އެއާ ވިސްޓާރާ އިން މާލެ-މުމްބާއީ ދަތުރުތައް ފަށައިފި

އެއާ ވިސްޓާރާގެ ފްލައިޓެއް ވީއައިއޭ އަށް ޖައްސަނީ --- ފޮޓޯ: ވީއައިއޭ

އިންޑިއާގެ އެއާ ވިސްޓާރާ އިން ރާއްޖެ އާއި އިންޑިއާގެ މުމްބާއީ އާއި ދެމެދު ސީދާ ދަތުރުތައް ފަށައިފި އެވެ.

މި ދަތުރުތައް ހަފްތާ އަކު ތިންދުވަހު ބާއްވަން ނިންމާފައިވާ އިރު މިއީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ގާއިމްކޮށްފައިވާ އެއާ ބަބުލް އެގްރިމެންޓުގެ ދަށުން ފަށާ ދަތުރު ތަކެކެވެ.

ދަތުރުތައް އޮންނާނީ އާދިއްތަ، ބުދަ އަދި ހޮނިހިރު ދުވަހު އެވެ. ޓިކެޓުގެ އަގު އުޅެނީ ދެކޮޅަށް 244 ޑޮލަރާއި 648 ޑޮލަރާ ދެމެދު އެވެ.

އެއާ ވިސްޓާރާ އަކީ އިންޑިއާގެ ޓާޓާ ގްރޫޕާއި، ސިންގަޕޯ އެއާލައިންސް ހިއްސާވެގެން އުފައްދާފައިވާ އެއާލައިނެކެވެ.

ރާއްޖެ-މުމްބާއީ ދަތުރުތަކުގައި އެއާ ވިސްޓާރާ އިން ބޭނުންކުރާނީ އޭ320 ނިއޯ އެއާކްރާފްޓެވެ.

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ގާއިމްކޮށްފައިވާ އެއާ ބަބުލް އެގްރިމެންޓުގެ ދަށުން އެއާ ވިސްޓަރާ އިން ރާއްޖެއަށް ޗާޓާޑް ދަތުރުތައް ވެސް ބޭއްވި އެވެ.

އެއާ ވިސްޓަރާގެ އިތުރުން އިންޑިއާގެ ހަތަަރު އެއާލައިނަކުން މިވަގުތު ރާއްޖެއަށް ދަތުރު ކުރެ އެވެ. އެއާ އިންޑިއާ، ގޯ އެއާ އަދިި އިންޑިގޯ އާއި ސްޕައިސް ޖެޓުން ރާއްޖެ އަށް ދަތުރު ކުރާއިރު ގޯ އެއާ އާއި އިންޑިގޯ އިން ރާއްޖެ-މުމްބާއީ ރޫޓުން ދަތުރު ކުރެއެވެ.

މި ދެ އެއާލައިނަކީ ވެސް ބަޖެޓު އެއާލައިނަށް ވާއިރު އެއާ ވިސްޓާރާއިން ދަތުރު ކުރާ ފަސިންޖަރުންނަށް ތިން ކްލާހަކުން ޓިކެޓު ގަނެވޭނެ އެވެ.

އިންޑިއާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. އިއްޔެގެ ނިޔަލަށް 45،636 ޓޫރިސްޓުން އިންޑިއާ އިން އައިސްފައިވާ އިރު މިދިޔަ އަހަރު އިންޑިއާ އިން 62،960 ޓޫރިސްޓުން އައިސްފައިވެ އެވެ.

comment ކޮމެންޓް