ފްރޭމް ކުރި ކަމަށް ބުނެ އެމްޑީޕީ މެންބަރަކު އަލީ ވަހީދު ދިފާއުކުރައްވައިފި

މަތިވެރި ދާއިރާގެ މެމްބަރު ހުސައިން ޒަރީރު -- ފޮޓޯ/ މަޖިލިސް

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ގޯނާގެ ދައުވާތަކަކީ ސިޔާސީ ކުލަޖެހިފައިވާ ދައުވާތަކެއް ކަމަށް، މަތިވެރި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒަރީރު މިއަދު ތުހުމަތު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ އަލީ ވަހީދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އަމުރު ކުރުމުން އޭނާ ފުރައިގެން ދިޔައީ ކަމަށާއި، އަދި އޭގެ ފަހުން ކޯޓުން އަމުރު ދޫކުރުމަކީ އަލީ ވަހީދުގެ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ އިދާރީ މައްސަލައެއް ކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވެ އެވެ. އަލީ ވަހީދުގެ މައްޗަށް ކޮށްފައިވަނީ، ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާއާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާއާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.

"އަތްލާން އުޅުނު ކަމާ، އުޅެފާނެ ކަމާ، ފަހަތުން ދުއްވައިގަތް ކަމާ ދުއްވައިގަންނަން އުޅެފާނެ ކަމަށްޓަކައި ވެސް [ދައުވާކޮށްފަ]. އެހެންވީމަ މީގަ ޖުމްލަކޮށް އަޅުގަނޑުމެންނަށް ފެނިގެން ދަނީ ސިޔާސީ ކުލަ ޖެހިފައިވާ ދައުވާއެއް ގޮތުގައި،" މެމްބަރު ވިދާޅުވި އެވެ.

ޒަރީރު ވަނީ އަލީ ވަހީދު ފްރޭމްކޮށްފައިވާ ކަމަށް އޭނާ ގަބޫލުކުރާ މޭރުމަކުން ވާހަކަދައްކަވައިފަ އެވެ. ޒަރީރު ވިދާޅުވީ މައްސަލައިގެ ހެކިތަކަށް ބަލާއިރު، އަލީ ވަހީދާ ދެކޮޅަށް ޑީއެންއޭ އެވިޑެންސް ލިބިފައި ނުވާކަމަށެވެ.

"މީގަ އެބަހުރި ހަމަ ސުވާލު އުފެދޭ ވަރަށް ގިނަ ކަންތައްތައް. މިފަދަ މައްސަލައެއް ނިންމާއިރު މުޅި މާހައުލު، ނޫނީ ހާދިސާ ހިނގިގޮތް ވަރަށް ރަނގަޅަށް ދިރާސާކޮށްފަ ނޫނީ ނިންމުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. ބައެއް ފަހަރު ރާވައިގެން މީހަކަށް ލަނޑު ދިނުމަށްޓަކައި މިޖަހަލަ މަސައްކަތް ކޮށްފަ އެބަހުރި،" މެމްބަރު ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ "މިގޮތަށް ފްރޭމް ކުރެވިގެން" ދައުވާ ކުރެވޭ ކަމަށް ވާނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

މީގެކުރިން އަލީ ވަހީދު ވަނީ މައްސަލައިގައި ސިޔާސީ ބައެއްގެ ނުފޫޒު ހިމެނޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އިންސާފުވެރިކަމާ އެކު ހިންގޭ ތަހުގީގަކުން މައްސަލަ ބަލައިފި ނަމަ، "ހަގީގަތް' ހާމަވާނެ ކަމަށާއި ބަޔަކު ރާވައިގެން އޭނާ "ފްރޭމް" ކުރި ސަބަބު ވެސް ތަހުގީގުން އެނގޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދަށް "ބޮޑު ދައުވާތަކެއް" ކުރާތީ ކަންބޮޑުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަަލަ ބަލައިނުގަތުމަށް ރެޖިސްޓްރާ ވަނީ ނިންމައިފަ އެވެ. ރެޖިސްޓްރާގެ ނިންމުން ޕީޖީ އޮފީހުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރަން ވަނީ ހުށަހަޅައިފަ އެވެ.

comment ކޮމެންޓް