ޖައްޔިދާގެ ކަމާ ބިއުޓީ: ދިވެހީންގެ ސްކިންކެއާ ގުރޫ

ސްކިން ކެއާ ބްލޮގާ ޖައްޔިދާ ބަދުރީ -- ފޮޓޯ:ފަޔާޒު މޫސާ/ސަން

ކުޑައިރުއްސުރެވެސް މޭކަޕަށް ހާޢްސަ ލޯތްބެއް ދެވިފައިވާ ޖައްޔިދާ ބަދުރީ (ޖައީ)އަށް ސްކިންކެއާގެ ތެރެއަށް ވަދެވުނީ މީގެ އަހަރުތަކެއް ކުރިން އިންޑިއާގައި ކިޔަވަމުން އައި ދުވަސްވަރު އެވެ. ހަމުގެ ބޮޑެތި މައްސަލަތަކެއް އޭރު ދިމާވެފައިވީއިރު، ޑޮކްޓަރު ދިން ބޭސްތައް ކޮންމެ ދުވަހަކު އުނގުޅުންވީ އޭނާއަށް ތަންކޮޅެއް އުނދަގޫކަމަކަށެވެ. އެއަށްވުރެ ފަސޭހައިން އަމިއްލަ ހަންގަނޑަށް ބަލައިގެން އުޅެވޭނެ ކޮންމެވެސް އިތުރު ގޮތެއް އޮންނާނެ ކަމަށް ގަބޫލުކުރެވުނެވެ.

އެގޮތެއް ހޯދަން އޭނާ ކުރި ދިގު ދަތުރަކީ މިއަދު އެތަށް ދިވެހިންގެ "ފޭވަރިޓް" ސްކިންކެއާ ބްލޮގް ކަމުގައިވާ "ކަމާ ބިއުޓީ"ގެ ފެށުމެވެ. ދުނިޔޭގެ މަޝްހޫރު އެކިއެކި ސްކިންކެއާ ބްރޭންޑްތައް ރާއްޖެ ގެނެސް، ހެޔޮ އަގެއްގައި އާންމުންނަށް ވިއްކުމާއި އަދި ހަމަ އެ ޕްރޮޑްކްޓް ތަކުގެ އަމިއްލަ ރިވިއުސް "އައި އެމް ކަމާ ބިއުޓީގައި" އޭނާ ހިއްސާކުރަމުންދަނީ ނިކަން ލޯތްބާއި ޝައުގާއި އެކީގައެވެ.

ކަމާ ބިއުޓީ ހަމައެކަނި ވިޔަފާރިއެއް ނޫން

ސޯޝަލް މީޑީއާ މެދުވެރިކޮށް މިފަދަ އަމިއްލަ ކުޑަ ވިޔަފާރިއެއް ފެށުމަކީ މިއަދު ދިވެހިންގެ މެދުގައި އާ ކަމެއް ނޫނެވެ. ނުވިތާކަށް ސްކިންކެއާއަށް ހާއްސަކޮށްވެސް އެތަކެއް ވިޔަފާރިތަކެއް މިއަދު މިފަދައިން ހިންގަމުން އާދެއެވެ. އެހެންނަމަވެސް މި ހުރިހާ ފަރާތްތަކާ "ކަމާ ބިއުޓީ" ތަފާތެވެ.

ޕޭޖެއް ހިންގުމުގެ ކުރިން ޖައީ އެތައް ދުވަސްތަކެއް އަދި ހަފްތާތަކެއް ހޭދަކުރީ އަމިއްލައަށް މިކަން ކިޔަވާ ދަސްކުރުމަށެވެ.

"ޔޫޓިއުބް ވީޑިއޯތަކާއި، ޕްރޮޑަކްޓްތަކާއި، އޭގައި ބޭނުންކޮށްފައި ހުންނަ އިންގްރިޑިއަންޓްސްތައް ބަލައި ހޯދާ ދަސްކުރަންފެށީ. ދެން އެހާ ބައިވަރު އެއްޗެހިވީމަ ކުޑަ ފޮތެއްގައި ހުރިހާއެއްޗެއް ލިޔެގެން ދަސްކޮށް ހަމަ ރިވައިސްކުރީ. ދެން އަމިއްލައަށް ޔޫއެސްއިން އެއްޗެހި ގަނެގެން ތަޖުރިބާ ކުރެވެން ފެށީމަ ހިތަށް އެރީ މިއީ އަމިއްލައަށް އެކަނި އެކަނި ކުރުމަށްވުރެ އެހެންމީހުންނަށްވެސް އެނގެންޖެހޭ ކަންކަމޭ" ޖައްޔިދާ އޭނާގެ މި މަސައްކަތް ފެށުނުގޮތް ކިޔައިިދިނެވެ.

އެ ފޮތް އަދިވެސް އޭނާ އަތުގައި އެބައޮތެވެ. ނަމަވެސް ތަފާތަކީ މިއަދު ބާޒާރަށް ނެރޭ ކޮންމެ އާ އުފެއްދުމަކާއި އެކު، ނުވަތަ ހަމަށް އަންނަ ކޮންމެ ބަދަލަކާއި އެކު އެ ފޮތް ހުޅުވަން ނުޖެހުމެވެ. މީހުންނަށް މި މައުލޫމާތުތައް ދީ އަދި އަމިއްލައަށްވެސް މިކަމުގެ ތެރެއަށް ވަދެވިފައިވާލެއް ބޮޑުކަމުން ގިނަ މައުލޫމާތުތައް އޭނާ ހަނދާންވެސް ހުރެއެވެ.

އެހެންކަމުން ކަސްޓަމަރަކު އޭނާގެ ހަމުގެ މައްސަލައާއި، ހަމުގެ ބާވަތް ބުނެލުމުން ޖައީގެ އަމިއްލަ ތަޖުރިބާގެ އެހީގައި އެ ކަސްޓަމަރަކަށް އެންމެ ރަނގަޅުވާނެ އުފެއްދުމެއް އޭނާ ބުނެލަނީ ނިކަން އިތުބާރާއި ޔަގީން ކަމާއި އެކުގައެވެ. އަދި އޭނާގެ ރިވިއު ތަކާއި ރިކޮމެންޑޭޝަންތަކުގައި ވީހާވެސް ބޮޑަށް ޑޮކްޓަރުންނާއި ކަމާއި ބެހޭ އެކްސްޕާޓުންގެ ޚިޔާލު ހިމަނާކަމަށްވެސް ޖައްޔިދާ ބުންޏެވެ.

ގިނަ ކަސްޓަމަރުންނަށް ކަމާ ބިއުޓީ ކަމުދާވެސް ސަބަބަކީ މިއީއެވެ. ކޮންމެ ކޮންމެ ޕްރޮޑަކްޓަކީ އަދި ކިތަންމެ މޮޅަސް ކޮންމެ ކަަހަލަ ހަމަކާއި ނުގުޅިދާނެ އެއްޗަކަށްވާއިރު، ޖައްޔިދާ އޭނާގެ ބްލޮގުގައި ހިއްސާ ކުރާ ރިވިއުތައް ކިޔާލުމުން ޕްރޮޑަކްޓާއި ބެހޭ އިތުރު ތަފްސީލްތައް ލިބި ގަންނަންވީ އެއްޗެއް އިޚްތިޔާރުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދެއެވެ.

ޖައްޔިދާ އޭނާ ބޭނުންކުރާ ޕްރޮޑަކްޓެއް ދައްކާލަނީ--- ފޮޓޯ:ފަޔާޒު މޫސާ/ސަން

ޕާޓްޓައިމް ކަމެއް، އެހެންނަމަވެސް ހަމަ ފުލްޓައިމް ވަޒީފާއެއްފަދަ

"ކަމާ ބިއުޓީ"ގެ މަސައްކަތަކީ ޖައްޔިދާ ބުނާގޮތުގައި އޭނާ ހޮބީއެއްގެ ގޮތުގައި ޕާޓްޓައިމްކޮށް ކުރަމުން އަންނަ މަސައްކަތެކެވެ. އިންޑިއާގެ ޔުނިވާސިޓީ އޮފް ދިއްލީއިން ބެޗެލާ އޮފް ކޮމާސް ފުރިހަމަކުރުމަށްފަހު އެނބުރި މާލެ އައިސް ޖައްޔިދާ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ވެސް ފުރިހަމަ ކޮށްފައެވެ. އަދި މިދިޔަ ފަސް އަހަރު ދުވަހު އޭނާ މަސައްކަތް ކުރަމުން އަންނަނީ ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރުގައި، ޕީއާރް އެގްޒެކެޓިވް އެއްގެ ގޮތުގައެވެ.

މަސައްކަތަށް ދޭންޖެހޭ ބުރަ އަދި ގިނަ ވަގުތުތަކާއި އެކުގައިވެސް އެނބުރި ގެއަށް އައިސް އޭނާގެ ދެވަނަ ވަޒީފާއަކަށްވެފައިވަނީ "ކަމާ ބިއުޓީ"ގެ ޕޯސްޓްތަކާއި ކޮންޓެންޓްތައް ތައްޔާރުކުރުމެވެ. ޖައްޔިދާ ބުނާގޮތުގައި ކޮންމެ ޕޯސްޓަކީވެސް ދުރާލާ ކޮންޓެންޓް ޕްލޭންކުރެވި، ރާވާލެވި އަދި ތާވަލުކުރެވިގެން އޭނާ ކުރާ މަސައްކަތެކެވެ.

"އަސްލު ވަރަށް ވަރަށް ވަގުތު ދާކަމެއް މިއީ. ކޮންމެ ގަޑިއެއްގައިވެސް ކަސްޓަމަރަކު މެސެޖުކޮށްލަފާނެ. އަނެއްކޮޅުން ޕްރޮޑަކްޓްތައް އޯޑަރުކޮށް ގެނެސް ކްލިއާކުރުމާއި، އެ އެއްޗެހި ޕޭޖަށް އަޕްލޯޑްކުރުމާއި ކަސްޓަމަރުންނަށް ޖަވާބުދިނުމުގެ އިތުރަށް އެންމެ ބޮޑު އެއްކަމަކީ އަމިއްލަ ކޮންޓެންޓް ތައްޔާރުކުރުން. އިންސްޓަގްރާމްއަށާއި ޓިކްޓޮކްއަށް މި އަޕްލޯޑްކުރާ ކޮންމެ ފޮޓޯއެއް ނޫނީ ވީޑިއޯއަކީވެސް ކޮންސެޕްޓް ތައްޔާރުކުރެވިގެން، ކިތަންމެ ކުޑަ ފޮޓޯއަކަސް، ވަކި ތަރުތީބަކަށް އެއްޗެހި އަތުރައިގެން އެގޮތަށް ކުރާ ކަމެއް. އެއް މިނިޓުގެ ވީޑިއޯއެއް އެކަނި ޝޫޓްކޮށްލަންވެސް ނަގާނެ ބައިގަޑިއެއްހާއިރު،" ޖައީ ބުންޏެވެ.

ހަމައެޔާއެކު އޮންލައިންކޮށް ހިންގާ ވިޔަފާރިއެއްކަމުން ކޮންމެ ވަގުތެއްގައިވެސް ފޯނު އަތުޖެހޭ ހިސާބެއްގައި ބާއްވަން ޖެހެނީ ކަސްޓަމަރުންގެ ފޯނުތަކަށާއި މެސެޖުތަކަށް ޖަވާބު ދިނުމަށެވެ. އެއަށްފަހު ލިބޭ ހުރިހާ އޯޑަރެއް ޕެކްކޮށް ޑެލިވަރީކުރަނީވެސް އާއިލާގެ އެހީތެރިކަމާއިއެކު އޭނާ އަމިއްލައަށެވެ.

ސްކިން ކެއާ ބްލޮގާ ޖައްޔިދާ ބަދުރީ -- ފޮޓޯ:ފަޔާޒު މޫސާ/ސަން

އެންމެ ބޮޑަށް ދަސްވީ އަމިއްލަ ހަށިގަނޑާއި ހަންގަނޑު

މި މަސައްކަތުގައި ޖައްޔިދާ ހޭދަކުރަމުންމިދާ އަހަރުތަކަކީ އޭނާގެ އަމިއްލަ ހަށިގަނޑާއި ހަމާއި ގުޅޭ އެތަށް ގިނަ އާ ތަޖުރިބާތަކާއި އޭގެ ފަރުވާ އަމިއްލައަށް ހޯދި އަހަރުތަކެކެވެ.

މިގޮތުން ފުރަތަމަ މި މަސައްކަތް ފެށުމަށް މެދުވެރިވީ ކޮންމެހެން މޫނުގެ ހަމާއި ގުޅުން ހުރި ސިއްހީ ކަމެއްގައި ނޫންނަމަވެސް، މި މަސައްކަތް ފަށައި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަނިކޮށް 2018 ވަނަ އަހަރުގެ ކުރީ ކޮޅު ޖައްޔިދާއަށް އޭނާގެ ކިބައިގައި ޕީސީއޯއެސް ހުންނަކަން އެނގުނެވެ. އަދި އެދުވަސްކޮޅު މޫނުގައި ވަރަށް ބައިވަރު ބިހިނެގިއިރު، މިއީ ނަފްސާނީގޮތުންވެސް މީހާ ބަލިކަށިކުރުވާ އަދި އަމިއްލަ ނަފްސަށް އޮތް ޔަގީންކަންވެސް ދަށްކޮށްލި ކަމެކެވެ.

"ކުއްލިއަކަށް ދުވަހަކުވެސް މޫނުގައި ބިހި ނުނަގާ މީހަކަށް އެހާ ބައިވަރު ބިހިތަކެއް ފެނުނީނަމަ ހަމަ މުޅިމީހާގެ ސެލްފް އެސްޓީމްވެސް ދަށްވި. ވަރަށް ބައިވަރު ބިހިތަކެއް އޭރު ނެގީ. މިހާރުވެސް ހުންނާނެ ފޮޓޯތައް. ދެން އޭގެ ފަހުން ދޭތެރެ ދޭތެރެއިން ބިހިތައް ނަގަން ފެށި. އެހެންވެ ކުރިން އަދި ކުރަމުންއައި ވަރަށްވުރެން ބޮޑަށް ރިސާޗްކުރަން ހިތްވަރުލިބުނު އެކަމަށް ލުޔެއް ނޫނީ ފަރުވާއެއް ހޯދަން. ދެން އެނގުނީ ކޮރެއަން ބިއުޓީއާއި އެމީހުންގެ ޕްރޮޑަކްޓްސްތައް. އެހީ ވަރަށް ހައިޑްރޭޓިން އަދި ހަމަށް ވަރަށް ސޫތިން އެއްޗެހިތަކެއް" ޖައްޔިދާ އޭނާގެ ބައެއް ތަޖުރިބާތައް ހިއްސާކުރަމުން ބުންޏެވެ.

ޕީސީއޯއެސްއަކީ ހޯމޯނަލް ކަމަކަށްވުމާއިއެކު އެކަން ހުއްޓުވުމުގެ ބަދަލުގައި މި މަސައްކަތުގެ ތެރެއިން ޖައްޔިދާ ހޯދީ އޭގެ އަލާމާތްތައް މެނޭޖްކުރެވޭނެ އުކުޅުތަކެކެވެ. އަދި އެއާއެކު އެއް މައްސަލަ ހުންނަ، އެތައް ޒުވާނުންނަކަށްވެސް އޭނާގެ ފަރާތުން ބޮޑު އެހީއެއް ވެވިގެން ހިނގައްޖެއެވެ.

ހަމައެޔާއެކު، އަމިއްލަ ސްކިންކެއާ ރޫޓިންއެއް ފޮލޯކުރެވެން ފެށުމާއިއެކު ނަފްސާނީ ގޮތުން ދުޅަހެޔޮ ބަދަލުތަކެއްވެސް ދިރިއުޅުމަށް އައިކަމަށް ޖައްޔިދާ ބުންޏެވެ. މިގޮތުން ކޮންމެ ދުވަހެއްގައިވެސް އޭނާ އެންމެ އިންތިޒާރުކުރާ ވަގުތަކީ އެއީ ކަމަށްވާއިރު، ހަމުގެ ދުޅަހެޔޮކަން އިތުރުވެ މީހާއަށް އިތުރު ކޮންފިޑެންސެއް މިކަމުން ލިބިއްޖެކަމަށްވެސް ޖައްޔިދާ ބުނެއެވެ.

ސްކިން ކެއާ ބްލޮގާ ޖައްޔިދާ ބަދުރީ -- ފޮޓޯ:ފަޔާޒު މޫސާ/ސަން

ކަމާ ބިއުޓީ - ފަސްބެލުމެއް ނެތް

މީގެ ފަސްވަރަކަށް އަހަރު ކުރިން މި މަސައްކަތް ފަށައި އަދި 2017 ވަނަ އަހަރުން ފެށިގެން ރަސްމީކޮށް ވިޔަފާރިއެއްގެ ގޮތުގައި އޭނާ މިކަން ކުރަމުން އަންނަނީ ހަމަ މުޅީންވެސް އަމިއްލައަށް އެއްކުރި އަދި މިކަމަށް ބަޖެޓުކޮށްގެން އޭނާ ހޯދާ އަމިއްލަ ފައިސާއިންނެވެ.

އަދި ސްކިންކެއާއަށް އަމިއްލަ ޖެހިފައި ހުރި ލޯތްބެއްގެ ބޮޑުކަމުން ކޮންމެ މަހެއްގެވެސް މުސާރައިން ވަކިވަރެއް އަމިއްލަ ޕްރޮޑަކްޓްތައް ގަތުމާއި އެކްސްޕެރިމެންޓްތަކަށް އޭނާ ހާއްސަކުރެއެވެ. އަދި ޕޭޖުގައި ލިޔާ ރިވިއުސް ތަކާއެކު، ބޭރުގެ ކުންފުނިތަކާއިވެސް ހާއްސަ ގުޅުމެއް އުފެދި، އެމީހުންގެ ބައެއް ޕްރޮޑަކްޓްތައް ރިވިއު ކުރުމަށް ފްރީ ގުޑީސް ފޮނުވާކަމަށްވެސް ޖައީ ބުންޏެވެ.

މިފަދަ ބޮޑު މަސައްކަތެއް ކޮނޑުއަޅައިގެން ހުރިއިރު، އޭނާއަށް އެންމެ މުހިންމީ ޕްރޮޑަކްޓްްތަކުގެ އޮތެންޓިސިޓީއެވެ. ބަޒާރުގައި އެތަކެއް "ފޭކު" ޕްރޮޑަކްޓްތަކެއްވެސް ލިބެންހުރިއިރު، ކަސްޓަމަރުންނަށްވެސް ލިބެނޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެއީ ކަމުގައި ޖައީ ބުނެއެވެ.

ސާންސްކްރިތު ލަފްޒެއް ކަމުގައިވާ "ކަމާ"އާއެކު، ޖައްޔިދާ އުންމީދުކުރަނީ އަދިވެސް ކުރިއަށް ދެވޭތޯއެވެ. އަމިއްލަ ފިހާރައެއް ނުވަތަ ވެބްސައިޓެއް އުފެދި ވީހާވެސް ފަސޭހައިން ފުޅާކޮށް މި ޕްރޮޑަކްޓްތައް ދިވެހިންނަށް ލިބި، އަމިއްލަ ހަންގަނޑަށް ބޭނުންވާ ރައްކާތެރިކަމާއި ދުޅަހެޔޮކަން ދެވުމެވެ.

ކްލެންސް، މޮއިސްޗަރައިޒް އެންޑް ސަންސްކްރީން: ޖައްޔިދާ ބުނާ ގޮތުގައި ކިތަންމެ އާދައިގެ ސްކިން ކެއާ ރޫޓިންއެއް ގެންގުޅުނަސް މި ތިންކަމަށް ފަރުވާތެރިވާން ވާނެއެވެ. އަމިއްލަ ހަންގަނޑު އަމިއްލައަށް ދެނެގަތުމުގެ މުހިންމުކަން ފާހަގަކޮށް ހާއްސަކޮށް ރާއްޖެފަދަ ހޫނު ގައުމެއްގައި ހަމުގެ ކެންސަރުން ދުރުވުމަށް އެންމެ ބޮޑަށް މަގުފަހިކޮށްދޭ ރަނގަޅު ކޮލިޓީއެއްގެ ސަންސްކްރީން ބޭނުންކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރިއެވެ.

ކިތަންމެ އާދައިގެކޮށް ފެށި މަސައްކަތެއް ކަމުގައިވިޔަސް މިއަދު ކަމާ ބިއުޓީއަކީ އެތަށް ދިވެހިންނެއްގެ 'ސްކިން ކެއާ ގުރޫ' އެވެ. މި ދެޕޭޖުންވެސް ފެންނަނީ ސްކިން ކެއާއަށް ޖައްޔިދާގެ ހިތުގައި އޮތް ފުން ލޯތްބެވެ.

comment ކޮމެންޓް