ޕީޕީއެމް އޮފީސް އަށް ދެވެން އޮތް ހުރިހާ މަގެއް ބަންދުކޮށްފި

ޕީޕީއެމް އޮފީހާ ދިމާލަށް ދެވެން ހުރި ހުރިހާ މަގެއް ފުލުހުން ބަންދުކޮށްފައި -- ފޮޓޯ/ ޕީޕީއެމް

ޕީޕީއެމް އޮފީސް އަށް ދެވެން އޮތް ހުރިހާ މަގެއް ފުލުހުން ބެރިކޭޑު ޖަހައި، އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފި އެވެ.

ފުލުހުން މަގުތައް ބަންދުކޮށްފައި މިވަނީ، އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި މުޒާހަަރާ ކުރަން ނިންމާފައި ވަނިކޮށެވެ. އިދިކޮޅުން ކޮންމެ ދުވަހަކު ވެސް މުޒާހަރާތައް ފަށަނީ ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ.

ބަލިމަޑުކަމުގެ މި ދަނޑިވަޅުގައި އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ގޮތަށް އެއްވުންތައް ބާއްވައި ކަންކަން ހިންގުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ މީގެކުރިން ވެސް އަންގައިފަ އެވެ.

މިިދިޔަ ހަފްތާގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށް އެ އެއްވުން ނުބޭއްވުމަށް އިންޒާރުކޮށް ގާނޫނާ ހިލާފު އެއްވެސް އެއްވުމަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަދި އެއްވުން ފެށުމުގެ ކުރިން ފުލުހުން ވަނީ އެއްވުން ރޭވުމުގައި އިސްކޮށް އުޅުނު މީހުން ހައްޔަރުވެސް ކޮށްފަ އެވެ. އަދި ބާރުގެ ބޭނުންކޮށް ފުލުހުން ވަނީ އެއްވުން ރޫޅާލައިފަ އެވެ.

އިދިކޮޅުން މިއަދު މުޒާހަރާއަށް ނުކުންނަށް ތައްޔާރުވެފައި ވަނިކޮށް، ރޭ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވެސް ވަނީ މަގުތަކަށް އެއްފަހަރާ އެއްވެވޭނެ އަދަދު ފަހަކަށް މަދުކޮށްފަ އެވެ.

އެޗްޕީއޭގެ އެންގުމާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގަން ފުރުސަތު ނުދޭނެ ކަމަށް ހޯމް މިނިސްޓްރީ އިން ވެސް ވަނީ އަންގައިފަ އެވެ.

comment ކޮމެންޓް