މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓުންތަކެއް މަސައްކަތަކަށް ނުކުތުމަށް ދެކޮޅުހަދަނީ

އިންޑިއާ އަށް ދިޔަ ސިޕްލޭން ކްރޫ -- ފޮޓޯ: މޯލްޑިވިއަން

މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓުންތަކެއް މަސައްކަތަށް ނުކުންނަން ދެކޮޅު ހަދައިފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މިއަދު ހެނދުނުން ފެށިގެން މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓުން ދަނީ މަސައްކަތަށް ނުކުތުމަށް ދެކޮޅު ހަދަމުންނެވެ.

އެ ޕައިލެޓުން ހިތްހަމަނުޖެހިގެން އުޅެނީ ޗީފް ޕައިލެޓުގެ މަގާމުގައި ހުރި ކެޕްޓަން މުސްތަފާ މަންސޫރު އެ މަގާމުން ވަކި ކުރުމެވެ. އެ ޕައިލެޓުން އެދެނީ ޗީފް ޕައިލެޓުގެ މަގާމު އޭނާއަށް އަލުން ދޭށެވެ.

ކެޕްޓަން މުސްތަފާ މަންސޫރު މަގާމުން ވަކި ކުރުމުން އެކަމާ ހިތްހަމަ ނުޖެހިގެން އިއްޔެ ސީޕްލޭން ޕައިލެޓުން މޯލްޑިވިއަންގެ އެމްޑީ އަހުމަދު މިހާދުއަށްވެސް ސިޓީއެއް ފޮނުވާފައިވެ އެވެ.

ކެޕްޓަން މުސްތަފާ މަންސޫރުގެ މަސައްކަތަށް ތައުރީފުކޮށް އެ ސިޓީގައި ބުނެފައި ވަނީ، އޭނާ ޗީފް ޕައިލެޓު ކަމުން ވަކި ކުރަން ނިންމި ނިންމުމަކީ ގަބޫލު ކުރެވޭނެ ނިންމުމެއް ނޫން ކަމަށެވެ.

އަދި ޗީފް ޕައިލެޓަކީ އެންމެންނާ ގުޅިގެން މަސައްކަތް ކުރާ އެންމެން ގަބޫލު ކުރާ މީހަކަށް ވާން ޖެހޭނެ ކަމަށް އެ ސީޓިގައިވެ އެވެ. އޭނާ މަގާމުން ވަކި ކުރަން ނިންމި ނިންމުގެ ސަބަބުން ސީޕްލޭން އޮޕަރޭޝަނުގެ ތެރޭގައި އަމާންކަން ގެއްލިފައިވާ ކަމަށްވެސް ސިޓީގައިވެ އެވެ.

އެނގިފައިވާ ގޮތުގައި، ކޮވިޑްއާ ހެދި މުވައްޒަފުންގެ މުސާރަ ކުޑަ ކުރިތާ މިހާރު ގިނަ ދުވަސްތަކެއްވެފައިވާއިރު، އަދިވެސް އަނބުރާ ކުރިން ހުރި ވަރަށް އިއާދަކޮށްފައި ނުވުމަކީވެސް ބައެއް ޕައިލެޓުންގެ ކަންބޮޑުވުމެކެވެ.

ބައެއް ޕައިލެޓުން މަސައްކަތަށް ނުކުތުމަށް އުޒުރުވެރިވާކަން މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމްވެސް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވީ، ބައެއް މުވައްޒަފުން މަސައްކަތަށް ނުކުތުމަށް ދެކޮޅު ހެދިޔަސް އަދިވެސް ސީޕްލޭން އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށެވެ.

މޫސަ ވިދާޅުވީ ޗީފް ޕައިލެޓްގެ މަގާމުން ކެޕްޓަން މުސްތަފާ މަންސޫރު ވަކިކުރީ ހިންގުމުގެ އޮނިގަނޑަށް ގެނައި ބަދަލެއްގެ ދަށުން ކަމަށެވެ. އަދި ކުންފުނީގެ ކަންކަން ހަރުދަނާކޮށް ހިންގަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުންފުނިން ކުރަމުންދާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

comment ކޮމެންޓް