އަލީ ވަހީދު ވަޑައިގަތީ ތުރުކީއަށް، ފުރުނު ގޮތް ހޯދަން އިމިގްރޭޝަނާ ސުވާލުކުރަނީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށްތަކުގެ ޝަރިއަތަށް ކްރިމިނަލް ކޯޓަށް ހާޒިރު ވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފެބުރުއަރީ މަހުގެ ނުވަ ވަނަ ދުވަހު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރާ އެކު އޭނާ ފުރައިގެން ދިޔައީ ތުރުކީގެ އިސްތަންބުލް އަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގައިފި އެވެ.

ޕާސްޕޯޓު ދޫކޮށްލުމާއެކު އަލީ ވަހީދު ވަނީ ހަމަ އެދުވަހުގެ ރޭ ރާއްޖެއިން ފުރައިފަ އެވެ. އޭރު ބެލެވިފައި އޮތީ އަލީ ވަހީދު ވަޑައިގަތީ ލަންޑަނަށް ކަމަށެވެ.

ނަމަވެސް އިމިގްރޭޝަނުން މައުލޫމާތު ސާފުކުރުމަށްފަހު ޕީޖީ އޮފީހުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ސިޓީއެއް ފޮނުވައިފަ އެވެ.

ސިޓީގައި ބުނެފައި ވަނީ ޓާކިޝް އެއާލައިންސްގެ ޓީކޭ 731 ފްލައިޓުން އެ ރޭ 11:09 ގައި އަލީ ވަހީދު ފުރާވަޑައިގަތީ އިސްތަންބޫލް އަށް ކަމަށެވެ.

މިއަދު އޮތް ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ނުލިބެނީސް އޭނާ ރާއްޖެއިން ފުރީ ކިހިނެތްތޯ ސުވާލު އުފައްދައިފަ އެވެ.

ފެބުރުއަރީ ނުވަ ވަނަ ދުވަހު އަމުރު ނެރުނު ނަމަވެސް، ކޯޓު އަމުރުގައި ތާރީހަކަށް އޮތީ 10 ފެބުރުއަރީ އެވެ. ޕީޖީ އޮފީހުން ބުނީ، ދައުލަތަށް ލިޔުންތައް ލިބުނީ 11 ވަނަ ދުވަހު ކަމަށެވެ.

އެހެންކަމުން ކޯޓުން އަމުރު ނުލިބެނީސް އިމިގްރޭޝަނުން އަލީ ވަހީދު ފުރަން ހުއްދަ ދިނީ ކޮން ގޮތަކުންތޯ ސާފުކުރަން އިމިގްރޭޝަނާ ސުވާލުކުރަން މިއަދު ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. ޔޫސުފް ޝާން ކޯޓުގައި ހެކިބަސް ދިނުމުންނެވެ.

އަލީ ވަހީދު ޕާސްޕޯޓު ހިފެހެއްޓި އަމުރު ބާތިލު ކުރީ ހަތަރު މަސްދުވަހުގެ މުއްދަތަށެވެ. އަދި އެ މުއްދަތުގައި އޭނާ ރާއްޖެ ނައިސްފި ނަމަ ޒިންމާ ނަގާނެ ފަރާތެއްގެ ގޮތުގައި އޭނާގެ ރަހުމަތްތެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ވަނީ ހަމަޖައްސައިފަ އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ އެވެ.

އަލީ ވަހީދު ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

comment ކޮމެންޓް