މަޖިލީހުން ކަންބޮޑުވުމުން ޒާހިދު އިސްތިއުފާ ދެއްވައިފި

ރައްޔިތުން މަޖިލީހުގެ ނުރުހުން އަމާޒުވެފައި ވަނިކޮށް އިލެކްޝަން ކޮމިޝަންގެ ކޮމްޕްލަޔަންސް ކޮމިޝަންގެ ވެރިޔާ މުހައްމަދު ޒާހިދު އެ މަގާމުން މިއަދު އިސްތިއުފާދެއްވައިފި އެވެ.

ޒާހިދު އެ މަގާމުން އިސްތިއުފާ ދެއްވިކަން އިލެކްޝަން ކޮމިޝަނުން "ސަން"އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޒާހިދު އެ މަގާމުން އިސްތިއުފާ މި ދެއްވީ އޭނާ އެޗްއާރުސީއެމްގެ މެންބަރުކަމުގައި ހުންނަވަނިކޮށް މީގެ ކުރިން މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި އޭނާ ވަކިކޮށްފައި ވާތީ އީސީގެ މުހިންމު މަގާމެއްގައި އޭނާ ހުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެ މަޖިލީހުގެ ރައީސް އާއި އެމްޑީޕީގެ ބައެއް މެންބަރުން ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އިއްޔެ ވަނީ އީސީގެ މެންބަރުން ހާޒިރުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި އެމްޑީޕީ މެމްބަރުން ވަނީ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި، ވަކިކުރި މީހަކު އެފަދަ ޒިންމާދާރު މަގާމަކަށް އައްޔަން ކުރުމަކީ، ހަމަޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ އެ މަގާމުގައި ހުރެގެން އެމްޑީޕީގެ ކެންޑީޑޭޓުން ހުށަހަޅާ ޝަކުވާތައް އިންސާފުވެރިކޮށް ނުބެލޭނެ ކަމަށްވެސް އެ މެމްބަރުން ވަނީ ބުނެފައެވެ.

https://sun.mv/149682

އެހެން ނަމަވެސް އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު އެކަން ދޮގު ކުރައްވައެވެ. އޭނާ ވިދާޅުވީ، ޒާހިދު އެ މަގާމުގައި ހުރުމަކީ އިންތިހާބަށް ނުފޫޒު ފޯރުވޭނެ ކަމެއް ނޫން ކަމަށާއި އެ މަގާމަކީ ކަންކަމުގައި އަމިއްލައަށް ގޮތް ނިންމޭވަރުގެ ބާރުގަދަ މަގާމެއް ނޫން ކަމަށެވެ.

comment ކޮމެންޓް