ބާރުގަދަ ބިންހެލުމަކާއެކު ނިއުޒީލެންޑަށް ސުނާމީގެ އިންޒާރު

ނިއު ޒީލެންޑު ކައިރިއަށް އައި ބާރުގަދަ ބިންހެލުމަކާއެކު ސުނާމީއެއްގެ އިންޒާރު ދީފި އެވެ.

ރެކްޓާ މިންގަނޑުން 7.3ގެ ބާރުމިނުގައި އައި މި ބިންހެލުމުގެ އަސަރު ކޮށްފައިވަނީ ނިއުޒިލޭންޑްގެ ނޯތު އައިލެންޑަށް އެ ގައުމުގެ ނޭޝަނަލް އިމާޖެންސީ މެނޭޖްމަންޓް އެޖެންސީން ވަނީ ބުނެފަ އެވެ.

ބިންހެލުމާއެކު ސުނާމީގެ އިންޒާރު ދީފައިވާއިރު، ބިންހެލުމުގެ ސަބަބުން އެ ސަރަހައްދަށް ލިބުނު ގެއްލުން އަދި ސާފުވެފައެއް ނުވެއެވެ. ސުނާމީގެ އިންޒާރު ދީފައި ވަނީ ކޭޕް ރަންއަވޭ އިން ފެށިގެން ޓޮލާގާ ބޭ އަށެވެ.

ހަމައެއާއެކު ބިންހެލުމުގެ ސަބަބުން އޮޔަ ގަދަވާނެ ކަމަށާއި އައްސޭރިފަށުގެ ސަރަހައްދުތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވަނީ ބުނެފަ އެވެ. އެހެންކަމުން އެއްވެސް ގޮތަކަށް މޫދު ކައިރިއަށް ވެސް ނުދިއުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގައިފަ އެވެ.

އެ އެޖެންސީން ބުނީ މިހާރު ނެރެފައިވާ އިންޒާރު ކެންސަލް ކުރަންދެން، ސުނާމީގެ ބިރު އޮންނާނެ ކަމަށެވެ. އެހެންކަމުން އައްސޭރިފަށުގައި އުޅޭ ފަރާތްތަކުން އުސް ސަރަހައްދުތަކަށް ދިއުމަށާއި، ރައްކާތެރި ސަރަހައްދުތަކަށް މީހުން ބަދަލުކުރުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް