިއީ ބްރެޒިލްގެ ރައްޔިތުންނަށް ވަރަށް ހިތާމަވެރި ކަމެއް،" ޑޯރިއާ ވިދާޅުވި އެވެ.

ބްރެޒިލްގެ މައި ސަރުކާރާ މެދު ހިތްހަމަނުޖެހި، އެގައުމުގެ ބައެއް ސްޓޭޓުތަކުގެ ގަވަރުނަރުން ވަނީ ކޮވިޑް ވެކްސިން އުފައްދާ ކުންފުނިތަކާ މަޝްވަރާކޮށްގެން އެމީހުން އަމިއްލައަށް ވެކްސިން ހޯދަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި ގަވަރުނަރުންނާއި މޭޔަރުން ވަނީ ފުރަބަންދުގެ ފިޔަވަޅުތައް އަޅާފަ އެވެ.

ބްރެޒިލްގައި ކޮވިޑްގެ ކޭސްތައް ގިނަވެފައި ވަނީ އެގައުމުން އަލަށް ފެނުނު ބަލީގެ ވޭރިއެންޓެއްގެ ސަބަބުން ކަމަށް ސައޮ ޕައޮލޯ ޔުނިވާސިޓީގެ ސައިންސުވެރިން ލަފާ ކުރެ އެވެ. އަދި އެ ބާވަތުގެ ވައިރަސް ފެތުރޭ މިންވަރު ފުރަތަމަ ބާވަތަށް ވުރެ ދެ ގުނަ އަވަސް ކަމަށް ސައިންސުވެރިންގެ ފުރަތަމަ ހޯދުންތަކުން ދައްކަ އެވެ.

comment ކޮމެންޓް