ރަނގަޅު މުސާރައަކާއެކު އެމްޓީސީސީ އިން ދިވެހިންނަށް ހާއްސަ 250 ވަޒީފާގެ ފުރުސަތު

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް -- ސަން ފޮޓޯ: ފަޔާޒު މޫސާ

މޯލްޑިވްސް ޓްރަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އެކި ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރާނެ 254 ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލާ މާދަމާ އިން ފެށިގެން ވޯކް އިން އިންޓަވިއު ކުރިއަށް ގެންދަން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ރާއްޖޭގައި އެންމެ ގިނަ ޕްރޮޖެކްޓުތައް ހިންގާ އެއް ކުންފުންޏަށް އެމްޓީސީސީ ވާއިރު، ކުންފުނީގެ ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރަން އެކަށީގެންވާ ވަރަށް ދިވެހިން ނުލިބޭ ކަމަށެވެ.

އަބަދުވެސް އެމްޓީސީސީ އިން އިސްކަންދެނީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދިނުމަށް ކަމަށާއި ނަމަވެސް ދިވެހިން ލިބުން ދަތިވެ، ކުންފުނީގެ މަސައްކަތްތައް ލަސްވާނެތީ، ދިވެހިން ނުލިބުމުން ވަޒީފާ އަށް ބިދޭސިން ގެންނަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީ އިން މިހާރުވެސް 50 ޕްރޮޖެކްޓެއް ކުރިއަށްގެންދާ ކަމަށާއި އެ ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރަން ޓެކްނިކަލް މީހުން ބޭނުންވާ ކަމަށެވެ. ވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އިތުރު ތަމްރީނާ ތަޖުރިބާގެ ފުރުސަތުތައްވެސް އެމްޓީސީސީ އިން ފަހިކޮށްދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މިއަދު ހުޅުވާލި ވަޒީފާގެ ފުރުސަތުތަކުގެ ތެރޭގައި ހެވީ ވެހިކަލް އޮޕަރޭޝަންް، ވެލްޑިން، ކާޕެންޓްރީ، މޭސަން، މެކޭނިކް އަދި އިންޖިނިއަރިންގެ ދާއިރާގެ ފުރުސަތުތައް ހިމެނެއެވެ.

މި ވަޒީފާތަކަށް 10،000 އާއި 25،000 އާ ދެމެދުގެ އުޖޫރައެއް ތަޖުރިބާ އައި ތަމްރީނަށް ބަލައި ލިބޭނެއެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ ވީހާވެސް ގިނަ ދިވެހިން މި ވަޒީފާތަކަށް ކުރިމަތިލުން،" އެމްޑީ އާޒިމް ވިދާޅުވިއެވެ.

މި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކަށް ވޯކް އިން އިންޓަވިއު ކުރިއަށްދާނީ މާދަމާ އިން ފެށިެގްނނެވެ. އިންޓަވިއު އޮންނާނީ މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގައެވެ.

މާދަމާ އިން ފެށިގން މާޗު 11 ވަނަ ދުވަހާއި ހަމައަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ 14:00 އިން 17:00 އަށް އިންޓަވިއު އޮންނާނެއެވެ. އިންޓަވިއު އަށްދާ މީހުންގެ ތެރެއިން ގާބިލް މީހުންނަށް ވަޒީފާ ހަމަޖެހޭނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

އެމްޓީސީސީގެ އެމްޑީ އާޒިމް ވިދާޅުވީ ރަށްރަށުގައި ތބި މީހުންގެ ތެރެއިންވެސް އެމްޓީސީސީ އިން ހުޅުވާލާފައިވާ ވަޒީފާތަކަށް ކުރިމަތިލާން ބޭނުން ފަރާތްތަކަށް އެފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން އެކުންފުނީގެ ސައިޓަށް ގޮސް ޝައުގުވެރިކަން ފާޅު ކުރެވޭނެ ކަމަށާއި އަދި އެމްޓީސީސއަށް އީމެއިލް މެދުވެރިކޮސް އަދި ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށްވެސް ޝައުގުވެރިކަން ފާޅުކޮށް ސީވީ އާއި ސިޓީ ފޮނުވޭނެ ކަމަށެވެ.

comment ކޮމެންޓް