ޗައިނާއިން ރާއްޖެއަށް އިތުރު އެއް ލައްކަ ޑޯޒް ވެކްސިން ހަދިޔާކުރަނީ

ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ އެކު

ޗައިނާއިން ރާއްޖެއަށް ކޮވިޑް-19ގެ ވެކްސިންގެ އިތުރު 100،000 ޑޯޒް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލީޖޮންގް ވިދާޅުވެއްޖެ އެވެ.

އެކަން ހާމަކުރެއްވީ މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގަ އެވެ. މިނިސްޓަރު ޝާހިދު ވަނީ ޗައިނާ ސަރުކާރުގެ އެ ނިންމުމަށް ޝުކުރުއަދާކުރައްވައިފަ އެވެ.

ޗައިނާ އިން ވަނީ މީގެކުރިން ވެސް އެގައުމުގެ ސައިނޯފާމް ކުންފުނިން އުފެއްދި ސައިނޯފާމް ކޮވިޑް ވެކްސިންގެ އެއް ލައްކަ ޑޯޒް ހަދިޔާކޮށްފަ އެވެ.

މީގެ ކުރިންވެސް، ހެޔޮ އެދޭ ފަރާތަކުން ވަނީ ރާއްޖެއަށް 5000 ޑޯޒްގެ ސައިނޯފާމް ވެކްސިން ހަދިޔާކޮށްފަ އެވެ.

ނަމަވެސް ރާއްޖޭގައި އަދި އެ ވެކްސިން ދޭން ފަށާފައި ނުވެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައި ވަނީ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި ވެކްސިނެވެ. އެއީ އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލް ވެކްސިން އެވެ. އިންޑިއާ އިން ވެސް ވަނީ ރާއްޖެއަށް ދެ ލައްކަ ޑޯޒް ހަދިޔާކުރަން ނިންމައިފަ އެވެ.

ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން މު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް