31 ޖެނުއަރީ 2012 އާ ގުޅޭ

"މިއަދު އެންމެ ފަހުން އޮތް ކްލާސް ކެންސަލްވީމަ މިއައީ..." މިހެން ބުނެލަމުން އަފްލީން އައިގޮތަށް ކިޔާންގެ ކޮލުގައި ހިފާލައިފި އެވެ.
"ނޫން ނޫން ދަރިފުޅު، އަފޫ ދައްތައަކަށް ނޫރޭނެ، އަފޫދައްތަގެ ޔުނީފޯމް ހަޑިވެދާނެއެއްނު، ހިނގާ ފެންވަރަންދާން" ކިޔާން އަފްލީންއަށް އަތް ދިއްކޮލަމުން އޭނަގެ ގާތަށް ދާން އުޅެގަތް ހިނދު ޔޫހާ ބުނެލިއެވެ. އޭނަ މަޑުމަޑުން ކިޔާން ތިރީގައި ބެހެއްޓުމަށްފަހު އަފްލީން ގޭތެރެއަށް ވަނުމަށް ތަންދެއްކިއެވެ.
"އޯ މައި ގޯޑް... މީ ކާކުގެ..." ސިޓިންރޫމަށްވަތް އަފްލީންއަށް ކުޑަ މޭޒުމަތީގައި އޮތް ބޮޑު ގުލްދަސްތާފެނި ބުނެލެވުނެވެ. ލިބުނު ހައިރާންކަމާއިއެކު އޭނަގެ ދެލޯ ބޮޑުވެފައިވެއެވެ.
"މީ ކޮއްކޮގެ ޕްރެޒެންޓެއް" ކިޔާން ދުވެފައި އައިސް ސޯފާކައިރީ ބަހައްޓާފައިހުރި ޕާރުސަލްގައި ބައްދާލަމުން ބުނެލިއެވެ. ޔޫހާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ.
"އަޅެ ލޯބިކަން، ވާވު... ލިލީ، އޯކިޑް، ކާނޭޝަން، ޑެއިޒީ، ރޯޒަސް، ޕިންކް، ރެޑް... ސަންޕްލާވާސް... އެއްވަރުގެ ރީތި މާތަށް... އޯ ޔޫހާ މީ ކާކު ގެނައި ބޮކޭއެއްތަ؟ އޯ ކާޑެއްވެސް އެބައޮއްތަ... ސޮރީ ކާޑެއް...." އަފްލީން ތުއިގޮތަކަށް މާބޮނޑީގައިވާ މާތަކުގައި އަތްލަމުން ބުނެލިއެވެ. އަދި އެ މާބޮނޑީގެ ކައިރީ އޮތް ކާޑެއްފެނުމުން އަވަހަށް ނަގާ އޭގެ ބޭރުގައި އިން އެއްޗެއް ކިޔާލިއެވެ. އެވަގުތު ޖެހިލި ބާރުވައިރޯޅިއެއް ފަދައިން ޔޫހާ އައިގޮތަށް އަފްލީންގެ އަތުން ކާޑު އަތުލިއެވެ.
"އޯ ސަމްވަން ސްޕެޝަލް... މީ އަފޫ ދައްތައަށްވީ މާބޮނޑިއެއްތަ" އަފްލީންއަށް ޔޫހާގެ ފަރާތުން އެއްޗެއް އޮޅުންފިލުވުމަކީ އެހާ ފަސޭހަކަމެއް ނޫންކަން އެނގޭތީ އޭނަ ކުރިމަތިލީ ކުޑަކުޑަ ކިޔާންއާއިއެވެ.
"ނޯ... ޑެޑީ ބުނީ މީ ކޮއްކޮ އާއި މަންމިއަށް ގެނެސްދިން ޕްރެޒެންޓެކޯ" ކިޔާން ހިނިއައިސްފައި އޭނަގެ ޕާރުސަލްގައި ކުރިއަށްވުރެވެސް ބޮޑަށް ބައްދާލަމުން ބުނެލިއެވެ.
"ކިޔާން..." ޔޫހާ ކިޔާންއަށް ލޯއަޅާލަމުން ބާރަށް ބުނެލިއެވެ.
"ޔޫހާ ބޯއީ ފުރެންޑެއް ނެގީތަ؟ އެކަމާ ދޮންބެ ހިތްހަމަ ނުޖެހުނީ ދޯ..." އަފްލީން ވިސްނާލަމުން ބުނެލިއެވެ.
"އަފޫ ތިހީކުރަނީ ރަނގަޅަކަށް ނޫން، އަހަރެންގެ އެއްވެސް ބޯއީ ފުރެންޑެއް ނުހުންނާނެ، ކިޔާން އެއީ އަދި ކުޑަކުއްޖެއް، އޭނަ ދައްކަފާނެ ކޮންމެ ވާހަކައެއްވެސް.... އަފޫއަށް ވަރަށް ރީއްޗެއްނު މިމާބޮނޑި ދޯ، ގެންދޭ މި މާބޮނޑި، ތިކޮޓަރީގަ ހުރި ވާސްތަކަށް ޖަހާލީމަ ވަރަށް ރީތިވާނެ، ދެން އެއޮތް ޕާރުސަލްވެސް ގެންދޭ، އަހަރެން މިދަނީ ފެންވަރަން އެނގޭ، އަދި މިހިރީ މެންދުރު ނަމާދު ވެސް ނުކޮށް" ޔޫހާ ވާހަކަދައްކަމުން ކިޔާންގެ އަތުގައި ހިފާ ދާމާލާފަދަ ގޮތަކަށް އޭނަ ގޮވައިގެން ހިނގައިގަތެވެ. އޭނަ ބޭނުންވީ އަފްލީންގެ ވާހަކަ ފެށުމުގެކުރިން ނިންމާލާށެވެ.
"ސީރަސްކޮއްތަ.... ވާވު ތެންކިއު" އަފްލީން އިތުރު ސުވާލު ކުރުމަކާއި ނުލާ މާބޮނޑު އާއި ޕާރުސަލް ހިފައިގެން އޭނަގެ ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު ކިޔާން އޭނަގެ ޕާރުސަލާއި ދިމާލަށް އަތް ދިއްކުރަމުން ބޮޑާ ހާކާލިއެވެ. އެހެންވެ ޔޫހާ ކޮޓަރިއަށްވަނީ ކިޔާންގެ ޕާރުސަލް ހިފައިގެންނެވެ.

"އަހަންނަށް އެނގޭ ހާޒިމް ފޮނުވި މާބޮނޑިއެއްކަން އެއީ، އަސްލު ވެސް ވަރަށް ރީތި، ރަތްފިނިފެންމާ.... ސޯ މަޗް ލަވް، އެކަމަކު ދެން އެކަހަލަ ކަމެއް ނުކުރައްޗޭ" ލޫލުއާ ޑިއުޓީގައި އޭނައަށް ޚާއްޞަކުރެވިފައިވާ ކޮޓަރީގައި އިނދެ ފޯނުން ވާހަކަ ދެއްކިއެވެ.
"ލުއާއަށް ރީތިވާނެކަން އެނގޭތީއޭ ފޮނުވީ، ދެން ކީއްވެ ތިބުނަނީ ނުފޮނުވާށޭ" ހާޒިމް ފޯނުގެ އަނެއްކޮޅުން ލޫލުއާގެ ގާތުގައި އަހާލިއެވެ.
