މާލޭގެ ރަށްވެހިން ދިރިއުޅެން ބޭނުންވާ 2،000 ހައުސިން ޔުނިޓު އެޅޭނެ ޖާގަ މާލޭގައި ބޭކާރު ގޮތުގައި ބޭނުންކުރަމުންދާ ބިންތައް ހުސްކޮށްގެން ތަރައްގީ ކުރެވިދާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭ މޭޔަރުކަމަށް މުއިއްޒު ކުރިއަށްގެންދަވާ ކެމްޕޭންގެ ތެރެއިން އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ހަފުތާއަކު ތިން ރޭ ކުރިއަށްގެންދާ ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވީ ސަރުކާރު ކުންފުނިތަކާ މުއައްސަސާތަކާ ހަވާލުކޮށްފައި ހުރި، އެހެން ނަމަވެސް އާންމުންނަށް އެއަށްވުރެ ފައިދާ ކުރަނިވި ގޮތަކަށް ބޭނުން ކުރެވިދާނެ ބައިވަރު ބިން މާލޭގައި މިހާރުވެސް އެބަހުރި ކަމަށެވެ.
"ބުރުޒު މަގުން ދެކުނަށް ހިއްކާފައި އޮތް ސަރަހައްދަށް ބަލާއިރު ސަރުކާރުގެ ބިންތައް ގޮތަށް ހުރި، ސަރުކާރުގެ ކުންފުނިތަކާ މުއައްސަސާތަކާ ހަވާލުކޮށްފައި ހުރި ވަރަށް ގިނަ ކޮށިތައް، ވަރަށް ގިނަ ބިންތައް އެބަހުރި. އެ ބިންތަކަކީ އެ ބިންތަކުގެ ބޭނުން އެއަށްވުރެ މާލޭ ރަށްވެހިންނަށް ފައިދާވާނެ ގޮތަށް އަދި ގެދޮރު ބިނާ ކުރުމަށް ބޭނުން ކުރެވޭ ތަންތަނަށް ބަދަލުކުރެވޭނެ." މުއިއްޒު ވިދާޅުވި އެވެ.
އެހެން ނަމަވެސް އެއީ ހަމައެކަނި ފްލެޓާއި އިމާރާތް ހަދާ ވާހަކަ ނޫން ކަމަށާއި، ފްލެޓާއި އިމާރާތްތަކާ އެއްކޮށް ޕާކުތަކާއި ހުސް ޖާގަތަކާއި އެތަންތަނުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާނެ ވަސީލަތްތައް ވެސް ގާއިމުކުރެވޭ ފަދަ ބިންތައް އެބަހުރި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެގޮތަށް 2،000 ހައުސިން ޔުނިޓު ތަރައްގީ ކުރެވޭނެ ޖާގަ މާލޭގައި ހުރިކަން ހޯދިފައިވާ ކަމަށެވެ.
"އަޅުގަނޑު ބެލިބެލުމުން މާލޭގައި އެބަހުރި 2،000 ހައުސިން ޔުނިޓު ގާއިމު ކުރެވޭނެ ވަރުގެ ޖާގަ. އެ ގާއިމުކުރާ ބިމުގައި ހައުސިން ޔުނިޓުތައް ބިނާކުރުމުގެ އިތުރަށް އެތަންތަނުގައި އުޅޭ ފަރާތްތަކަށް ބޭނުންވާ ހިދުމަތް ދޭ އިމާރާތްތަކާ އޯޕަން ސްޕޭސް، ގްރީން އޭރިއާތައް ހެދޭ ގޮތަށް ބައްޓަން ކުރެވޭނެ ބިންތައް އެބަހުރި،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެތަންތަން ހާއްސަވާން ޖެހޭނީ މާލޭގައި ނިކަމެތި ގޮތުގައި ދިރިއުޅެމުންދާ މާލޭގެ ރަށްވެހިންނަށް ކަމަށެވެ. މޭޔަރުގެ މަގާމަށް ހޮވިވަޑައިގެންފިނަމަ، އެ މަޝްރޫއު ރާވައި، އެކަމަށް ބޭނުންވާ ތަފްސީލީ ލިޔެކިޔުންތަކާއި ކުރިއަށްގެންދާނެ ގޮތް ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ރަސްމީކޮށް ކެމްޕޭން ފެއްޓެވީ މި މަހުގެ ހަވަނަ ދުވަހުގަ އެވެ. އޭނާގެ ކެމްޕޭންގެ ޝިއާރަކީ "ރައްޔިތުން އެދޭ އަމާޒަށް" އެވެ.