138.9 މިލިއަން ރުފިޔާގެ ޖޫރިމަނާއަކުން އެމްޕީއެލް ސަލާމަތްވެއްޖެ

އެމްޕީއެލް: އެ ކުންފުނި ވަނީ 138.9 މިލިއަން ރުފިޔާގެ ޖޫރިމަނާއަކުން ސަލާމަތްވެފައި ---

ޓަގް ބޯޓެއް ބަނުމުގެ މައްސަލައެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ސެންޓާ އެންޓަ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް 138.9 މިލިއަން ރުފިޔާގެ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމެއް ހައިކޯޓުން ބާތިލުކޮށްފި އެވެ.

ސެންޓާ އެންޓަ ޕްރައިސަސްއާ ހަވާލުކޮށްގެން އެމްޕީއެލްއިން ބަން ޓަގުބޯޓެއްގެ އަގު ނުދެއްކުމުގެ އަރާފައިވާ ޖޫރިމަނާގެ ގޮތުގައި 138.9 މިލިއަން ރުފިޔާ ސެންޓާ އެންޓަ ޕްރައިސަސްއަށް ދެއްކުމަށް 2016 ވަނަ އަހަރު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ޓަގްބޯޓުގެ އިންވޮއިސްއަށް އެމްޕީއެލްއިން ދައްކަން އެއްބަސްވީ 13.77 މިލިއަން ރުފިޔާ އެވެ. ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ނުދައްކާ ހިނގާ ކޮންމެ ދުވަހަކަށް ޖުމްލަ އަގުގެ ދެ ޕަސެންޓު ޖޫރިމަނާގެ ގޮތުގައި އަރާނެ ކަމަށް އެއްބަސްވުމުގައިވެ އެވެ. ޖޫރިމަނާގެ ގޮތުގައި 138.9 އެރީ އެހެންވެ އެވެ.

އިއްޔެ ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެ މައްސަލައިގައި ސެންޓާ އެންޓާ ޕްރައިސަސް އިންވޮއިސްތަކަށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށް މީގެ ކުރިން އެހެން މައްސަލައެއްގައި ނިންމާފައިވާ ކަމަށެވެ. މި މައްސަލައިގައިވެސް ހިމެނެނީ ހަމަ އެ އިންވޮއިސްތަކެވެ.

ހައިކޯޓުން މީގެ ކުރިން އެހެން މައްސަލައެއްގައި އިންވޮއިސްތަކާ މެދުއެގޮތަށް ނިންމާފައިވުމުން އެ 138.9 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކަން ނުޖެހޭނެ ކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވެ އެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާއާއި، ފަނޑީޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފަރުހީޒާ އެވެ.

comment ކޮމެންޓް