ލިވަޕޫލަށް ކޮޅުމަގެއް ނެތް، ޗެލްސީ ގަދަ ހަތަރަކަށް

ލިވަޕޫލް ކޮޅަށް ގޯލު ޖެހުމަށްފަހު ޗެލްސީގެ ފޯވާޑް މައުންޓް އުފާ ފާޅުކުރަނީ --- ފޮޓޯ// ގެޓީ އިމޭޖެސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށް ޗެލްސީން ގަދަ ހަތަރަކަށް ޖެހިލައިފި އެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ހޯމް ޓީމުގެ މައްޗަށް ޗެލްސީން ކުރި ހޯދީ 0-1ގެ ނަތީޖާއަކުންނެވެ. ޗެލްސީގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅުނު އެއްވެސް މެޗަކުން އެ ޓީމު މިހާތަނަށް ބަލިވެފައި ނުވާ އިރު، ރޭގެ ބައްޔަކީ އަމިއްލަ ދަނޑުގައި ވިދިވިދިގެން ލިވަޕޫލް ބަލިވި ފަސްވަނަ މެޗެވެ.

ރޭގެ ނަތީޖާއާ އެކު ލިވަޕޫލް ވަނީ ތާވަލުގެ ހަތްވަނައަށް ވެއްޓިފަ އެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު 27 މެޗުން 43 ޕޮއިންޓް ލިބިފައިވާ އިރު، ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ޗެލްސީ ހަތަރު ވަނައިގަ އޮތީ 47 ޕޮއިންޓާ އެކު އެވެ. އެއްވަނައިގައި މެންޗެސްޓާ ސިޓީން ލީޑު ބޮޑުތަނުން ފުޅާކޮށް 65 ޕޮއިންޓާ އެކު އޮތް އިރު ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ 51 ޕޮއިންޓެވެ. އަދި އޭގެ ފަހަތުން ލެސްޓާ ސިޓީ އޮތީ 50 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗު ފަށައިގެން ޗެލްސީން ވަރުގަދައަށް ހަމަލާ އުފެއްދި އިރު، 24 ވަނަ މިނަޓުގައި އެ ޓީމުގެ ސްޓަރައިކަރު ޓީމޯ ވާނާ ވަނީ ގޯލެއް ޖަހައިފަ އެވެ. އެހެން ނަމަވެސް ވީއޭއާރުން އެ ގޯލު އޮފްސައިޑްކަމަށް ލަފާ ދިނުމުން ރެފްރީ ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމައިފަ އެވެ. އެހެން ނަމަވެސް މާގިނައިރުތަކެއް ނުވަނީސް ޗެލްސީން ރައްދުގައި ވަނީ އަނެއްކާ ވެސް ގޯލެއް ޖަހައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ޒުވާން ފޯވާޑް މޭސަން މައުންޓް އެވެ.

ޗެލްސީގެ ކޯޗުކަމާ ހަވާލުވުމަށްފަހު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން މިހާތަނަށް 10 މެޗު ވަނީ ކުޅެފަ އެވެ. އޭގެ ތެރެއިން އެއްވެސް މެޗަކުން ބަލި ނުވެ އެ ޓީމުން ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ އިރު، ލީގުގައި ދެން އެ ޓީމުން ވާދަކުރަން ޖެހޭނީ މިވަގުތު ފަސްވަނައިގައި އޮތް އެވަޓަންއާ އެވެ.

comment ކޮމެންޓް