"މީ އަހަރެން މަސައްކަތް ކުރާތަންވީމަ، އެހެންނޫނަސް އަހަރެން ލަދުގަނޭ، އެމާބޮނޑި ކިތަންމެ ރީތިކަމުގައި ވިޔަސް އޭގެ ސަބަބުން އެތަށް ބައެއްގެ ސަމާލުކަން އަހަންނަށް ހުއްޓިގެން ދިޔަ، އެހެންވާން ބޭނުންނުވަނީ... ޕްލީޒް ދެން ނުފޮނުވައްޗޭ" ލޫލުއާ ރަކިގޮތަކަށް ބުނެލިއެވެ. ހާޒިމް ލުއި ގޮތަކަށް ހީލުމާއިއެކު އެއްބަސްވިއެވެ.

"އީކް، ނަހޫގެ ޚަބަރެއް ބަލާލިންތަ؟ އޭނަގެ ޑިޒައިންތައް ބަލާލަން އެގެއަށް ދާންވެގެން ކުރިން ދުވަހަކު ގުޅިން، އެކަމަކު ފޯނެއް ނުނަގާ، އިއްޔެ ގުޅިއިރު ފޯނު އޮތީ ނިއްވާލާފަ، އޭނަ އަސްލުވެސް މިޝޯގަ ބައިވެރި ވާނެތަ؟" ޝުދުފާ އީލާކް މަސައްކަތް ކުރަމުން ދިޔަ ބޮޑު ކޮޓަރީގައި ހުރި ސޯފާގޮނޑިއެއްގައި ދެފައިވައްކޮއްލައިގެން އިނދެ ވާހަކަދެއްކިއެވެ.
"ނޭގެ ދޯ، އަހަރެންވެސް ބިޒީ ވީމަ އޭނަގެ މަސައްކަތް ދިޔަ ހިސާބެއްވެސް ބަލާނުލެވިގެން މިއުޅެނީ، ވެދާނެ މިކޮޅުގަ ނެތީކަމަށްވެސް، ނަހޫ ބައިވެރިވިޔަސް ނުވިޔަސް ޝޯ ކުރިއަށް ދާނެއެއްނު، މިހާ ބޮޑުކަމެއް ވަންމަންތު ތެރޭ ނިންމާލަންވީމަ މިއުޅެނީ ނުވެގެން، ދެން ކިހިނެއް ނަހޫ އަދި ނިންމާނީ، އޭނަ ޑިޒައިންތައް އެފެއްޓީ އިހަށްދުވަހު، އެކަމަކު ހިތަށް އަރާ ނަހޫގެ ޑިޒައިންތައް ހުންނާނީ ކިހިނެއްބާއޭ، ބިގް ކޮމްޕެޓިޝަންއަކަށް މިކަންވެދާނެބާއޭ" އީލާކް އޭނަގެ މަސައްކަތް ކުރިއަށްގެންދަމުން ޝުދުފާ ބުނިއެއްޗަކަށް ޖަވާބުދިނެވެ.
"އަހަރެން ބޭނުމެއްނޫން ޝޯ ސްޓޮޕާއަށް ވާކަށް" ރޮޒޭން ބުނެލިއެވެ.
"އޯ ކަމޯން ރޯޒް... ޔޫ އެންޑް ޝުދޫ އާ މައިބެސްޓް ފްރެންޑްސް، ދިސް ޝޯ އިޒްމައި އެވްރީތިންގް، ޕްލީޒް... ރޯޒްއަށްވުރެ ރީތި އެއްވެސް މޮޑެލްއެއް ޝޯއިން ނުފެންނާނެކަން ޔަގީން، އެހެންވެ ބޭނުންވަނީ އަހަރެންގެ އެންމެ ރީތި ޑިޒައިން ހުށަހަޅާދޭ ފަރާތަށް ރޯޒްވާން، ތިހެން ބުންޏަސް ކޮއްދޭނަން ދޯ" އީލާކް ރޮޒޭންއަށް ބަލާލަމުން ބުނެލިއެވެ.
"ހޫމް ހޫމް، އީކްވިއްޔަ ކޮއްދޭންތާ ޖެހޭނީ، ބުނަން މިއަދު އިރުއޮއްސެންދެން ނީދެވޭނެ އެނގޭ، ހަވީރުން ދޮންތަގެ ކަމެއް ކޮއްދޭން ގެއަށް ދާން އެބަޖެހޭ" ރޮޒޭން ބޯޖަހާލަމުން ބުނެލިއެވެ.

މީޓިން ނިންމާފައި ކޮންފަރެންސް ރޫމުތެރެއިން ނުކުތްގޮތަށް އެކަކާވެސް އަނގައިން ބުނުމެއްނެތި ގޮސް ލިފްޓަށް އެރިއެވެ. އޭނަގެ މިސްރާބުހުރީ ހޮޓެލްގައިވާ އޭނަގެ ކޮޓަރިއަށެވެ. ފައުޒީ އެއްޗެއް ބުނަން އުޅެފަވެސް ޒައުލްގެ ސަމާލުކަމެއް ނުލިބުމުން އަޅާނުލާ ސިޑިން ފައިބައިގެން ދިޔައީ މޫނުހަދާލައިގެން ހުރެއެވެ. ފަހަކަށް އައިސް ފައުޒީއަށް ބަދަލުތަކެއް އަންނަމުން ދިޔަކަން ޒައުލްއަށް ފާހަގައެއް ނުކުރެވުނެވެ. އެއަށްވުރެ އޭނަގެ އަމިއްލަ ހަޔާތާމެދު އޭނަވަނީ ކަންބޮޑުވެ ހާސްވެފައެވެ.
ކޮޓަރިއަށް ވަދެވުމާއިއެކު ޒައުލް ލައިގެން ހުރި އަންނައުނު ވަކިވަކިން ކޮޓަރީގެ ތެރެއަށް އުކަމުންދިޔައެވެ. އޭނަ އަވަސްވެގަތީ ފާހާނާއަށް ވަނުމަށެވެ. ފެންމާގަނޑުން އޮހިގަތް ފެންތަކާއިއެކު ދެލޯ މަރާލައިގެން ޒައުލް ހުއްޓެވެ. ޔޫހާ އާއި ބައްދަލުކޮއްފައި އައިފަހުން އޭނައަށް ހަމަޖެހުމެއް ނުލިބެއެވެ. އަބަދުމެ ލޯ ކުރިމަތީ ސިފަވަމުންދަނީ އޭނަގެ މޭގައި މޫނު ފޮރުވާލައިގެން އިނދެ ޔޫހާ ރޮމުންދިޔަ މަންޒަރެވެ. އެކަމުގެ ސަބަބުން ޒައުލްގެ ހިތަށް އިޙްސާސްކުރެވިގެންދިޔަ ތަދެވެ. ލިބުނު ހިތްދަތިކަމެވެ. ޒައުލް އޭނަގެ މޭގައި އަތްހާކާލާފައި ފާހާނާގެ ފާރުގައި މުއްކަވާލި އަތުން ޖެހިއެވެ. ޔޫހާ އާއި ގާތްވާން އޭނަ ބޭނުމެވެ. އެކަމަކު ނޭގެނީ ދެން ހަދަންވީ ގޮތެވެ.

"ހާދަ ފްރެޝްއޭ، ދޮންބެއަށް މިހާރު ސްކޫލް ދޮށަށްވެސް ދެވެނީ ފެންވަރައިގެން ސެންޓުބުރުވައިގެން ދޯ" އަފްލީން ޝާއިން އާއި ދިމާކޮއްލާފަދަ ގޮތަކަށް ބުނެލިއެވެ.
"ހޫނުގަދަ ދުވަސްކޮޅެއްވީމަ ގިނަގިނައިން ފެންވަރަން ޖެހޭނެއެއްނު، އޭރުންނޭ ފްރެޝްވާނީ، އަނެއްކާ ސްކޫލް ދޮށުގަ އޮންނާނެ ބައިވަރު މީހުންވެސް" ޝާއިން ބޫޓަށް އަރަމުން ބުނެލިއެވެ. އޭނަ އެއުޅެނީ ކިޔާން ބަލާ ސްކޫލް ދޮށަށް ދިއުމަށެވެ.
"ހޫމް ހޫމް، އެނގެޔޭ، ސްކޫލް ދޮށަށް ދާ އަންހެން ކުދިންވެސް ވަރަށް ގިނަވާނެ" އަފްލީން އަނެއްކާވެސް ދިމާކޮއްލުމުގެ ގޮތުން ބުނެލިއެވެ. ޝާއިން އަތްމަޅާލަމުން އަފްލީންގެ ގައިގާ ޖެހުމަށް އުޅުނުވަގުތު ސޯފާއިން ތެދުވެގެން ދުއްވައިގަތެވެ. ގޭގައި އަފްލީންގެ ހުނުމުގެ އަޑު ފެތުރިގެންދިޔައެވެ. ޝާއިންވެސް ހެމުން ހެމުން ގެއިން ނުކުމެގެން ހިނގައްޖެއެވެ.

ހަވީރުގެ ވަގުތެވެ. ސްކޫލްގެ ގޭޓު ހުޅުވާލުމާއިއެކު ހުރިހާ ބެލެނިވެރިން ކުދިންބަލާ ސްކޫލުގެ ގޯތިތެރެއަށް ވަންނަންފެށިއެވެ. ޝާއިން ވަށައިގެން ހޯދަމުން ކަހަލަގޮތަކަށް ކިޔާންގެ ކްލާހާ ހަމައަށް ދިޔައެވެ. އަދި ކިޔާން ގޮވައިގެން އޭނަ އާއި ވާހަކަ ދައްކަމުން ސްކޫލުން ބޭރަށް ނުކުތްވަގުތު އޭނަގެ ލޯ ހޯދަމުން ދިޔަ ފަރާތްނުމުން އޭނަގެ ހިތުގެ ހިނގުން އަވަސްކުރުވިއެވެ. ކިޔާންގެ އަތުގައި ހިފައިގެން އަވަސް ފިޔަވަޅުގައި ޝާއިން ހިނގައިގަތީ އެއަންހެން ކުއްޖާގެ ފަހަތުން ދިއުމަށެވެ. ކޮންމެ ދުވަހަކުހެން އޭނަ އެއަންހެން ކުއްޖާ ފެނޭތޯ ބަލައެވެ.
"ހެލޯ..." ޝާއިން އެއަންހެން ކުއްޖާގެ ފަހަތުން ގާތްވެލާފައި ބުނެލިއެވެ.
"ކާކު..." އަންހެން ކުއްޖާ ފަހަތަށް އެނބުރިލަމުން ބުނެލިއެވެ. އޭރު ޝާއިން އޭނަގެ ކަނާތްފަރާތުން އަރާ ހަމަކޮއްފިއެވެ.
"ތަގްދީރުގައި އަހަރުމެން ދެމީހުން ދިމާވާން ލިޔެވިފަވާނަމަ އަދި ދިމާވާނެ، އެދުވަހަކުން އަހަރެންގެ ނަން ބުނާނަން.... ހަނދާން އެބަހުރިތަ؟" ޝާއިން ހިނިއައިސްފައި ހުރެ ބުނެލިއެވެ.
"ހޫމް، ހަނދާން އެބަހުރި، ދިމާވެސް ވެއްޖެ... ނަން ބުނަންވީތަ، އެނގެން ބޭނުންތަ" އެއަންހެން ކުއްޖާވެސް ރަކި ގޮތަކަށް ބުނެލިއެވެ.
"އިންތިޒާރު ކުރާތާ ކޮންދުވަހެއް، ތިހާ ރީތި ކުއްޖެއްގެ ނަން އެނގެން ބޭނުންނުވާނީ ކާކު؟ އެ ނަސީބު ލިބޭތޯ ބަލަމުން ދާތާ ކޮންދުވަހެއް، ތަގްދީރު އަހަރުމެން ދެމީހުން އެކަކު އަނެކަކާ ބައްދަލު ކުރުވައިފި، ދެން ނަންބުނެބަލަ، ޔަގީން ތިކުއްޖާހާ ނަންވެސް ރީތިވާނެކަން" ޝާއިން ކެރިގެން ވާހަކަދެއްކިއެވެ. ރަކި ހީލުމެއްގެ އަޑުއިވިގެން ދިޔައެވެ.
"ރޮޒޭން..." އެއަންހެން ކުއްޖާ އިސްޖަހާލައިގެން ހުރެ ބުނެލިއެވެ.
"ވަރަށް ރީތި ނަމެއް، ރޮޒޭން އަހަރެންގެ ފްރެންޑަކަށް ވެދާނަންތަ؟ އަހަރެން ވަރަށް ބޭނުން ރޮޒޭން އާއި ވާހަކަ ދައްކާލަން...." ޝާއިން އޭނަގެ ހިތުގެ އެދުން ކޮންމެވެސް ސިފައެއްގައި ހާމަކޮއްލެވޭތޯ އުޅުނެވެ.
"ހެ ހެ ހެ... އަހަރެން ފްރެންޑްވާން ބޭނުންނުވެއްޖެއްޔާ" ރޮޒޭން ހީލަމުން ބުނެލިއެވެ.
"ހާދަ ވަރަކަށް ތިހެނީ، ތިވަރަށް ހޭނީ ވަރަށް ހިތްހެޔޮ ކުދިން، އޯ ކާރާ ހަމައަށް އާދެވުނީ ދޯ، އަހަރެންނަށް ޖަވާބެއް ދީފަ ދާންވީނު، އެކަމަކު ބޭނުންވަނީ އަދިވެސް އިންތިޒާރުކުރުވަންކަމަށްވާނަމަ، އެންމެ ރަނގަޅު، އެކަން ކުރަންވެސް މިހިރީ ތައްޔާރަށް، މިހާރު ޔަގީންވެއްޖެ ރޮޒޭން އާއި އަހަންނަކީ ދުރުގައި ނުފެނި އުޅެވޭނެ ދެމީހުންނެއް ނޫންކަން، ބައި ދަ ވޭ، އައިއެމް ޝާއިން" ޝާއިން ހުއްޓިލަމުން ބުނެލިއެވެ. އޭރު ރޮޒޭން ދާންވި ކާރު މަގުގެ އަނެއްފަރާތުގައި އޮތެވެ.
"ފްރެންޑްސް..." ރޮޒޭން ކާރާ ދިމާލަށް ބަލަންހުރެ ބުނެލިއެވެ.
"ތޭންކްސް..." ޝާއިން މިހެން ބުނެ ސަލާމްކޮއްލުމަށް ރޮޒޭންއަށް އަތްދިއްކޮއްލިއެވެ. އެއަތުގައި ނުހިފަން ހުރެވެސް ރޮޒޭން ހިފީ ލަދުވެތިކަމާއިއެކުއެވެ. މަގުމަތީގައި އުޅޭ މީހުން ބަލާތޯ ބަލަމުންނެވެ. އެހިނދު ޝާއިން އޭނަގެ ޖީބުން ނެގި ގަލަމުން ރޮޒޭންގެ އަތްތިލާގައި އޭނަގެ ފޯނު ނަންބަރު ލިޔެލިއެވެ. ރޮޒޭންއަށް ލިބުނު ހައިރާންކަމާއިއެކު އަނގަ ހުޅުވިގެންދިޔައެވެ. އަދި އަވަސް އަވަހަށް ޝާއިންގެ އަތުން އޭނަގެ އަތްތިލަ ދައިގަތެވެ. ރަކިގޮތަކަށް ހެމުން މަގުހުރަސްކޮއްލާފައި އޭނަ ކާރަށް އަރައިފިއެވެ. ޝާއިން ހިނިއައިސްފައި ހުރެ އިރުކޮޅަކު ބަލަހައްޓައިގެން ހުއްޓެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު