ހުއްދަ ލިބުމާއެކު ބީއެމްއެލް ހިއްސާގެ ފައިދާ ބަހަން ފަށައިފި

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާއެއްގައި އެކުންފުނީގެ ހިއްސާދާރުންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހުއްދަ ލިބުމާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް)ގެ ހިއްސާގެ ފައިދާ ބަހަން ފަށައިފި އެވެ.

ހިއްސާއަކަށް ޑިވިޑެންޑުގެ ގޮތުގައި 26 ރުފިޔާ ބަހަން ފާސްކުރީ މިދިޔަ އޯގަސްޓު މަހުގެ 31 ވަނަ ދުވަހު ބޭއްވި އެކުންފުނީގެ 37 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ. އެ މަގުން ޖުމްލަ 139،929،920 ރުފިޔާ ބޭންކުގެ ބޯޑުން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައި ހިއްސާދާރުން ވަނީ ފާސްކޮށްފަ އެވެ.

ނަމަވެސް އެމްއެމްއޭއިން ބޭންކުތަކަށް އަންގާފައި ވަނީ، ކޮވިޑްގެ ހާލަތާ ގުޅިގެން ބޭންކުތަކުގެ ލިކުއިޑިޓީއަށް އަސަރުކޮށްފާނެތީ ހިއްސާގެ ފައިދާ ބެހޭނީ އެމްއެމްއޭގެ ހުއްދަ ލިބިގެން ކަމަށެވެ.

ބީއެމްއެލް އިން ބުނީ މިހާރު އެ ހުއްދަ އެމްއެމްއޭ އިން ދީފައިވާ ކަމަށެވެ.

ބީއެމްއެލް އިން ބުނީ ހިއްސާގެ ފައިދާ އެކައުންޓަށް ޖަމާކުރަން އެދިފައިވާ ހިއްސާދާރުންގެ ފައިދާ މިހާރު ޖަމާކޮށްދީފައިވާ ކަމަށެވެ.
އަދި އަހަރީ އާންމު ޖަލްސާގައި ފާސްކުރި ގޮތަށް ހިއްސާގެ ފައިދާ ދިނުމަށް ހަމަޖެހިފައިވަނީ 18 އޮގަސްޓް 2020 އާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނިފައިވާ ހިއްސާދާރުންނަށް ކަމަށެވެ.

އެކައުންޓަށް ޖަމާކުރުމަށް އެދިފައި ނުވާ ހިއްސާދާރުންގެ ހިއްސާގެ ފައިދާ އެކައުންޓަށް ޖަމާކުރުމަށް ނުވަތަ ބޭންކް އެކައުންޓް ބަދަލުކުރުމަށް ބޭނުންވާ ހިއްސާދާރުން އަންނަ އޭޕްރީލް މަހުގެ 30 ގެ ކުރިން މައުލޫމާތު ފޯމު ފުރިހަމަ ކުރުމަށް ބީއެމްއެލް އިން ވަނީ އެދިފަ އެވެ.

ބީއެމްއެލްގެ 2020 ވަނަ އަހަރު ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބުނުއިރު، ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ، 961.74 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް