މިޔަންމާގެ ބަޣާވާތް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މިޔަންމާގެ އަސްކަރިއްޔާއިން މިދިޔަ މަހުގެ އެކެއްގައި ކުރި ބަޣާވާތް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ސަރުކާރުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ބަޣާވާތަކުން މިޔަންމާގެ ސަރުކާރު ބަދަލުކުރުމާ ގުޅިގެން އެކަން ކުށްވެރިކުރުމުގައި ބައިނަލްއަގުވާމީ މުޖްތަމައާއި ދިވެހި ސަރުކާރު ބައިވެރިވާ ކަމަށެވެ.

ހަމައެއާއެކު މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނޭއްގާނީ އަމަލުތަކާއި، އެކަމުގެ ސަބަބުން ކުށެއް ނެތް އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާކަން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރާކަމަށް ބުނެފައިވެ އެވެ.

ގާނޫނާ ހިލާފަށް މިޔަންމާގެ މަދަނީ ސަރުކާރުގެ އޮފިޝަލުންނާއި ހަތިޔާރެއް ނެތި މުޒާހަރާކުރަމުންދާ ފަރާތްތައް ހައްޔަރުކުރުން ހުއްޓާލުމަށާއި، މިޔަންމާގެ ގާނޫނު އަސާސީއިން ކަނޑައަޅާފައިވާ ހައްގުތައް ކަށަވަރުކޮށްދިނުމަށް މިޔަންމާ ސަރުކާރަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފަ އެވެ.

އޭގެ އިތުރުން އިންސާނީ ހައްގުތަކުގެ އަސާސްތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ބަޣާވާތަށް ފަހު އިއުލާންކޮށްފައިވާ ކުއްލި ހާލަތު އުވާލުމަށް ވެސް ސަރުކާރުން ވަނީ ގޮވާލައިފަ އެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް، އަދި ވެރިކަމުގެ ބާރުތައް، އިންތިހާބު ކޮށްފައިވާ ނޭޝަނަލް އެސެމްބްލީއަށް ދޫކޮށްލުމަށާއި، މިޔަންމާގެ ސިޔާސީ އަދި އިޖްތިމާއީ ހަމަޖެހުން ދެމެހެއްޓުމަށް ވެސް މިޔަންމާގެ އަސްކަރިއްޔާއަށް ވަނީ ގޮވާލާފަ އެވެ.

މިޔަންމާގެ ރައްޔިތުން ޑިމޮކްރަސީއަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން އޮތީ އެމީހުންނާ އެކުގައި ކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް އެގައުމުގައި ބާއްވަމުންދާ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 50 އަށް އަރައިފަ އެވެ.

comment ކޮމެންޓް