ކޮންމެ އަަހަރަކު 900 މިލިއަން ޓަނުގެ ކާނާ އުކާލާ: އދ

ދުނިޔޭގައި ކޮންމެ އަހަރަކު 900 މިލިއަން ޓަނުގެ ކާނާ އުކާލާ ކަމަށް އދއިން ބުނޭ -- ފޮޓޯ: ގެޓީ

ދުނިޔޭގައި ކޮންމެ އަހަރަކު 900 މިލިއަން ޓަނުގެ ކާނާ އިސްރާފުކޮށް، އުކާލާ ކަމަށް ޔުނައިޓެޑް ނޭޝަންސް (އދ)އިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ކުނި މަދު ކުރުމާއި ދެމެހެއްޓެނިވި އުފެއްދުންތައް ތައްޔާރު ކުރުމަށް ހިތްވަރުދޭ ޖަމިއްޔާއެއް ކަމަށްވާ ރެޕް އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރޮމެންޓް ޕްރޮގްރާމް (ޔޫއެންއީޕީ) އިން ގުޅިގެން އެކުލަވާލާފައިވާ ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ ގައުމުތަކަށް ލިބެން ހުންނަ 17 ޕަސެންޓު ކާނާ ކޮންމެ އަހަރަކު ފިހާރަތަކާއި ގެތަކާއި ރެސްޓޯރެންޓުތަކުން އުކާލަ އެވެ. އޭގެ ތެރެއިން 61 ޕަސެންޓު ކާނާ އުކާލަނީ ގެތަކުން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ކާނާ އިސްރާފު ކުރުމަކީ މުއްސަނދި ގައުމުތަކުގެ މައްސަލައެއް ކަމަށް މީގެ ކުރިން ދެކެވިފައި އޮތް ނަމަވެސް ފަގީރު ގައުމުތަކުގައި ވެސް ކާނާ އިސްރާފުވާ މިންވަރު އިތުރު ކަމަށް ދިރާސާއިން ދެއްކި އެވެ. ނަމަވެސް މުއްސަނދި ގައުމުތަކާއި ފަގީރު ގައުމުތަކުގައި ކާނާ އިސްރާފުވާ ސަބަބުތައް ފުރިހަމައަށް ދިރާސާ ކުރެވިފައި ނުވެ އެވެ.

އެގޮތުން، ޔޫއެންއީޕީގެ އެނާޖީ އެންޑް ޓްރާންސްޕޯޓް ޕޮލިސީ ޔުނިޓުގައި އިސްކޮށް ހުންނަވާ މާޓީނާ އޮޓޯ ވިދާޅުވި ގޮތުގައި ކާނާގެ ތެރޭގައި ހިމެނޭ ކެވޭ ބައިތަކާއި ނުކެވޭ ބައިތައް، މިސާލަކަށް މަހުގެ ކަށި، ފަދަަ ބާވާތްތަކާ ބެހޭ މައުލޫމާތު ވަކިން ލިބެން ހުރީ ހަމައެކަނި މުއްސަނދި ގައުމުތަކުންނެވެ. އަދި ފަގީރު ގައުމުތަކުގައި ކާނާ ރައްކާ ކުރުމަށް 'ކޯލްޑް ޗެއިން' ދެމެހެއްޓުމުގައި މައްސަލަތައް ދިމާވެދާނެ އެވެ. އެހެންކަމުން ފަގީރު ގައުމުތަކުން ގިނައިން އުކާލަނީ ކެއުމަށް ބޭނުން ނުކުރެވޭ ފަދަ ކާނާ ކަމަށް އޮޓޯ ގަބޫލު ކުރައްވަ އެވެ.

ޔޫއެންއީޕީން ދަނީ 2030 އަންނަންވާ އިރަށް ދުނިޔެއިން އިސްރާފު ކުރާ ކާނާގެ މިންވަރު ދެބައިކުޅަ އެއްބަޔަށް މަދު ކުރަން ގައުމުތަކަށް ހިތްވަރު ދެމުންނެވެ. އަދި އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު އިންގާ އެންޑާސަން ވިދާޅުވި ގޮތުގައި ކާނާ އިސްރާފު ކުރާ މިންވަރު މަދު ކުރުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގަ އާއި ތިމާވެއްޓާކައި ދިރުންތައް ރައްކާތެރި ކުރަން މުހިއްމު ފިޔަވަޅެކެވެ.

"މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާއި ދިރުންތައް ގެއްލުމާއި ވައި ތަޣައްޔަރުވުމާއި ކުންޏާ ދެކޮޅަށް ކުރާ މަސައްކަތަށް ޓަކައި ދުނިޔޭގެ ވިޔަފާރިތަކާއި ސަރުކާރުތަކާއި އާއްމު ރައްޔިތުން ކާނާ އިސްރާފު ކުރުން މަދު ކުރުމަށް އެބަޔަކަށް ކުރެވެން އޮތް ކަމެއް ކުރަން ޖެހޭ،" އެންޑާސަން ވިދާޅުވި އެވެ.

ރެޕް ޖަމިއްޔާގެ ޑިރެކްޓަރެއް ކަމަށްވާ ރިޗަޑް ސްވާންވެލް ވިދާޅުވި ގޮތުގައި ދުނިޔެއަށް ބޭރުވާ ގްރީންހައުސް ގޭހުގެ ތެރެއިން 8-10 ޕަސެންޓު ގޭސް ގުޅިފައި ވަނީ އިސްރާފުވާ ކާނާއާ އެވެ.

ކާނާ އިސްރާފު ކުރާ މައްސަލައަށް ހައްލު ހޯދުމަށްޓަކައި އުކާލާ ކާނާއާ ބެހޭ މައުލޫމާތު އެއްކޮށް، ދިރާސާ ކުރުން މުހިއްމު ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެ އެވެ. އަދި އިސްރާފުވާ ކާނާ ފާޓިލައިޒާ އުފެއްދުން ފަދަ ކަންކަމަށް ބޭނުން ކުރުމަށް ހިތްވަރުދޭ ޕްރޮގްރާމްތައް ކުރިއަށްގެންދިޔުންވެސް ރަނގަޅު ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް