ދެ އަހަރުވަންދެން ފުއްޕާމޭގައި އޮތީ ޕިނެއް!

12 އަހަރުގެ އަންހެން ކުއްޖާގެ ފުއްޕާމެއިން ނެގި ޕިން-- ފޮޓޯ: ޑރ.މުހައްމަދު އިސްމާއިލް

އުމުރުން 10 އަހަރުގައި އަނގަތެރެއަށް ލައިގެން އުޅުނު ޕިން ވީނުވީ އެއް ނޭނގި ގެއްލުމުން އޭރު އެކަމަށް މާބޮޑު ފަރުވާލެއް ނުބެހެއްޓުނެވެ. އުޅެމުން އައީ ރަށުގައި ކަމަށްވެފައި، ކުރެވޭނެ މާބޮޑު ކަމެއް ނުވެސް ނެތީ އެވެ. ނަމަވެސް މިފަހަކުން ބައެއްފަހަރު ކެއްސުމާއިއެކު ލޭ އަންނާތީ އެކި އެކި ޑޮކްޓަރުންނަށް ދެއްކި އެވެ. އެންމެ ފަހުން ފުއްޕާމޭގެ އެކްސްރޭއެއް ނަގައި ރަނގަޅަށް ބެލުމުން ފެނުނީ ކުޑަ "ދަގަނޑުކޮޅެއް" ފުއްޕާމޭގައި ތާށިވެފައިވާތަނެވެ.

އެ ދަގަނޑު ކޮޅު ނެގުމަށްޓަކައި މި ފެށުނު މާޗްމަހުގެ އެއްވަނަ ދުވަހު އައިޖީއެމްއެޗްގައި ވަނީ ހާއްސަ އޮޕަރޭޝަނެއް ކޮށްފަ އެވެ. ދަބަަރުޖަހައިފައިވާ މި ދަގަނޑުކޮޅަކީ މީގެ ދެއަހަރުކުރިން އަނގަތެރެއަށް ލައިގެން އުޅުމުގެ ތެރެއިން ގެއްލުނު ޕިން ކަން ޔަގީންވީ ހަށިގަނޑުން ބޭރުކުރެވުމުންނެވެ.

ދެ އަހަރު ވީއިރުވެސް ނުވެސް އެނގޭ!

ކުޑަ އަންހެންކުއްޖާގެ ފުއްޕާމޭގައި ހަރުވެފައިވާ މި ޕިން ނެގި މަންޒަރު ފެންނަ ކުޑަ ވީޑިއޯކޮޅެއް އޮޕަރޭޝަން ޓީމުގައި ހިމެނިވަޑައިގަތް އަދި އައިޖީއެމްއެޗްގެ ނޭވާލާ ނިޒާމުގެ ހާއްސަ ޑޮކްޓަރެއް ކަމުގައިވާ ޑރ. މުހައްމަދު އިސްމާއިލްވަނީ ޓްވިޓާގައި ޕޯސްޓްކުރައްވާފަ އެވެ.

ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވިގޮތުގައި، މި ޕިން ހަރުލާފައިވަނީ ކުއްޖާގެ ކަނާތު ފަރާތު ފުއްޕާމޭގެ ތިރީބަައިގަ އެވެ.

"ޕިނެއްކަމެއް ދަގަނޑުކޮޅެއްކަމެއް ޔަގީންވާ ގޮތަކަށް ނޫން ސީޓީ ސްކޭންގައި އިނީ. އެއީ ޕިންގެ ބޯ އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި. ފުރަތަމަ ބެލެވުނީވެސް މިއީ ދަގަނޑުކޮޅެކޭ. ބްރޮންކޮސްކޮޕީއިން ބަލާލައިރު ދަގަނޑުކޮޅުގެ ކޮޅު ފެންނަނީ ހަމަ ކިރިޔަ ކިރިޔާ" ޑރ. ވިދާޅުވި އެވެ.

ޕިނެއް ފަދަ "ފޮރިން އޮބްޖެކްޓެއް" ދިރުވާލެވިއްޖެނަމަ އެންމެ ފުރަތަމަ އެކްސްރޭ ނަގައި، އެ އެއްޗެއް ހަށިގަނޑުގައި އޮތް ހިސާބެއް ދެނެގަންނަން ޖެހެ އެވެ. އެއަށްފަހު ނޭވާލާ ހޮޅި ނުވަތަ ފުއްޕާމޭގެ ތެރޭގައި އެ އެއްޗެއް އޮންނަ ތަނުގެ ސަބަބުން އެކްސްރޭއަށް ނުފެނިއްޖެ ނަމަ ދެން ޖެހޭނީ ސީޓީ ސްކޭން ހަދާށެވެ. މި އެކްސްރޭއިން އެ އެއްޗެއް އޮތް ތަނާއި، ނޭވާލާ ހޮޅިއަށް ޕިން ހެރިފައި ހުރިތޯ އާއި ހޮޅިތަކުގެ ފަލަމިން ވެސް އެނގޭނެ އެވެ.

ނޭވާލާ ހޮޅި ނުވަތަ ފުއްޕާމޭގެ ތެރެއަށް މިގޮތަށް ދާ ޕިން ފަދަ ތަކެތި ނަގަނީ ނޭފަތުން ނުވަތަ އަނގައިން ބްރޮންކޮސްކޮޕީއެއް ލައްވައިގެންނެވެ. ވަށަމިނުގައި ފަސް ވަރަކަށް މިލިމީޓަރު ހުންނަ އަދި ކެމެރާ ހަރުކޮށްފައި ހުންނަ މި ހިމަ ހޮޅީގެ ޒަރީއާއިން ނޭވާ ހޮޅި އާއި ފުއްޕާމޭ ބަލައި، އެ އެއްޗެއް އިން ތަނާއި ހެރިފައި އިން ގޮތް ބަލަ އެވެ. އަދި ހޮޅީގެ ކޮޅުގައި އިންނަ، ހިފާލެވޭ ގޮތަށް ހަދާފައިވާ ފޯސެޕްސް ނުވަތަ ދަތި ބޭނުންކޮށްގެން އެތެރޭގައިވާ އެއްޗެއްގައި ހިފަ އެވެ.

ޕިން ހެރިފައިވަނީ ފުއްޕާމޭގެ އެންމެ އެތެރެއަށް!

ޕިނަކީ އަދި ކިތަންމެ އާންމުކޮށް ބޭނުންކޮށް އުޅޭ އާދައިގެ އެއްޗެކޭ ހީކުރެވުނަސް، މިފަދަ ކުޑަ ކުޑަ އެއްޗަކުންވެސް ފުރާނައަށް ނުރައްކާވެދާނެ އެވެ.

ކުޑަކުއްޖާގެ އޮޕަރޭޝަންގެ ތަފްސީލް ހިއްސާކުރައްވަމުން ޑރ.މުހައްމަދު އިސްމާއިލް ވިދާޅުވީ އެންމެ އުނދަގޫވި އެއްކަމަކީ ޕިން ހަރުލާފައިވަނީ ފުއްޕާމޭގެ ކަނާތްފަރާތުގެ ތިރީބަައިގެވެސް އެންމެ ބިއްދޮށުގައި ކަމަށްވުމެވެ. އެ ސަރަހައްދަކީ އެއްކޮށް ބެދިފައި ހުންނަ ދިމާލަކަށްވުމާއެކު، ޕިން ނެގުންވީ ޑޮކްޓަރުންގެ ޓީމަށްވެސް އުނދަގޫވި އަދި އޮޕަރޭޝަންގެ ސީރިއަސްކަމާއި ނުރައްކާތެރިކަންވެސް ބޮޑުވި ކަމަކަށެވެ.

ޕިން އެތެރެވިތާ އެހާ ގިނަސްދުވަސްވެފައި ވުމާއެކު، އަދި ހެރިފައިވަނީވެސް ފުއްޕާމޭގެ އެހާ އެތެރެެއަށްކަމަށް ވުމާއިއެކު، ޕިން ނަގާ ގަޑީގައި މާ ބޮޑަށް ލޭއައިސް ފުރާނައަށް ނުރައްކާވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެފަދަ ހާލަތަކުން ރައްކާތެރިވުމަށްޓަކައި ނޭވާ ހޮޅީގެ އެތެރެއަށް ލައްވާ ހާޢްސަ 'ބެލޫނެއް' ގެންގުޅޭ ކަމަށާއި އެފަދައިންވެއްޖެނަމަ ވަގުތުން ބެލޫން އިންފްލޭޓްކޮށް ފުއްޕާމޭގެ އެހެން ހިސާބުތަކަށް ލޭ ދިއުން ހުއްޓުވައިދީ ނޭވާލުން ވީހާވެސް ބޮޑަށް ނުހުއްޓޭނެ ފަދަގޮތަށް ޑޮކްޓަރުން ތިއްބަވަނީ ތައްޔާރުވެވަޑައިގެނެވެ. އެހެންނަމަވެސް، ލޭ މަނާ ނުވެއްޖެހާލަތެއްގައި ފުއްޕާމެއަށް އޮކްސިޖަން ނުލިބި ފުރާނަ ގެއްލިގެން ދިއުމަކީވެސް ވުން އެކަށީގެންވާ ކަމެކެވެ.

މާތް ﷲގެ އިރާދަފުޅާއިއެކު އެފަދަ އެއްވެސް ކޮމްޕްލިކޭޝަންއަކާއި ނުލައި އޮޕަރޭޝަން ކާމިޔާބުކަމާއިއެކު ނިންމާލެވުނުއިރު އުމުރުން އެންމެ 12 އަހަރުގެ މި ކުޑަކުއްޖާގެ ފުއްޕާމޭގެ އެ ސަރަހައްދުވަނީ ވަރަށް ބޮޑަށް މަސްއަރައި ދުޅަވެފައިކަމަށްވެސް ޑޮކްޓަރު ވިދާޅުވިއެވެ.

12 އަހަރުގެ އަންހެން ކުއްޖާގެ ފުއްޕާމެއިން ނެގި ޕިން-- ފޮޓޯ: ޑރ.މުހައްމަދު އިސްމާއިލް

މިއީ އުނދަގޫ، ނުރައްކާތެރި ކަމެއް!

ޕިނެއް ނޫނަސް، އެ ޒާތުގެ ކޮންމެ އެއްޗެއްވެސް ފުއްޕާމެއާއި ހިސާބަށް ފޯރައިފިނަމަ އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ ނޭދެވޭ އަސަރުތަކެއް ކުރާނެ އެވެ. ހާޢްސަކޮށް ތޫނު އެއްޗެއް ނަމަ ނޭވާލާއިރު އޭގެ ކޮޅު ހެރި ފުއްޕާމެ ފަޅައިންގޮސް، ނޭވާލާން އުނދަގޫވެދާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އެއަށްފަހު، މިފަދަ ކަމެއްގެ ނުރައްކާތެރިކަން އެންމެ ބޮޑުވަނީ، އެ އެއްޗެއް ފުއްޕާމެއިން ނުވަތަ ނޭވާ ހޮޅިން ނަގާ ވަގުތުގަ އެވެ. ބްރޮންކޮސްކޮޕީ ބޭނުންކޮށްގެން ޕިން ފަދަ ތަކެތި ނަގާއިރު ވޯކަލް ކޯޑުގައި އަޅައިގަނެ ވެއްޓިއްޖެނަމަ ތިރިއަށްވެސް އަދި މައްޗަށްވެސް ނުގޮސް ދެން ޖެހޭނީ ކަރުން ލޯވަޅެއް އަަޅައިގެން ނޭވާލައްވަން ކަމުގައި ޑޮކްޓަރު ވިދާޅުވި އެވެ. އަދި ވޮއިސް ބޮކްސްގައި ޖެހި އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ ދާއިމަށް އެމީހެއްގެ އަޑަށް ބަދަލުތަކެއްވެސް އަތުވެދާނެ އެވެ.

އަދި މި ކޭސްގައި ދިމާވިފަދައިން އެއްޗެއް ފުއްޕާމޭގައި ހަރުލާ ގިނަދުވަސް ވެއްޖެނަމަ، ފުއްޕާމެއަށް އޭގެ އަސަރުކޮށް އިންފެކްޝަން ހެދި އަދި އޮޕަރޭޝަނަކުން ފުއްޕާމޭގެ އެބައި އެއްކޮށް ވަކިކޮށް ނަގަންޖެހުމަކީވެސް ދިމާވެދާނެ ސީރިއަސް ހާލަތެކެވެ.

އަދި އެ އެއްޗެއް ނުފެނިއްޖެ ހާލަތުގައި ފަޅާފައި ނެގުމާއި، އަދި ދެންވެސް ނުނެގިއްޖެނަމަ ފުއްޕާމޭގެ އެބައި ވަކިކުރުމަކީވެސް ޑޮކްޓަރުން ކުރަންޖެހިދާނެ ކަމެކެވެ.

ކޮންމެ ދެމަހުން އެއްފަހަރު މިފަދަ އޮޕަރޭޝަނެއް ކުރަންޖެހޭ!

ބުރުގާގައި ޖަހާ ޕިންފަދަ ތަކެތި ނޭވާ ހޮޅިއަށް ދިއުމާއި އަދި ބަނޑުންވެސް ނަގަން ޖެހުމަކީ މިފަހުން ރާއްޖޭގައި ދިމާވަމުން އަންނަ އާންމު ކަމެކެވެ. 2014 ވަނަ އަހަރުން ފެށިގެން ޕްރެކްޓިސްކުރައްވަމުން އަންނަ ޑރ.މުހައްމަދު އިސްމާއިލް ވިދާޅުވީ ފާއިތުވި އަހަރެއްހާ ދުވަހަށް ބަލާއިރު އެވްރެޖްކޮށް ކޮންމެ ދެމަހަކުން އެއްފަހަރު މިފަދަ ކޭސްއެއް އަންނަ ކަމަށެވެ. އަދި މިއީ ނިސްބަތުން ރާޢްޖެފަދަ ކުޑަ އާބާދީއަކާއި ބަލާއިރު ބޮޑު އަދަދެކެވެ.

އަދި މިކަމަށް އާންމުން ހޭލުންތެރިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރުވެސް މި އަދަދުތައް ދަށަށް ނުދާކަން ޑރ. ހިތާމައާއި އެކު ފާހަގަކުރި އެވެ.

މިހާތަނަށް މިފަދައިން ދިމާވި ކޭސްތަކުގައި އުމުރުން އެއް އަހަރު ނުވާ ކުޑަކުއްޖެއްގެ ފުއްޕާމެއިން ސުޕާރީކޮޅެއް ނަގަން ޖެހުނުއިރު ޕިން ފިޔަވާ އެންމެ ގިނައިން ޖެހޭ އެކައްޗަކީވެސް އެއީ އެވެ. އަދި މި ލިސްޓުގައި ދެން އެންމެ ގިނައީ ކުޑަކުދިންގެ ކުޅޭ ސާމާނުތައް ކަމުގައިފާހަގަކޮށް ލެގޯ ފަދަ ކުދިކުދި ތަކެއްޗާއި، ބޫޓުތަކުގައާއި އެކި ކުޅޭ ސާމާނުތަކުގައި ހުންނަ އަޑުގޮވާ އެތިކޮޅާއި ގަލަން ފަދަ ތަކެތީގެ ފުލުގައި ހުންނަ ކުޑަ އެތިކޮޅުތައްވެސް ނެގިފަ އެވެ.

އެއްޗެއް އެތެރެ ވެއްޖެހެން ހީވާނަމަ އަވަހަށް ޑޮކްޓަރަށް ދައްކާ!

މިފަދަ ތަކެއްޗަކީ އަހަރެމެންނަށް ފެންނަ ފެނުމަށް ކުދިކުދި ތަކެއްޗެވެ. ކުޅެންއިންދާ ނުވަތަ ޕިނެއް އަނގަޔަށް ލައިގެންހުއްޓާ ދިރުވުނީތޯ ނުވަތަ އަނގައިން ވެއްޓި ގެއްލުނީތޯ ޔަގީންނުވާ ފަހަރުތައްވެސް ދިމާވަނީ މަދެއްކޮށެއް ނޫނެވެ.

އުމުރުން 12 އަހަރުގެ ކުޑަ ކުއްޖާގެ މި ކޭސްއިން ލިބޭ އެންމެ ބޮޑު އިބްރަތަކީވެސް މިއީ އެވެ. ކިތަންމެ ކުޑަ އެއްޗެއްނަމަވެސް ދިރުވާލެވިއްޖެހެން ހީވާނަމަ ވީ އެންމެ އަވަހަށް ޑޮކްޓަރަށް ދެއްކުމުގެ މުހިންމުކަމެވެ. އަދި އަވަސް ފަރުވާ ހޯދާ އެ އެއްޗެއް ހަށިގަނޑުގެ އެތެރޭގައި ނެތްކަން ޔަގީން ކުރުމެވެ.

" އަސްލު މިއީ ދިރުވުމެއް ނޫން. މިވާގޮތަކީ އަނގަތެރެއަށް ޕިން ލައިގެން ހުރެ އެތެރެއަށް ނޭވާލާ ގަޑީގައި އެ ޕްރެޝާއާއި އެއްކޮށް އެ ޕިން ނޭވާ ހޮޅީގެ ތެރެއަށް ދެމިގަންނަނީ. ދިރުވީމަ މި ދާނީ ގޮހޮރަށް." ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

ނޭވާ ހޮޅިއަށް މިފަދައިން އެއްޗެއް ގޮސްފިކަމުގައިވާނަމަ އެކަން އެނގޭނެ އެންމެ ފުރަތަމަ އަލާމާތަކީ ކެއްސައި ކޮށިއެރުމެވެ. ނޭވާ ހޮޅީގެ ތަންކޮޅެއް ތިރިއަށް އެ އެއްޗެއް ގޮސް، ކެއްސުން ހުއްޓި އެކަން ދިގުދެމިގެން ނުދާތީ އާދައިގެ ކަމެކޭ ހިތައި ގިނަފަހަރު އެ އެއްޗަކަށް ވީގޮތްވެސް ހަނދާން ނައްތާލެވެ އެވެ.

ނަމަވެސް، ދޭތެރެދޭތެރެއިން ރޯގާގެ އަސަރުކޮށް އަނެއްކާވެސް ކެއްސުމުގެ އަލާމާތްތައް ދުވަސްދުވަސްކޮޅުން ފެންނާނެކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އެއާއެކު، އާންމުކޮށް ޕިން ފަދަ ތަކެތި އަނގަޔަށް ލައި އުޅޭނަމަ މިފަދައިން ފެންނަ އަލާމާތްތައް އާދައިގެ ކަމަކަށް ނުހެދުމަށާއި، މިކަންކަން ނޭގޭވަރުގެ ކުޑަކުދިން އެއްޗެހި އަނގަޔަށް ލައި އުޅޭ އުމުރުގައި ހާޢްސަ ސަމާލުކަމެއް އަބަދުވެސް ބެލެނިވެރިން ދިނުމަށް ޑޮކްޓަރު އިލްތިމާސް ކުރެއްވި އެވެ.

comment ކޮމެންޓް