ފުލުހުންގެ ބޯޑަށް ހާމިދު އައްޔަން ކުރަން ކޮމިޓީން ރުހުން ދީފި

އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ހާމިދު އަބްދުލްޣަފޫރު --- ސަން ފައިލް ފޮޓޯ

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލާ "ފުލުސް ބޯޑު"ގެ މެމްބަރުކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް މެމްބަރު އަދި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ހަމަޖެއްސުމަށް ރުހުން ދިނުމަށް މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

ގައުމީ ޔުނިވާސިޓީގެ ކައުންސިލްގެ ރެޕްރެޒެންޓޭޓިވްއެއްގެ މަގާމު ފުރައްވަމުން އަންނަ ހާމިދު، ފުލުހުންގެ ބޯޑަށް އައްޔަން ކުރަން ކޮމިޓީން ފާސް ކުރިީ، މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ނުވަ މެމްބަރުންގެ ވޯޓާއެކު އެވެ.

އޭނާ އައްޔަންކުރުމަށް ރުހުން ދިނީ، އެ ބޯޑަށް އައްޔަން ކުރާ އާންމު މެމްބަރުގެ ގޮތުގައެވެ. އެ މަގާމަށް އާންމުގެ ތެރެއިން ފަސް މީހަކު ކުރިމަތިލި އެވެ. ބަކީ ތިބި ހަތަރު މީހުންނަށްވެސް ކުރިމަތިލީ ތަރުތީބުން ކޮމިޓީގައި ވޯޓަށް އެހި އެވެ. އެހެން ނަމަވެސް އެމީހުންނަށް ރުހުން ދޭން ފާހެއް ނުވި އެވެ.

އެހެން ކަމުން އާންމުންގެ ތެރެއިން ބާކީ އިން މަގާމަށް އަލުން ހުޅުވާލާނެ ކަމަށް ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

ހާމިދު އެމަގާމަށް އައްޔަަން ކުރަނީ، މަޖިލިސް ތަޅުމުގައި އެކަމަށް ނަގާ ވޯޓުން ފާސްވެއްޖެނަމައެވެ.

ފުލުހުންގެ ބޯޑަށް އައްޔަން ކުރުމަށް ހާމިދަށް ރުހުން ދިން އިރު، އޭނާއަކީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުގެ ހާލުގައި ހުންނަވަނިކޮށް ހޮޑައިދުއިން ހައްޔަރު ކުރި މީހުންގެ ތެރެއިން ހިމެނޭ މީހެކެވެ. އޭރު މަޖިލިސް މެމްބަރަކުން ކުރެއްވި ހާމީދު އެ މައްސަލާގައި ފުލުހުންނަށް ކުޑަކަމުދާތަކެތި ނުދެއްވުމަށް މަޖިލިހުގެ އިދާރާއަށް ވަދެވަޑައިގެން ނުކުމެވަޑައިނުގެން ހުންނެވި އެވެ.

ގާނޫނު ބުނާ ގޮތުން ފުލުސް ބޯޑު އެކުލުވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ރައީސް އައްޔަންކުރައްވާ ދެ މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެމްބަރުންގެ އިތުރުން އާންމުންގެ ތެރެއިން، ކުރިމަތިލާ ދެ މެމްބަރުންނެވެ.

ފުލުސް ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި، އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމެވެ.

comment ކޮމެންޓް