އޭލެވެލް އިމްތިހާނު ރާއްޖޭގައި ބާއްވަން ނިންމައިފި

މީގެ ކުރިންވެސް ތާވަލުކުރެވިފައި އޮތް ގޮތަށް މި އަހަރުގެ މެއި/ޖޫން ގައި ރާއްޖޭގައި އޭލެވެލް އިމްތިހާނު ބާއްވަން ނިންމައި، މިމަހުގެ 11 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެދެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގައި ބާއްވާނީ އެޑެކްސެލް އިން ދޭ އިމްތިހާނެއް ކަމަށާއި، ސެޓްފިކެޓުވެސް ދޭނީ އެޑެކްސެލް އިން ކަމަށެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ މިހާރު ރާއްޖޭގައި އޭލެވެލް އަށްް ކިޔަވާ ހުރިހާ ކުދިން އިމްތިހާނު ހަދާނެ ކަމަށެވެ.

"މިހާރު ހަމަޖެހިފައިވާގޮތުން ރާއްޖޭގައި އެގްޒާމް ބާއްވާގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދަން ރާވާފައި އޮތީ. އެގޮތުން މިއަހަރު މެއި / ޖޫން ގައި މިހާރު ކިޔަވަމުންދާ ހުރިހާ ކުދިން އޭ އެލް އެގްޒާމް އާ އެ އެސް އެގްޒަމްގައި ސިޓް ކުރާނެ. އެކުދިންގެ ޕޭޕާސްތައް އެޑެކްސެލް އިން މާކު ކުރާނީ. ސެޓްފިކެޓު ވެސް ހަމަ އެޑެކްސެލް އިން ދެއްވާގޮތަށް މިއޮތީ،" މިނިސްޓަރު ވިދާޅުވިއެވެ.

މެއި/ޖޫން ގައި ހަދާ އިމްތިހާނުގެ ނަތީޖާ އޮގަސްޓު 10 ގައި ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރުގެ މެއި/ޖޫންގައި އޭއެސް/އޭލެވެލް އިމްތިހާނު ނުބާއްވަން އިނގިރޭސިވިލާތުގެ ޕިއާސަން އިން ނިންމީ މިދިޔަ ފެބްރުއަރީ މަހުއެވެ.

ނަމަވެސް އޭއެސް/އޭލެވެލް އިމްތިހާނުތަކުގައި ބައިވެރިވާ ދަރިވަރުންގެ ފެންވަރު ވަޒަން ކުރުމާއި ސެޓްފިކެޓު ދިނުމުގެ ކަންތައް ކުރިއަށް ގެންދާނެގޮތެއް އަންގާނެ ކަމަށް އެފަރާތުން ވަނީ ބުނެފަ އެވެ.

އެ އެންގުމާ ގުޅިގެން އެޑިއުކޭޝަނުން ވަނީ އިމްތިހާނަށް ތައްޔާރުވުމަށް ކުރާ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަން އެދިފައެވެ. އަދި ރާއްޖެއިން އެއެސް/އޭލެވެލް އިމްތިހާނުގައި ބައިވެރިވާ ކުދިންގެ އެސެސްމެންޓު ކުރިއަށް ގެންދާނެ ގޮތެއް އޮތްތޯ ބެލުމަށް އެޑެކްސެލްއާއެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް މިނިސްޓްރީ އިން އޭރު ބުންޏެވެ.

"އަޅުގަނޑުމެން ވަރަށް ޕްރޮމްޕްޓް ކޮށް އެދުވަހުން އެދުވަހަށް އެޑެކްސެލް އާއެކު ވާހަކަތައް ފަށައިފިން. ވާހަކަ ފަށަން ޖެހުނު މައިގަނޑު ސަބަބަކީ އަޅުގަނޑުމެން ގަބޫލެއް ނުކުރަން ރާއްޖޭގެ އެއްވެސް ސްކޫލެއްގައި، އެބޭފުޅުން އެ ފާހަގަ ކުރައްވާގޮތަށް ޓީޗާ ބޭސްޑް އެސެސްމެންޓެއް ބާއްވައިގެން މިވަރުގެ ބޮޑު އިމްތިހާނެއް ރާއްޖޭގައި މިވަގުތު ކުރިއަށް ގެންދެވިދާނެ ކަމަކަށް. އެހެންވެ އަޅުގަނޑުމެން ވަކާލާތު ކުރަމުން ދިޔައީ ރާއްޖޭގައި އަންސީން ކުއެޝަން ޕޭޕާސް ފޯރުކޮށްދީގެން ކުރިންވެސް އިމްތިހަނު ބާއްވަމުން ދިޔަ ގޮތަށޭ ރާއްޖޭގައި އިމްތިހާނު ބާއްވަން ވާނީ،" ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ އެޑެކްސެލް އާއެކު ފަސް ބައްދަލުވުމެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އެޑެކްސެލް އާއެކު ބޭއްވި މަޝްވަރާ ތަކަށްފަހު، ރާއްޖޭގައި އިމްތިހާނު ބޭއްވުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށާއި، އިމްތިހާނަށް ރާއްޖޭގައި ކުރަންޖެހޭ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރިއަށް ގެންދަން ފަސޭހައަކަށް ރާއްޖޭގައި އިމްތިހާނުގެ ކަންތައް ކުރިއަށްދާނެކަން އެޑެކްސެލް އިން އިއުލާނު ކުރީ ރޭކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވަނީ މާޗު 11 ގެ ކުރިން އިމްތިހާނުގެ އެޕްލިކޭޝަންތައް ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ. އަދި މިފަހަރު ކަންތައް ހުރިގޮތުން ލޭޓް އެންޓްރީގެ ފުރުސަތު ދެވެން ނޯންނާނެކަމަށްވެސް ވިދާޅުވިއެވެ.

"ވަގުތު ލަސްކޮށްފިނަމަ މިހާރު ޝެޑިއުލްކޮށްފައި އޮތްގޮތަށް އިމްތިހާނު ބޭއްވުމުގައި ދަތިތަކެއް ދިމާވާނެ. އެހެންވީމާ 11 މާޗުގައި އެޕްލިކޭޝަން ކޮމްޕްލީޓު ކޮށްފިނަމަ އެބަ ވަގުތު ލިބޭ އިމްތިހާނު ކަރުދާސް ރާއްޖެ ގެެނެސް ސްކޫލުތަކަށް ފޯރުކޮށްދިނުމަށް،" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ކުރިން ތާވަލުކޮށްފައި އޮތްގޮތަށް ޖޫން މަހުގެ ފަހުކޮޅު އެޗްއެސްސީ އިމްތިހާނުވެސް ރާއްޖޭގައި ކުރިއަށް ދާނެ ކަމަށެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން މިދިޔަ 2020 ވަނަ އަހަރުގެ މެއި/ޖޫން އޭލެވެލް އިމްތިހާނު ބާއްވައިފައެއް ނުވެއެވެ. އެ އިމްތިހާނު ކުރިއަށް ގެންދިޔައީ އޮކްޓޯބަރު/ނޮވެމްބަރުގައެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރު އިމްތިހާނު ކަރުދާސް މާކު ކުރާއިރު، ހާލަތަށް ރިއާޔަތްކޮށް، ކުރިއަށްވުރެ ލުއިކޮށް އިމްތިހާނު މާކު ކުރާނެ ކަމަށެެވެ.

comment ކޮމެންޓް