ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މިދިޔަ ހަފްތާގައި

އޮގަސްޓު 23، 2020: މާލޭ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރޭގަނޑު 8:00އިން ފެށިގެން ފަތިހު 5:00 ވަންދެން އެއްގަމު އުޅަނދު ދުއްވަން މަނާ ކުރުން -- ސަން ފޮޓޯ -- ފަޔާޒު މޫސާ

ރާއްޖޭގައި ކޮވިޑް19ގެ ކޮމިއުނިޓީ ސްޕްރެޑް ފެށުނު ފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ މިދިޔަ ހަފްތާގައި ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މާލެގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށުނީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެދުވަހުން ފެށިގެން، އެޗްޕީއޭ އިން ހަފްތާ ގުނަނީ އެއް އަންގާރަ އިން އަނެއް އަންގާރަ އަށެވެ.

ރޭ އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ މާލެ ސަރަހައްދުގައި އެއްފަހަރާ ނުފެންނަ ވަރަށް މިދިޔަ ހަފްތާގައި ކޮވިޑްގް ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ އަންގާރަ ދުވަހާ ހަމައަށް ގުނި ކޮވިޑް19 އަށް 1،020 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ހިނގަމުންދަނީ ކޮވިޑްގެ ތިންވަނަ ރާޅެވެ. ކޮވިޑްގެ ދެވަނަ ރާޅުގައި ވެސް އެންމެ ގިނައިން އެއް ހަފްތާގައި ފެނުނީ 971 ކޭސް އެވެ. ޑރ. ނަޒްލާ ވިދާޅުވީ ވޭތުވެދިޔަ ފަސް ހަފްތާގައި ވެސް ކޭސްތައް ހުރީ 900 އިން މަތީގައި ކަމަށެވެ.

ރާއްޖޭގައި އަދިވެސް ކޮވިޑް ކޮންޓްރޯލް ނުކުރެވޭތީ ރޭ ވަނީ މާލެ ސަރަހައްދުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ޕާކުތަކާއި، މައިޒާންތަކާއި ދުވާ ޓްރެކްތައް ބަންދުކޮށް އެއްފަހަރާ ބޭރުގައި އުޅެވޭނެ މީހުންގެ އަދަދު ފަހަކަށް ވަނީ މަދުކޮށްފަ އެވެ.

އިއްޔެގެ ކޭސްތަކާ އެކު ރާއްޖެ އިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 20،447 އަށް ވަނީ އަރައިފަ އެވެ.

މިވަގުތު ބަލި ޖެހިފައި ތިބި 2،664 މީހުން ތިބިއިރު، އޭގެ ތެރެއިން 180 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 17،712 އެވެ.

ކޮވިޑުގައި ރާއްޖެއިން 64 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް