ހެރީގެ ދެމަފިރިންނާއި ޝާހީ އާއިލާ ކުރިމަތިލުމަކަށް

މޭގަން މާކަލް އާއި ޕްރިންސް ހެރީ -- ފޮޓޯ: ޕީއޭ މީޑިއާ

އިނގިރޭސި ޝާހީ އާއިލާގެ "ވަކިތަކުން" މިނިވަންވުމަށް ފަހު ޕްރިންސް ހެރީ އާއި މޭގަން މާކެލްއަށް އާދައިގެ ދިރިއުޅުމަކަށް އެނބުރި ދެވޭ ގޮތެއް ނުވި އެވެ. އަދި ޝާހީ އާއިލާގެ "ފިތުނައި"ގެ ވާހަކަ ނުދައްކާ އެދެމަފިރިންނަށް މަޑުން ތިބެވުނު ކަމަކަށް ވެސް ނުވި އެވެ. އެމެރިކާގެ މަޝްހޫރު ޓީވީ ނެޓްވޯކް "ސީބީއެސް"ގެ އޮޕްރާ ވިންފްރީ ޝޯއަށް ދިން އިންޓަވިއުއެއްގައި ހެރީގެ ދެމަފިރިން ވަނީ ޝާހީ އާއިލާއަށް ސީދާ ރައްދުވާ ގޮތަށް ފާޑު ވިދާޅުވެފަ އެވެ. އަންނަ އާދިއްތަ ދުވަހު ދެއްކުމަށް ހަމަޖެހިފައިވާ އެ ޝޯގެ ޓްރެއިލާ ނެރެފައިވާ އިރު ހެރީ ވަނީ އޭނާގެ މަންމާފުޅު ޕްރިންސަސް ޑާޔާނާއާ މެދު ޝާހީ އާއިލާއިން ކަންކުރި ގޮތް މޭގަންއާ މެދު ތަކުރާރު ވެދާނެތީ އެ ކަންބޮޑުވުން އިންޓަވިއުގައި ފާޅުކުރައްވައިފަ އެވެ. އަދި މޭގަންގެ ބަސް މަގުވެސް ހުރީ ޝާހީ އާއިލާއިން އެއްގޮތަކަށް ވެސް ރުހޭނެ ކަހަލަ ގޮތަކަށް ނޫނެވެ.

އެ އިންޓަވިއުގެ ޓްރެއިލާ އާންމުވުމާ އެކު ޝާހީ އާއިލާގެ "ރައްދެއް" މި ވަނީ ހެރީގެ ދެމަފިރިންނަށް އަމާޒުވެފަ އެވެ. ޝާހީ އާއިލާގެ ކުޅިވަރު ފެށުނީ އިނގިރޭސި ޓައިމްސް ނޫހުން މީގެ އެއްދުވަސް ކުރިން މޭގަންއަށް ކުރި ބޮޑު ތުހުމަތަކާ އެކު އެވެ. ޝާހީ ގަނޑުވަރުގެ މުވައްޒަފުންތަކަކާ ހަވާލާދީ އެ ނޫހުން ތުހުމަތު ކުރީ މޭގަން ގަނޑުވަރުގައި އުޅުއްވި އިރު އެތަނުގެ މުވައްޒަފުންތަކަކަށް ހަނގާކުރި ކަމަށެވެ. އަދި ވަރަށް އިހާނެތިކޮށް ކަންކުރި ކަމަށެވެ.

އެ ރިޕޯޓާ ވިދިގެން ޝާހީ ގަނޑުވަރުން ނޫސް ބަޔާނެއް ނެރެ މިއަދު ބުނީ މޭގަންއާ މެދު މުވައްޒަފުން ކޮށްފައިވާ ތުހުމަތު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ. އާންމު ސަގާފަތަކީ ޝާހީ އާއިލާގެ މެންބަރުންނަށް ތުހުމަތެއް ކުރެވުނު ނަމަވެސް އަދި މައްސަލައެއް ބެލި ނަމަވެސް އެކަން އާންމު ނުކުރުމެވެ. އެކަަމަކު މި މައްސަލައިގައި ޝާހީ ގަނޑުވަރުގެ ސިޔާސަތު ބަދަލުވީ އެވެ.

ޝާހީ މުވައްޒަފުން އައްޔަން ކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ ބަކިންހަމް ޕެލެސްއިން ނެރުނު ބަޔާނުގައި ވަނީ ކުރީގެ މުވައްޒަފުންތަކެއް ހެރީ އާއި މޭގަންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މަސައްކަތުގެ މާހައުލުގަައި ހަނގާ ކުރުމަށާއި ފުރައްސާރަ ކުރުމަށް ފުރުސަތު ނުދޭނެ ކަމަށާއި އެ ތުހުމަތުތަކާ ގުޅުން ހުރި މުވައްޒަފުންނާ ވާހަކަ ދައްކާ، މައްސަލަ ބަލާނެ ކަމަށް ބުނެފަ އެވެ.

ބަކިންހަމް ޕެލެސްއިން އެފަދައިން ބުނީ ޓައިމްސް ނޫހުގެ ރިޕޯޓަކާ ގުޅިގެންނެވެ.

"އެ އާޓިކަލްގައި ފާހަގަކޮށްފައިވާ ކަންތައްތައް އަޅުގަނޑުމެންގެ އެޗްއާރު ޓީމުން ބަލާނެ. އަދި މިކަމުން ނެގޭނެ ފިލާވަޅެއް އޮތްތޯ ބެލުމުގައި ބައިވެރިވުމަށް، އޭރު [މަސައްކަތް ކުރި] މުވައްޒަފުންނަށް ފުރުސަތު ދޭނެ،" ގަނޑުވަރުގެ ބަޔާނުގައިވެ އެވެ.

ޓައިމްސްގެ ރިޕޯޓުގައިވާ ގޮތުން 2018 ވަނަ އަހަރު ހެރީ އާއި މޭގަން ކެންސިންޓަން ޕެލެސްގައި ދިރިއުޅުއްވި އިރު، މޭގަން މުވައްޒަފުންނަށް ހަނގާ ކުރައްވާ ކަމަށް ބުނެ އޭނާއާ ދެކޮޅަށް ޕްރިންސް ވިލިއަމްގެ ޕްރެސް ސެކްރެޓަރީއަށް ޝަކުވާއެއް ހުށަހަޅާފައިވެ އެވެ. އަދި އެ ޝަކުވާ ހުށަހެޅީ މޭގަންގެ އޭރުގެ ކޮމިއުނިކޭޝަން ޗީފް އެވެ.

ޓައިމްސްގައިވާ ގޮތުން މޭގަން ހަނގާ ކުރެއްވުމުގެ ސަބަބުން ދެ ޕާސަނަލް އެސިސްޓެންޓަކަށް އިސްތިއުފާ ދޭން ޖެހުނެވެ.

އެ ރިޕޯޓާ ގުޅިގެން މޭގަންގެ ތަރުޖަމާނު އާއްމު ކުރި ބަޔާނެއްގައި ވަނީ އެއީ އޭނާ އާއި ހެރީގެ "އަބުރު ކަތިލުމުގެ ގޮތުން، ރާވައިގެން ފަތުރާ ސައްހަ ނޫން މައުލޫމާތު" ކަމަށް ބުނެފަ އެވެ. އަދި އެ ތުހުމަތުތައް ފެންތަމިވެފައި ވަނީ އެ ދެމަފިރިން ޝާހީ އާއިލާގެ ތެރޭގައި ކުރައްވަން ޖެހުނު ތަޖުރިބާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަން ނިންމެވި ފަހުންކަން ފާހަގަކޮށްފަ އެވެ.

ސީބީއެސްއިން ބުނި ގޮތުގައި އިންޓަވިއުގައި މޭގަން ޝާހީ އާއިލާއާ ގުޅިވަޑައިގަތުމާއި ދަރިކަލުންނާއި އެ ދެ ބޭފުޅުންނަށް ކުރިމަތިވާ ޕްރެޝަރާ ބެހޭ ގޮތުން ވާހަކަ ދައްކަވާނެ އެވެ. އަދި ދެ ބޭފުޅުން އެމެރިކާގައި ދިރިއުޅުއްވުމާއި މުސްތަގުބަލުގައި ކުރައްވާނެ ކަންތައްތައް ހިއްސާ ކުރައްވާނެ އެވެ.

ހެރީ އާއި މޭގަން ކައިވެނި ބައްލަވައިގަތީ 2018 ވަނަ އަހަރުގެ މެއި މަހުގަ އެވެ. މޭގަން އަކީ އިނގިރޭސި ޝާހީ އާއިލާގެ އެހާ ސީނިއާ މެންބަރަކާ އެހެން ގައުމަކުން ކައިވެނި ބައްލަވައިގަތް ފުރަތަމަ ފަރާތަށް ވާއިރު، ކައިވެންޏަށްފަހު ބޮޑެތި މައްސަލަތަކެއް ޝާހީ އާއިލާއާއި މޭގަން އާއި ދެމެދު ހުރި ކަމަށް މީޑިއާތަކުގައި އަޑު ފެތުރުނެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ މާޗް މަހު މޭގަން އާއި ހެރީ ޝާހީ އާއިލާގެ ސީނިއާ މެންބަރު ކަމުންނާއި މަސައްކަތްތަކުން އެކަހެރިވެވަޑައިގެންނެވި އެވެ. އަދި އެ ދެ ބޭފުޅުން ދެން ޝާހީ އާއިލާގެ މެންބަރުންގެ ގޮތުގައި މަސައްކަތް ނުކުރައްވާނެކަން މިދިޔަ މަހު ބަކިންހަމް ޕެލެސްއިން ވަނީ އިއުލާންކޮށްފަ އެވެ.

މީގެ ކުރިން ވެސް ލަފާކުރެވިފައިވާ ގޮތުގައި ހެރީ އާއި މޭގަން ޝާހީ އާއިލާއިން ދުރަށް ދިޔަ ނަމަވެސް އެބޭފުޅުންނަށް ޝާހީ އާއިލާގެ އުނދަގޫތަކުން މުޅިން ސަލާމަތެއް ނުވެވޭނެ އެވެ. ސަބަބަކަށް ވަނީ އެ ނިންމުމާ ގުޅިގެން ޝާހީ އާއިލާގެ ބޭފުޅުނާ އެ ދެމަފިރިންނާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާތީ އެވެ.

comment ކޮމެންޓް