ލަންކާއިން ކޮވިޑުގައި މަރުވާ މީހުން ވަޅުލާނީ ވަކި ރަށެއްގައި

ލަންކާއިން ކޮވިޑުގައި މަރުވާ މީހުން އަންދަން މަޖުބޫރު ކުރާތީ ގިނަ އަދަދެއްގެ މީހުން ވަނީ ނުރުހުން ފާޅުކޮށްފަ -- ފޮޓޯ: ގެޓީ

ކޮލަމްބޯ (މާޗް 3): ސްރީލަންކާއިން ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ވަކި ރަށެއްގައި ވަޅުލަން ނިންމައިފި އެވެ.

ލަންކާގެ ސަރުކާރުން ކޮލަމްބޯ ގެޒެޓު މެދުވެރިކޮށް އިއުލާން ކުރި ގޮތުގައި ކޮވިޑު ޖެހިގެން މަރުވާ މީހުން ވަޅުލާނީ އިރަނައިތީވު ރަށުގަ އެވެ. އެއީ ކޮލަމްބޯއާ 300 ކިލޯމީޓަރު (186 މޭލު) ދުރުގައި އޮންނަ ރަށެކެވެ.

ލަންކާ ސަރުކާރުން ބުނި ގޮތުގައި އިރަނައިތީވުގައި މީހުން ވަޅުލަން ނިންމީ އެއީ ކުޑަ އާބާދީއެއް އޮންނަ ރަށަކަށް ވާތީ އެވެ. އަދި ކޮވިޑުގައި މަރުވާ މީހުން ވަޅުލާނެ ބިމެއް އެ ރަށުން މިހާރު ވަނީ ކަނޑައަޅާފަ އެވެ.

ލަންކާ ސަރުކާރުން ވަނީ ކޮވިޑުގައި މަރުވާ މީހުން ވަޅުލާނީ އިރަނައިތީވު ރަށުގައި ކަމަށް ނިންމާފަ -- ފޮޓޯ: ބީބީސީ

ލަންކާގެ މުސްލިމް ކައުންސިލްގެ ނައިބު ރައީސް ހިލްމީ އަހުމަދު ވިދާޅުވި ގޮތުގައި ކޮވިޑުގައި މަރުވާ މީހުން ވަކި ރަށެއްގައި ވަޅުލާން ނިންމުމަކީ ނަސްލީ ތަފާތު ކުރުމެކެވެ. އަދި އެ ނިންމުމުގެ ސަބަބުން އިރަނައިތީވުގައި ދިރިއުޅޭ މުސްލިމުންނާއި ޓަމިލް ދަރިކޮޅުގެ މީހުންގެ މެދުގައި ދެބަސްވުން އުފެދި ދާނެ އެވެ.

ލަންކާއިން ކޮވިޑުގައި މަރުވާ މީހުންގެ ހަށިތައް އަންދަން ނިންމީ މިދިޔަ އޭޕްރިލް މަހުގަ އެވެ. އެއީ އެ ބަލީގައި މަރުވާ މީހުން ވަޅުލުމުން ބިމުގެ ފެން ފަށަލަ ތަޣައްޔަރުވެ، ވައިރަސް ފެތުރިދާނެ ކަމަށް އެގައުމުގެ ނުފޫޒު ގަދަ ބުޑިސްޓު ހާމުދުރުން ތުހުމަތު ކުރުމުންނެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ލަންކާގެ ސިއްހީ އޮފިޝަލުންވެސް ވަނީ ކޮވިޑުގައި މަރުވާ މީހުން ވަޅުލުމުގައި މައްސަލައެއް ނެތް ކަމަށް ބުނެފަ އެވެ. އަދި އެގައުމުން އެކަމަށް ހުއްދަ ދިނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

comment ކޮމެންޓް